2 އަހަރުގެ ކުއްޖަކު ހުކުރަށް ގެންގޮސް ދެމިގެން ވެށްޓެންދެން ރޮއްވައިފިއެވެ.
"ރޮއްވީއެއް ނޫނެވެ. ރޮވުނީއެވެ. ނޫނެކެވެ. ރޮވުނީއެއް ނޫނެވެ. ރޮއްވީއެވެ." މި ބަހުސް ކުރެވިދާނެއެވެ. ނަމަވެސް ހަޤީޤަތަކީ މަސްޖިދު މުޙައްމަދު ތަކުރުފާނުލްޢައުޒަމުގެ 2 ވަނަ ބުރީގައި އިއްޔެ މިކަން ހިނގިކަމެވެ. ގިނަ ބައެއްގެ ހުކުރު ނަމާދަށް މައްސަލަތައް ކުރިމަތިވި ކަމެވެ.
ރޮއްވީ ކަމަށް ބުނަންޖެހެނީ ހުކުރަށް ގެންދިއުމަށް ތަމްރީނުނުކޮށް ހުކުރަށް ގެންދިއުމުންނެވެ. ހުކުރު ނަމާދަކީ ގިނަ ވަގުތުތަކެއް ހޭދަވާ ނަމާދަކަށްވާއިރު އެކަންކަމަށް ތަމްރީނު ނުކޮށް ހުކުރަށް ގެންދިއުމުންނެވެ.
ނަމާދަށް ޙަރަމް ބަނުމާއިއެކު ގެއަށް ދާން ބޭނުންކަމަށް ބުނެ ކުއްޖާ ރޯން ފަށައިފިއެވެ. މަޑަކުން ނޫނެވެ. އެކުއްޖާއަށް ރޮވުނުހައި ބާރަކަށެވެ. ރުއިމުގެ އަޑެއް ނުކެނޑެއެވެ. ދެވަނަ ރަކްއަތުގައި ފަހު އައްތަހިއްޔާތަށް ފެށުނުތަނާ ކުއްޖާ ދެމިއްޖެއެވެ. ވަރުބަލިވެގެންނެވެ. ސަލާމް ދިނުމަށްފަހު ކުއްޖާ ކޮނޑަށް ލައިގެން ބައްޕަ ތެދުވި އިރު ކުއްޖާގެ ދެލޮލެއް ނުހުޅުވެއެވެ.
ކައުއިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަ، އިތުރު އެކަލޭގެފާނުގެ 2 ކާފާފުޅު ބޭފުޅުން ކަމަށްވާ ޙަސަންގެފާނާއި ޙުސައިންގެފާނު މިސްކިތަށް ގެންެދެވީތީ މިއަދު އަޅުގަނޑުމެން ވެސް އެކަން ކުރަނީއެވެ.
ހިތާމައަކީ މުހިންމު ބައި ހަނދާން ނައްތައިލެވޭ ކަމެވެ. ހަސަނުގެފާނާއި ޙުސައިންގެފާނަށް ދެ ބޭފުޅުންގެ މަންމާފުޅާއި ބައްޕާފުޅުކަމަށްވާ އަލީގެފާނާއި ފާޠިމަތުގެފާނު ދެއްވި ތަރުބިއްޔަތެވެ. ކައުއިތުރު ރަސޫލާ ދެއްވަމުން ގެންދެވި ތަރުބިއްޔަތެވެ.
މިހާރު ގެއަށް ދިއުމުން ކުޅެންލިބޭ ގޭމާއި ފެންނަ ކާޓޫނުތައް އެއިރު ނެތުމުން ކުޑަކުދިން ގެއަށް ދިއުމަށް އެހައި ބޮޑު ސަމާލުކަމެއްވެސް އެޒަމާނުގައި ނުހުންނާނެކަން ވެސް ހަނދާންކޮށްލުން ރަނގަޅެވެ.
