ޤަވާއިދަށް ބަދަލު ނުގެނެސް ފުލުހުން ނެރެ ގަންހިންގުވުމުގެ ބޭނުމަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޤަވާއިދަށް ބަދަލު ނުގެނެސް ފުލުހުން ނެރެ ގަންހިންގުވުމުގެ ބޭނުމަކީ ކޮބާ؟

ޤަވާއިދަށް ހަމަ ކުޑަ ބަދަލެއް ގެނައުމުން ހުއްޓުވެން ހުރި ކަންކަމުގައި ޤަވާއިދަށް އެ ބަދަލު ނުގެނެސް ކޮންމެ ކަމެއްގައި ފުލުހުން މަގުތަކަށާއި ކަނޑުތަކަށްނެރެ ގަންހިންގުވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ 


މިހާރު އެންމެ ގަދައަށް މިއިވެނީ ސަފަރީތަކުން ޤަވާއިދާއި ޚިލާފަށް ބަނގުރާ ބާލަމުން ގެންދާ ވާހަކައެވެ. އެކަން ހުއްޓުވަން ފުލުހުން ސަފަރީތަކަށް އަރުވާ ވާހަކައެވެ. ހުޅުމާލެ ެތެރެ ބަލަހައްޓަން އެކަށީގެންވާ އަދަދަކަށް ހުޅުމާލޭގައި ފުލުހުން ނެތް އިރުއެވެ. 


އެކަމަކީ ކޮންމެހެން ފުލުހުން އިރުއިރުކޮޅުން ފޮނުވަންޖެހޭ ކަމެއް ނޫނެވެ. ޤަވައިދާއި ޚިލާފަށް އެކަންކުރާ ސަފާރީގައި ބަނގުރާ ވިއްކުން 1 އަހަރު ދުވަހަށް ހުއްޓުވާ ގޮތަށް ނިކަން ޤަވާއިދު އިޞްލާޙްކޮށްލަބަލާށެވެ. 


ސަފަރީއަކުން ފައިބައިގެން ދެވޭނީ އެއިގައި ތިބި ބައަކަށް އެނގިގެންނެވެ. ވީމާ އެއިން ބާލާ އެއްޗެއްގެ ޒިންމާ އެއިގައި ތިބި ބައަކަށް ނުއުފުލޭނެ އެއްވެސް ސަބަބެއް ނެތެވެ. މިދައްކަނީ ގައިގައި ތަތްކޮށްލައިގެން ގެންދެވޭ ކުޑަކުޑަ ތަވީދެއްވަރުގެ ހަކުރު ޕީސްއެއްގެ ވާހަކައެއް ނޫނެވެ. ބޮޑެތި ފުޅިތަކާއި ދަޅުތަކެއްގެ ވާހަކައެވެ. ހަމަ ގައިމުވެސް ފޮރުވައިގެނެއް ނުބޭލޭނެއެވެ. އެއިގައި ތިބި ބައަކު އެކަން ބަލަހައްޓާނަމައެވެ. 


ސަފާރީތަކުގެ މިފަދަ އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެއްވެސް މައްސަލައަކާއި ގުޅިގެން އެކަން ކުރުވާ ސަފާރީގެ ވެރިފަރާތާއި ދައުވާ ކުރެވޭތަނެއް ނުފެނެއެވެ. ސަފަރީގެ ވެރި ފަރާތް ނުވަތަ ސަފާރީީ އާއި ހަވާލުވެގެން ތިބޭ ބައަކު އެކަމަށް ޒިންމާ ނުކުރުވާހައި ދުވަހަކު މިއީ ހައްލުކުރެވޭނެ މައްސަލައެއް ނޫނެވެ. 


މިފަދަ ޖިނާޢީ ކުށްތަކަކީ ޖުރުމަނާ ކޮށްގެން ހައްލުކުރެވޭނެ ކަންކަމެއް ނޫނެވެ. ކުށްކުރަންޖެހިލުންވާ ވަރުގެ އަދަބެއް ލިބިގެން ނޫނީ ހައްލެއް ނުކުރެވޭނެއެވެ. މީހަކު ޖަލަށްލުމަކީ އަނެއް ވަބާއެވެ. ޖަލަށްލުމުން ފެށިގެން މަހަކު 30000 ރުފިޔާ ދައުލަތުގެ ބަޖެޓުން ހިނގާތީއެވެ. އަހަރަކު 360،000 ރުފިޔާ ޚަރަދުވާތީއެވެ. 


ކުށްކުރާ ސަފަރީގެ ލައިސަންސް ބާޠިލުކުރަން ހަމަ އެންމެ ރުފިޔާއެއްވެސް ޚަރަދުކުރާކަށް ނުޖެހެއެވެ. ކެންސަލްކޮށްލުމުން ނިމުނީއެވެ. 


ކަންކަން މިހައި ފަސޭހައިން ހައްލުކުރެވެން ހުރި ނަމަވެސް އަބަދުވެސް މިފެންނަނީ ފުލުހުންގެ ތެޔޮހަން ދުއްވަން ޖެހޭ ގޮތަށް ޤަވާއިދުތައް ހެދޭތަނެވެ. އެހެންކަމުން މިއީ ހަމަ ފުންކޮށް ވިސްނައިލުން އެންމެ ރަނގަޅު ކަމެކެވެ.

މިއަދު އޮންލައިން