އައްޑުއާއި ފުވައްމުލަކުގެ ޓްރާންސްޕޯޓުގެ ހިދުމަތް، ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 5މ 15ސ
އައްޑުއާއި ފުވައްމުލަކުގެ ޓްރާންސްޕޯޓުގެ ހިދުމަތް، ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީފި
އައްޑުއާއި ފުވައްމުލައް ގުޅުވައިދިން ވަރުގަދަ ވިއުގަ ވެގެންދިއައީ ދެ ސިޓީގެ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު އެއް ފައިދާއަށެވެ. އައްޑޫ ލިންކްރޯޑުގައި ތާރުއަޅައި ރަނގަޅު ފެންވަރަކަށް ހެދުމުން އަތޮޅުގެ ތަރައްގީއަށް ހަލުއިކަމެއް ލިބުނެވެ. އެއާ އެއްމިނުން އެމަގުގައި ދުއްވާނެ އުޅަނދުފަހަރު އިތުރުވިއެވެ. އެހެންނަމަވެސް އެ ދިގުމަގު ކަޑައްތު ކުރުމަކީ ވެހިކަލްނެތް ބަޔަކަށް ކުރެވޭ ކަމަކަށް ނުވެއެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން އެންމެބޮޑަށް އިސްކަން ދެއްވެވި އެއްކަމަކީ އައްޑުއާއި ފުވައްމުލަކުގައި ފެންވަރު ރަނގަޅު ޓްރާންސްޕޯޓު ވިއުގައެއް ގާއިމް ކުރެއްވުމަށެވެ. މި ޚިދުމަތް ފެށްޓެވުމަށް ސަރުކާރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލު ކުރެއްވިއެވެ. އައްޑުއާއި ފުވައްމުލަކުގައި މި ޚިދުމަތް ފެއްޓެވުމަށް އެމްޕީއެލްއިން ސަދަން ޓްރާންސްޕޯޓު ލިންކު (އެސްޓީއެލް) އުފައްދަވައި ޚިދުމަތް ދެއްވަން ފެއްޓެވިއެވެ.

ދުރުވިސްނި ވަޑައިގަންނަވާ އެމްޕީއެލްގެ އިސްވެރިންނާއި ގާބިލް މުވައްޒަފުންގެ މަސައްކަތުން އައްޑުއާއި ފުވައްމުލަކާ ދެމެދު ފެރީގެ ޚިދުމަތް ފަށައިފައިވަނީ 2015 ވަނައަހަރު ޑިސެންބަރުމަހުގެ 12 ވަނަދުވަހުއެވެ. އެދުވަސް ވެގެންދިޔައީ އައްޑުއާއި ފުވައްމުލަކުގެ ރައްޔިތުންނަށް ދިރުމެއް ލިބުނު އުފާވެރި ދުވަހަކަށެވެ. އެޚިދުމަތް ފަށައިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމީދުއާއި ފޭދުއާ ދެމެދު 41948 މީހުންވަނީ ދަތުރުކޮށްފައެވެ. އެއީ ބުރާސްފަތި ދުވަސްފިޔަވައި ކޮންމެ ދުވަހަކު އެދެމެދުގައި 4 ފެރީބާއްވައިގެންނެވެ. އެއީ ދޯނި ދެ ފެރީއާއި ލޯންޗު ދެ ފެރީއެވެ. ބުރާފަތި ދުވަސްހު ފަސްދަތުރު ކުރެއެވެ. އެއީ ލޯންޗު ތިން ދަތުރާއި ދޯނީގައި ދެ ދަތުރެވެ.

ހަމަ މި މުއްދަތުގައި އައްޑުއާއި ފުވައްމުލަކާ ދެމެދު 3454 މީހުންވަނީ ދަތުރުކޮށްފައެވެ. އައްޑުއާއި ފުވައްމުލަކާ ދެމެދު ފެރީ އޮންނަނީ ހަފްތާއަކު ތިންދުވަހުއެވެ. މިދަތުރުތައް ކުރަން ފެށުމުން ރައްޔިތުންގެ އާންމު ދިރިއުޅުމަށްވަނީ ބޮޑު އިންގިލާބެއް އައިސްފައެވެ. ފުދުންތެރިކަންވަނީ އިތުރުވެފައެވެ. ބޭނުންތައް ދިޔައީ ފުދެމުންނެވެ. ރަށުބަންދުން ވީއްލި ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އިތުރު މަސައްކަތް ކުރަން ފުރުސަތު ހުޅުވުނެވެ.

