ކުށް ކުރީމާ ކުށްވެރިއެއް ކަމަށް ޤަބޫލުނުކުރާ މީހަކާ ވެރިކަން ހަވާލުކުރަން ހެޔޮ ވެދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 15ސ
ކުށް ކުރީމާ ކުށްވެރިއެއް ކަމަށް ޤަބޫލުނުކުރާ މީހަކާ ވެރިކަން ހަވާލުކުރަން ހެޔޮ ވެދާނެތަ؟
ކުށް ކުރީމާ އެއީ ކުށްވެރިއެއް ކަމަށް ޤަބޫލު ނުކުރާ މީހަކާއި ޤައުމެއްގެ ވެރިކަން ހަވާލުކުރުމަށްވުރެ މޮޔަ އެއްވެސް ކަމެއް ބައަކަށް ނުކުރެވޭނެއެވެ. ސަބަބަކީ އެކަމުން ފުރަތަމަ ވެސް އެނގެނީ އެމީހެއްގެ ކިބައިގައި އެއްވެސް އިންސާފެއް ނެތްކަން ކަމަށްވާތީއެވެ.

ކުށް ކުރިކަމަށް ބެލެވެނީ ކުށްކުރުމުންނެވެ. ކުޑަކުދިންނާއި މޮޔައިން ކަމެއް ކުރި ނަމަވެސް އެކަމަކަށް އަދަބެއް ނުއޮވެއެވެ. އެއީ އެމީހުންނަކީ ކުށްވެރިން ކަމަށް ނުވާތީއެވެ. ކުށްވެރިއަކަށް ވަނީ ބާލިޣުވެ ބުއްދި ސަލާމަތުން ހުންނަ މީހުން ކުށް ކުރުމުންނެވެ. އެހާލަތުގައި ކުށެއް ކޮށްފިނަމަ އެކަން ވާނީ ހަމަ ކުށަކަށެވެ.

އަޅުގަނޑަށް އެކަން ކުރެވުނީ ކަމަށާއި އެކަން ކުރީ ވެރިޔާ ވިދާޅުވެގެން ކަމަށް ބުނުމަކީ އެއްވެސް ހައްލެއް ނޫނެވެ. ސަބަބަކީ ވެރިޔާ ވިދާޅުވުމަކީ ކުށެއްކުރަން ލިބޭ ހުއްދައަކަށް ނުވާނެތީއެވެ.

މުސްލިމުން ބަލަނީ ކީރިތި ޤްރްއާނަށެވެ. ވެރިޔާ ވިދާޅުވީމާ ހަރާމް ކަންކަން ކުރުން ކީރިތި ޤްރްއާނުގައި ހުއްދަ ކުރައްވަވާފައެއް ނެތެވެ. ދެން އޮތީ ޤާނޫނު އަސާސީއެވެ. އެއިގައި ވަރަށް ސާފު އިބާރާތުން ލިޔެފައި އޮތީ ވެރިއަކު އަމުރުކުރި ނަމަވެސް ކުށެއް ނުކުރުމަށެވެ. އެއީ ހައްޤު ނޫން އަމުރެއް ކަމަށް ބުނެ އެކަމެއް ކުރުމުން ދުރުހެލިވުމަށެވެ. ވެރިއަކު ބުނެގެން ނަމަވެސް ކުށެއް ކޮށްފި ނަމަ އެކަމުގެ ޒިންމާ އެކަން ކުރި މީހަކު އުފުލަންޖެހޭނެ ކަމަށެވެ.

ވެލާނާގޭ އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ހިނގި ކަމެކެވެ. އޮފީހުގައި ކުރި ވައްކަމެއްގައި އެމަނިކުފާނުގެ ކޮއްކޯފުޅަކު ބައިވެރިވެވަޑައިގަތެވެ. ތަޙްޤީޤްގައި ކުށަށް އިއުތިރާފްވެސް ވެވަޑައިގެންނެވިއެވެ. މައްސަލަ ޝަރީއަތަށް ވެސް ފޮނުވިއެވެ.

ފަނޑިޔާރަށް ޙުކުމް ކުރައްވަން ކެރިވަޑައި ނުގަންނަވާތީ އެކަމުގައި ލަފާފުޅަކަށް ދެންނެވިއެވެ.

