ގިނަ ބައަކު ބުނަނީ ރާއްޖޭގައިޤަވާއިދާއި ޚިލާފަށް ތިބި ބޭރުމީހުންގެ 99 އިންސައްތަ މީހުންނަކީ ބަންގްލަދޭޝްގެ މީހުން ކަމަށާއި ބަންގްލަދޭޝްގެ މެޑިކަލް ކޮލެޖަކުން ދޭ ސްކޯލާޝިޕް ފުރުޞަތަކާއި އެމްއެންޑީއެފަށް ދޭ ވެހިކަލަކާއި މިކަމާއި އަޅާކަނޑާލައިގެން ތިިބޭހައި ދުވަހަކު ޤަވައިދާއި ޚިލާފަށް ތިބި އެތައް ހާސް ބަންގާޅީންގެ މައްސަލަ ހައްލު ނުވާނެ ކަމަށެވެ.
އެއްވެސް ހަމައެއް ލަމައެއް ނެތި ރާއްޖެއިން ބޭރުވަމުންދާ ބޭރު ފައިސާގެ މައްސަލަވެސް ޙައްލު ނުކުރެވޭނެ ކަމަށެވެ. އަދި ދިވެހިންނަށް ލިބެންޖެހޭ ވަޒީފާގެ މައްސަލަ ވެސް ޙައްލު ނުކުރެވޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ، އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ ރައީސް އަހްމަދު ޒުހޫރު އިއްޔެ ވިދާޅުވީ ރާއްޖޭގައި ޑޮލަރު ލިބުން ދަތިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ބިދޭސީ މަސައްކަތު މީހުންކަމަށެވެ. ޑޮލަރުގެ ތާށިކަން ކުރިމަތިވަމުން އަންނަނީ ރާއްޖޭގައި މަސައްކަތް ކުރަން ގިނަ އަދަދެއްގެ ބިދޭސީންް ތިބުމުން ކަމަށެވެ.
ޒުހޫރު ވިދާޅުވީ ރަސްމީ ހިސާބުތަކުން ރާއްޖޭގައި މަސައްކަތްކުރަން ތިބީ 130،000 މީހުންކަން ހާމަވި ނަމަވެސް ނުރަސްމީ ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި މަސައްކަތްކުރަން 170،000 މީހުން ތިބިކަމަށް ބެލެވޭ ކަމަށެވެ.
ޤަވާއިދުން ހުރި ނަމަވެސް ޤަވައިދާއި ޚިލާފަށް ހުރި ނަމަވެސް ރާއްޖޭގައި ތިބި ހުރިހައި ބިދޭސީންނަކީ ކޮންމެވެސް މަސައްކަތެއްކުރާބައެކެވެ. މަސައްކަތެއް ނުކުރާ ހަމައެކަކުވެސް ނެތެވެ. އެހެންކަމުން މިއިން ކޮންމެ މީހަކު މަހަކު ޤައުމަށް ފޮނުވަނީ 300 ޑޮލަރު ކަމަށް ބަލައިފިނަމަ އެއީ މަހަކު 51 މިލިއަން ޑޮލަރެވެ. އަހަރަކު 612 މިލިއަން ޑޮލަރެވެ.
ހަޤީޤަތަށް ބަލައިފިނަމަ މިއަދަދު އަހަރަކު 1 ބިލިއަނަށްވުރެ އިތުރުުވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.
ސައުދިއަރަބިޔާއަކީ ރިޒަރވްގައި އެތައް ސަތޭކަ ބިލިއަން ޑޮލަރު ހުރި ޤައުމެކެވެ. އެޤައުމުގައި ތިބި ބިދޭސީން ޤައުމުން ބޭރުކުރަމުން ގެންދާ ފައިސާ ކޮންޓްރޯލު ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޤައުމުން ބޭރަށް ފޮނުވަނީ އެމީހެއްގެ މުސާރައާއި އެއްވަރުގެ އަދަދެއްކަން ދަނީ ބަލަމުންނެވެ. ބޭންކްތައް ވިޔުގައަކުން ގުޅައި މިކަން ބަލަމުން ގެންދާއިރު ފުރާމީހުން، އަތުގައި ގެންދަނީ ކިހައި ފައިސާއެއްކަންވެސް ގެންދަނީ ބަލަމުންނެވެ. އެކަމަށްޓަކައި ބޭންކުތަކާއި އިމިގްރޭޝަން ވެސް ވަނީ އެއް ވިޔުގައަކުން ގުޅާލައިފައެވެ.
ރާއްޖޭގައި ވެސް އިއްޔެ އިން ފެށިގެން ގެންދަނީ ބޭރުމީހުން މާލީ އިދާރާތައް މެދުވެރިކޮށް ރާއްޖެއިން ބޭރުކުރާ ފައިސާއިން ސަރުކާރަށް ޓެކްސްއެއް ނަގަމުންނެވެ. މިއާއިއެކު އެމީހުން ބޭރުކުރަނީ ލިބޭ މުސާރަކަން ބަލަން ފަށައިފިނަމަ އަދި އެކަމަށް ފިޔަވަޅު އަޅަން ފަށައިފިނަމަ އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ހަމައެއާއިއެކު ފައިސާ ފޮނުވާމީހުންނަކީ ވިސާ ދައްކައިގެން ތިބި ބައެއްކަން ބަލަން ފަށައިފިނަމަ އިތުރު ކުރިއެރުން ވެސް ލިބޭނެއެވެ.