ކަނޑުމަގުންކުރާ ފެރީގެ ދަތުރުގެ ވާހަކަ ކުރުކޮށްލަމާ ހިނގާށެވެ. އައްޑޫ ލިންކު ރޯޑުން މިހާރު ފެންނަމުންދާ ހިތްގައިމު، އެއާކޯން ބަސްތައް އައްޑޫގެ މަގުތަކުގައި އެކިކޮޅުކޮޅަށް ދުވަން ފެށީ 2016 ވަނަ އަހަރު ޖުލައި 17 ވަނަދުވަހުއެވެ.

އެފަހުން ކޮންމެ ދުވަހަކު ފޭދުއާއި ހިތަދުއަށް 15 ދަތުރު ހިތަދޫން ފޭދުއަށް 15 ދަތުރު ކުރެއެވެ. މި ޚިދުމަތް ފެށިފަހުން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެ ދެރަށްދެމެދު 33054 މީހުންވަނީ ދަތުރުކޮށްފައެވެ.

މި ދަތުރުތަކުގެ ތެރޭގައި ސްކޫލް ބަސްދަތުރު ނުހިމެނެއެވެ. ހިތްހަމަޖެހުމާއެކު ފިނިކުރިބަހުގައި ހެޔޮއަގުގައި ދަތުރުކުރުމުގެ ފުރުސަތު ބައެއް މީހުން ސިފަކޮށްފައިވަނީ މަތިންދާ ބޯޓުފަހަރުގައި ދަތުރުކުރުންފަދަ ގޮތަކަށެވެ.

އައްޑޫގައި ގުޅިފައިވާ ރަށްރަށުގައި ބޭނުންކުރާ ބަސްދަތުރުތަކުގެ ޑީމާންޑު ބޮޑެވެ. ދަތުރުކުރާނެ މީހުން އުޅެއެވެ. އެހެންނަމަވެސް ދަތުރު ކުރުމުގައި އެބަސްތަކަށްވެސް ދަތިކަންކަން ހުރެއެވެ. ބައެއްމަގުތައް ހަނިވުމެވެ. ބައެއްމަގުތަކުގައި ދެފަރާތުގައި ހައްދާފައިވާ ގަސްގަހުގެ އޮފިތަކުގެ އުނދަގުލެވެ. މީގެ ތެރެއިން ހައްލު ކުރެވެންހުރި ކަންކަން ހައްލުކޮށްގެން މެދުކެނޑުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ދިނުމަކީ ފާހަގަ ނުކޮށް ދޫކޮށްލައިގެންވާނެ ވަރުގެ ކަމެއްނޫނެވެ. އެޚިދުމަތްދޭ ޚިދުމަތްތެރިންނަށް އައްސަރިހާ ސާބަސް ހުއްޓެވެ. ޝުކުރުވެރިކަމުގެ ބަސްތަކުން ވެދުންކުރުން ހައްގެވެ.

އައްޑޫގައި ގުޅިފައިވާ ރަށްރަށުގައި ބޮޑެތި ބަސްތައް ބޭނުންކުރިޔަސް ހުޅުމީދުއާއީ ފުވައްމުލަކުގައި ބޭނުންކުރަނީ 30 މީހުންގެ ޖާގައިގެ ބަހެވެ. ހުޅުމީދޫގައި ދުވާލަކު ޝެޑިއުލް 4 ދަތުރު ކުރެއެވެ. މިދަތުރުތަކުން އެވްރެޖުކޮށް ދުވާލަކު ދަތުރުކުރަނީ 50 މީހުންނެވެ.

"ހުޅުމީދޫގައި ދުވާލަކު އެވްރެޖުކޮށް ދަތުރުކުރަނީ ފަންސާސް މީހުން.،" ހުޅުމީދޫގައި ހުންނަ ސަދަން ޓްރާންސްޕޯޓު ލިންކުގެ ފަރާތުން ވާހަކަދެއްކެވި އަހުމަދު ޝާތިރު ވިދާޅުވިއެވެ. ރަށުތެރޭގައި ކުރާ ދަތުރުން ބޮލަކަށް ނަގަނީ 10 ރުފިޔާއެވެ. ދެ އަހަރުން ދަށުގެ ތުއްތުކުދިންނާއި 65 އަހަރުން މަތީގެ މީހުންގެ އަތުން ފީއެއް ނުނަގައެވެ. މިއީ ފުވައްމުލަކާއި އައްޑޫގެ އެހެން ރަށްރަށުގައިވެސް އަމަލުކުރާ އުސޫލެވެ.