ނާޞިރު ފުރަތަމަ ކުރެއްވީ ސުވާލެކެވެ. ތިއަ ކަމުގައި އޮންނަނީ ކޮން ޙުކުމެއްތޯއެވެ؟ ޖަވާބުގައި 1 އަހަރާއި 2 އަހަރާއި ދެމެދުގެ މުއްދަތަކަށް އަރުވާލުން ކަމަށް ދެންނެވުމުން ދެއްވި ޖަވާބަކީ އެހެން މީހުންނަށްވުރެ އަދަބު ދެ ގުނަ ބޮޑުވާ ގޮތަކަށް ކޮއްކޮއަށް ޙުކުމް ކުރެއްވުމަށެވެ.

އެ ގޮތަށް އެޙުކުމް ކުރެވުނެވެ. މަޢާފް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ހައްޤެކެވެ. ނަމަވެސް ކޮއްކޮއަށް މަޢާފް ކުރެއްވީ އެހެން މީހުންނަށް މަޢާފް ކުރެއްވިތާ ހަމަ އެހައި ލަހުންނެވެ. އެހެން މީހުންނަށް 1 އަހަރުންނެވެ. ކޮއްކޮއަށް 2 އަހަރުންނެވެ.

ވެރިއަކަށް ހުންނަ މީހާއަކީ ކުށް ކުރީމާ އެއީ ކުށްވެރިއެއް ނޫން ކަމަށް ބުނާ މީހެއް ނަމަ އެ ޤައުމެއްގައި އެއްވެސް ހަމަޖެހުމެއް ނުއޮންނާނެއެވެ. އަދި އެފަދަ މީހަކާއި ވެރިކަން ހަވާލުކުރަން ހެޔޮ ވެސް ނުވާނެއެވެ.

ދަންނަވަން މިއުޅެނީ ހަމަ އަހްމަދު އަދީބްގެ ވާހަކައެވެ. އަދީބު ނަމަވެސް ކުށެއް ކުރީމާ އެކަން ވާނީ ހަމަ ކުށަކަށެވެ. އެކަމަށް ދެއްކޭނެ އެއްވެސް ބަހަނާއެއްވެސް ނެތެވެ. ނުވެސް އޮންނާނެއެވެ.

ކުށް ނުކުރުމަށް އެންގެވީ މާތްﷲއެވެ. ވީއިރު ތިމާ ހިތަށް އެރިހައި ކަމެއް ކޮށްފައި މިހެންވީ އެހެންވީ މިވެނި ބޭފުޅަކު އެންގެވީ ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. އެކަން އެގޮތަށް ބަލައިގަނެ ކުށް ކުރި ނަމަވެސް އެއީ ކުށްވެރިއެއް ނޫން ކަމަށް ޤަބޫލުކުރާނަމަ އެމީހަކު އެ ގޮންޖަހަނީ ކުށް ނުކުރުމަށް އަމުރު ކުރެއްވެވި މާތްﷲއަށެވެ. ކުށް ކުޜީމާ މީހާއަށް ނުބަލައި ކުރި ކުށަށް ބަލައި އަދަބު ދިނުމަށް ކީރިތި ޤްރްއާނުގައި އަމުރުފުޅު ކުރެއްވެވި މާތްﷲއަށެވެ.

އަހްމަދު އަދީބަކީ ކުށްވެރިއެއް ނޫންކަމަށް ބުނާ ކޮންމެ މީހަކީ މާތްﷲއަށް ގޮންޖަހާ މީހެކެވެ. ސަބަބަކީ އަދީބު ކުރި ކުށްތައް ހާމައަށް ފެންނަން ހުރުމެވެ. އެންމެންނަށް އެނގޭކަމެވެ. އަދީބު ކުރި ކުށުގައި އިތުރުބައަކު ބައިވެރިވެ އެކަމުން ފައިދާ ހޯދާފައިވާނަމަ އެއީ އިތުރު މައްސަލައެކެވެ. އެކަމުގެ ސަބަބުން އަދީބް ކުރީ ކުށެއް ނޫން ކަމަކަށް ނުހެދޭނެއެވެ.

ރައީސް ނަޝީދުގެ އިބާރާތުން ނަމަ މިހުންނަނީ ރޮކެޓް ސައިންސެއް ވެސް ނޫނެވެ. އެންމެންނަށްވެސް އެނގޭ ކަންކަމެވެ. އެހެން ކަމުން އަދީބަކީ ކުށްވެރިއެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ރައީސް ނަޝީދަކީ މާތްﷲގެ އެންެގެވުންތަކަށް ފައުޅުގައި ގޮންޖަހާ މީހެއްކަން އެކަމުންވެސް ހާމަ ނުވޭތޯއެވެ!
މިއަދު އޮންލައިން