މުޖުތަމައުގައި ކުށްކުރުން އިތުރުވަމުން އައުމުގައި ސޯޝަލް މީޑިއާގެ ދައުރު ވަރަށް ބޮޑު ކަމަށާއި ޝައިޠާނާ އާއި ބައިވެރިވެ ހިތްވަރުދޭ އިންސާނީ ޝައިތާނުންވެސް ވަރަށް ގިނަ ކަމަށް ދިރާސާ ތަކުން ދަނީ ދައްކަމުންނެވެ.
މިކަން ހާމަކޮށްފައިވަނީ ސައުދިއަރަބިޔާގައި ކުށްކުރާ އަންހެނުންގެ އަދަދު އިތުރުވާކަމަށް ބުނެ ހާމަކުރި ރިޕޯޓެއްގައެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ އެފަދަ ޝައިތާނުން ދަނީ ބަލިކަށި ނިކަމެތި އަންހެނުންގެ ހިތްތައް އަތުލައިގަނެ ކުށްކުރުމުގެ މާހައުލަށް ލަވަމުން ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ އަންހެނުން ކުށްކުރާ އަދަދު އިތުރުވަނީ ފިރިހެނުންގެ ސަބަބުން ކަމަށެވެ. ދަރިން ލިބުމުން ވަރިކޮށްފައި ދިއުމުން ޢާއިލާއަށް ބޭނުންވާ ފައިސާ ހޯދަން އަންހެނުންނަށް ޖެހޭތީ ކަމަށެވެ.
ދިރާސާގައި ބުނެފައިވަނީ ދަރިންގެ ކަންކަން ބެލެހެއްޓޭނެ ފަދަ ނެތުމުން ވައްކަންކުރުމާއި ހަށި ވިއްކުން ފަދަ ކުށްތައް ކުރުން އަންހެނުން އިޚްތިޔާރުކުރަނީ ދެން އެހެން ގޮތެއް އެމީހުންނަށް ނުވިސްނުމުން ކަމަށެވެ. އަދި އެކަމަށް އެންމެ ބޮޑަށް ބާރުއަޅައި މަގުފަހިކުރުވަނީ ސޯޝަލް މީޑިއާގައި އިބިލީހަށް އެހީތެރިވެދޭ އިންސާނީ ޝައިތާނުން ކަމަށެވެ.
އެދިރާސާގައި ބުނެފައިވަނީ ކައިވެނި ކުރުމަށްފަހު ފިރިން އެމީހުންގެ ޒިންމާ އަދާކުރަމުން ގެންދާނަމަ ކުށްކުރާ އަންހެނުންގެ އަދަދު މަދުވާނެކަމަށެވެ. އިންސާނީ ޝައިޠާނުންގެ ޝިކާރައަކަށް ވުމުގެ ފުރުޞަތު ކުޑަވާނެ ކަމަށެވެ.
ސައުދިއަރަބިޔާގައި މިދިއަ އަހަރު ޖިނާޢީ ކުށް ކުރި އަންހެނުންގެ އަދަދު 67 އަށް އެރުމުން އެއީ ގިނަ އަދަދެއް ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ސައުދީ ކޯޓުތަކުން މިދިއަ އަހަރު ބަލައިގެންފައިވާ ޖިނާޢީ ކުށްތަކުގެ ނިޞްބަތަށް ބަލާއިރު ފިރިހެނުންނާއި އަންހެނުންގެ ނިޞްބަތް އެއްވަރެވެ. އެހެން ކަމުން ކުށްކުރާ އަންހެނުންގެ އަދަދު އެވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ދިރާސާތަކުން ދައްކާގޮތުން ސައުދިއަރަބިޔާގައި ފޭރާމާއި ކޮސްމެޓިކްސް ފަދަ އަންހެނުން ބޭނުންވާ ތަކެތި ހޯދަން އަންހެނުން ކުށްކުރާ އަދަދަކީ ހަމަ އެންމެ އިންސައްތައެއްހައި މަދު އަދަދެކެވެ. އެހެން ހުރިހައި އަންހެނުން ކުށްކުރަނީ ފިރިންގެ ސަބަބުން ކުރިމަތިވާ މާލީ މައްސަލަތަކާއި ގުޅިގެންނެވެ.
އެއިގެ ތެރޭގައި އެންމެ ގިނައީ ދަރިން ލިބުމުން ވަރިކޮށްފައި ދިއުމަށްފަހު އަޅައިނުލުމުން ކުރިމަތިވާ މައްސަލަތަކާއި ގުޅިގެން ކުރިމަތިވަމުން އަންނަ މައްސަލަތަކެވެ.
ސައުދިއަރަބިޔާއަކީ އެތައް މިލިއަން ބައަކު ދިރިއުޅެމުން އަންނަ ޤައުމެކެވެ. 67 އަންހެނުން ކުށްކުރުމުން އެ އަދަދު އެވަނީ ގިނަ އަދަދެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. ކަންބޮޑުވެ ރިޕޯޓްތައް ނެރެފައެވެ.
ރާއްޖެއަކީ ބޮޑެތި މީހުންގެ ގޮތުގައި ގިނަވެގެން އެންމެ 2 ލައްކައެއްހައި މީހުން ދިރިއުޅޭ ޤައުމެކެވެ. ރާއްޖޭގައި އަންހެނުން ކުށް ކުރާ އަދަދު ކިހައިވަރެއްބާވައެވެ!
އަންހެނުންނަށް ކުށްކުރަން މަޖުބޫރުވާ ސަބަބު ސައުދިއަރަބިޔާ އާއި ރާއްޖޭގައި ހަމަ ދާދި އެއްގޮތެކެވެ. ވަރިކުރުމާއި ދަރިންނާއި އަޅައި ނުލުމާއި ދަރިންނަށްޓަކައި ކޮންމެ ކަމެއް ކުރަންޖެހުމުގެ ހާލަތުވެސް އޮތީ ދާދިއެއްގޮތަކަށެވެ.
ޑްރަގް ބަލި ޖެހި އެބަލީގެ ފަރުވާއަކަށް ކޮންމެ ދުވަހަކު ޑްރަގު ހޯދަން ކުށްކުރާ އަންހެނުންގެ އަދަދު ރާއްޖޭގައި އިންތިހާއަށް އިތުރުވެފައިވީނަމަވެސް އެބަލީގެ ޝިކާރައަކަށްވެފައިވާ އަންހެނުންގެ ސައުދީގައި ނެތްކަމަށް ބެލެވޭވަރަށް މަދުކަން ފާހަގަކުރެވެއެވެ.
އެހެންކަމުން މިކަންކަމަށް ވިސްނައި މިހާލަތުން ސަލާމަތްވުމަށް އެންމެންވެސް މަސައްކަތްކުރަން އެބަޖެހެއެވެ. އަދި ސަރުކާރން ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން އެބަޖެހެއެވެ.