ޝާތިރު ވިދާޅުވީ ހުޅުމީދޫގައި ބަސްދަތުރު ކުރާއިރު މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައިނެތުމުން ދިމާވާ މައްސަލަ ވަރަށް ބޮޑުކަމަށެވެ. ދަތުރުކުރާއިރު ވަޅުގަނޑުތަކަށް ޖެހުމުން ވެހިކަލަށްވެސް ގެއްލުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މަރާމާތު ކުރަންޖެހޭ ވަރުވެސް އިތުރުކަމަށް ވިދާޅުވިއެވެ.

ދެންއޮތީ ރީތިކަމާއި ނަލަ ކަމަށް މަޝްހޫރު ފުވައް މުލަކުގެ ވާހަކައެވެ. އެރަށުގައި ހުންނަ ސަދަން ޓްރާންސްޕޯޓު ލިންކު އޮފީހުގެ އެސިސްޓެންޓް މެނޭޖަރ ހުސައިންދީދީ ވިދާޅުވީ ދުވާލަކަށް އެރަށުގައި އެވްރެޖުކޮށް 35 މީހުން ބަސްދަތުރުކުރާ ކަމަށެވެ. ހުސައިން ވިދާޅުވީ މިޚިދުމަތް ވެގެންގޮސްފައިވަނީ އެރަށުމީހުން ވަރަށް ބޮޑަށް ބަލައިގަތް ޚިދުމަތަކަށް ކަމަށެވެ. "ބަސް ދަތުރަށް ލިބޭ ތަރުހީބު ނިސްބަތުން ވަރަށް ރަނގަޅު. އަޅުގަނޑުމެންގެ ފަންސަތިރީސް މުއްޒަފުން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭތޯ،" ހުސައިން ދީދީ ވިދާޅުވިއެވެ.

މި ޚިދުމަތަކީ ފައިދާއަށް ބެލުމެއްނެތި ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ފެއްޓެވި އަގުނުކުރެވޭނޭ ޚިދުމަތެކެވެ. ކަނޑު ދަތުރުތަކަށް ބޮޑު ޑިމާންޑެއް އޮތަސް އެއްގަމު ދަތުރަށް މާބޮޑު ޑިމާންޑެއްނެތެވެ. އެއީ އެންމެން އިއްތިފާގުވާ ކަމެކެވެ. އެހެންކަމުން ސަރުކާރުން މިޚިދުމަތް ދެއްވަމުން ގެންދަވަނީ ބޮޑު ސަބްސިޑީއެއްދީގެންނެވެ. ރައްޔިތުންނަށް ފަސޭހަކޮށް ދިނުމަށެވެ.

މިޚިދުމަތް އައްޑުއާއި ފުވައްމުލަކުގައި ކުރިއަށްގެންދާ ސަދަން ޓްރާންސްޕޯޓު ލިންކުގައި ގާތްގަނޑަކަށް 120 މުވައްޒަފުން ހަރަކާތްތެރިވެފައެވެ. ހަމަޔަގީނުންވެސް ދަތުރުތަކުން ލިބޭ އެއްޗަކުން މިއެންމެންނަށް މުސާރަ ނުދެވޭނެއެވެ. އެހެންނަމަވެސް މި ސަރުކާރާއި އެމްޕީއެލްގެ ވެރިން އިސްކުރެއްވީ މީގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ލުއިފަސޭހަކަމާއި ފައިދާއަށެވެ.

އައްޑުއާއި ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ޓްރާންސްޕޯޓު ވިއުގައިގެ ސަބަބުން އެދެއަތޮޅުގެ މީހުން ގާތްކޮށްދީފިއެވެ. ހުޅުމީދުއާއި އައްޑޫގެ އެހެންރަށްތަކުގެ ދުރުމިން ހާސްގުނަ ގާތްކޮށްދީފިއެވެ. ރައްޓެހި ރަހުމަތްތެރިންނާއި ގާތްތިމާގެ މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީފިއެވެ. އެއްގަމާއި ކަނޑުން ފެރީގެ ޚިދުމަތް ދެމުންގެންދާތީ އެކަމުގެ ހުރިހާވެސް ޝުކުރެއްއޮތީ އަދުގެ ސަރުކާރަށެވެ. އެމްޕީއެލްއާއި އެސްޓީއެލްގެ އިސްވެރިންނަށެވެ.
މިއަދު އޮންލައިން