ކުދިން މިސްކިތަށް ގެންދިއުމަކީ ކުރަން ހަމަ ރަނގަޅުކަމެކެވެ. ނަމަވެސް އެކަމަށް ތަމްރީނުކުރަން ފަށަންޖެހޭނީ ގޭތެރެއިންނެވެ. ދެން ގޭކައިރީ މިސްކިތްތަކުންނެވެ. ހުކުރު ނަމާދު ވާންވާނީ އެންމެ ފަހުގެ މަރުހަލާއަށެވެ.
މިފަދަ އެއްވެސް ކަމަކަށް ވަގުތު ނުއޮންނަ ބެލެނިވެރިން ހުކުރަށް ދާންވުމުން އަންނާށޭ ދަރިފުޅާ ކިޔައި ގޮވައިގެންދާތީ މިދެންނެވި ފަދަ ހާދިސާތައް އަންނަނީ ކުރިމަތިވަމުންނެވެ.
އިއްޔެގެ ހުކުރުނަމާދަށް ބަލައިފިނަމަ އެ ސަރަހައްދުގައި ކުރަންވީ ގޮތަށް ފުރިހަމައަށް ހުކުރު ނަމާދު ކުރެވޭނީ ވަރަށް މަދު މީހަކަށެވެ. ކުޑަކުއްޖަކު ގިސްލާ ރޯ އަޑު އަހަމުން ހިތަށް ﷲ ވެއްދުވޭނީ ހާދަ މަދުމީހަކަށެވެ.
މިހާދިސާ އާއި ގުޅިގެން ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަޙްމަދު ފަހުމީ ދީދީ ވިދާޅުވީ ނަމާދު ކުރުވަންް ފަށަންޖެހޭނީ ގޭތެރެއިން ކަމަށެވެ. މިސްކިތަށް ގެންދިއަ ނަމަވެސް ކުއްޖާ ގޮވައިގެން ފުރަތަމަ ހުންނަން ޖެހޭނީ އެހެންމީހުންގެ ނަމާދަށް ގެއްލުންވާ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ފަސޭހައިން ފެއިބޭނެ ހިސާބެއްގައި ފަހަތުގައި ކަމަށެވެ. ތިމާގެ ސަބަބުން އެހެންމީހެއްގެ ނަމާދަށް ގެއްލުންވާނެ އެއްވެސް ކަމެއް މެދުވެރިވެގެން ނުވާނެ ކަމަށެވެ.
ދިވެހިންގެ ގިނަ ބައަކަށް ކަމުނުދާ "ކަޓު" މީހުން އެމީހުންގެ ވަރަށް ތުއްތު ދަރިން މިސްކިތަށް އެބަ ގެންދެއެވެ. ނަމަވެސް އެކުދިންގެ ފަރާތުން މިފަދަ މަންޒަރުތަކެއް ނުފެނެއެވެ. މިސްކިތްތެރޭގައި ހިނގައިލުން ފަދަ ކަމެއް ކުރި ނަމަވެސް އެހެން މީހުންނަށް އުނދަގޫވާ ޒާތުގެ ކަންކަން ކުރާތަނެއް ނުފެނެއެވެ. އެކުދިންނަށްވެސް ނަމާދުކުރަންޖެހޭކަން އެނގޭތީ ގެއަށް ނުދެވިގެން ރޯ އަޑެއް ނުއިވެއެވެ.
މިކަމުން އެނގެނީ ދަރިންނަށް ދެވޭ ތަރުބިއްޔަތުގެ ތަފާތެވެ. މައިން ބަފައިންގެ ޒިންމާ އަދާކުރުމުގައި ހުރި ތަފާތެވެ.
ނަމާދު ފަދަ އެތައް ބައެއްގެ ވަރަށް ބޮޑު ޙައްޤުތައް ހިމެނޭ ކަންކަމުގައި ޒިންމާދާރުކަމާއިއެކު އަމަލުކުރުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.