އެއީ 1978 ވަނައަހަރެވެ. ސާރުކާރުން ފާދިއްޕޮޅު ފެލިވަރުގައި ހިންގަމުން އައި މަސްކާރުޚާނާ ހިންގަމުންއައި މޯލްޑިވްސް ނިޕޯން ކޯޕަރޭޝަން އާއި ސަރުކާރާ ދެމެދު އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު އެކުންފުނިން ކާރުހާނާ ދޫކޮށްލާން ނިންމިއެވެ.
އޭރު އެ ކާރުޚާނާގެ ރަސްމީ ކެޕެސިޓީއަކީ ދުވާލަކު 20 ޓަނު ދަޅުމަހެވެ. އެދުވަސްވަރު ދެކުނުގެ މަސްވެރިން ބާނާ މަސް ގަތުމަށް ކޮންޓްރެކްޓް ކުރަށްވާފައިވަނީ ހޯކޯ މޯލްޑިވްސް ކޯޕަރޭޝަނާއެވެ. އެހެންނަމަވެސް އެމީހުންނާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޭރުއޮތީ އަހަރެއްހާ ދުވަހެވެ. އެހެންކަމުން އޭރު ރާއްޖޭގައިއޮތް ސަރުކާރަށް މިކަން ބޮޑު މައްސަލައަކަށްވިއެވެ. ރާއްޖޭގެ ނިކަމެތި ވެފައިވާ މަސްވެރިކަމުގެ ސިނާއަތު ދެމެހެއްޓެނިވި ގޮތަކަށް ބައްޓަން ކުރުމަށް ގޮތްތަކެއް ހޯއްދަވަން ސަރުކާރަށް ޖެހުނެވެ.
އެކަންކުރެއްވުމަށް ސަރުކާރުން ކުންފުންޏެއް އުފެއްދެވިއެވެ. އެއީ މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަން އެވެ. އެކުންފުނިން އޭރު އެންމެބޮޑު އިސްކަމެއް ދެއްވީ ފެލިވަރު ކާރުޚާނާގެ މަސައްކަތް ފަށައި އެތަން ހަމައަކަށް އަޅުވައި އެތާ އޭރުތިބި 300 ވަރަކަށް ދިވެހި މުވައްޒަފުންގެ ވަޒީއާއި ކާރުޚާނާ ސަލާމަތް ކުރުމެވެ.
އެކުންފުނިން އެތަނާ ހަވާލުވިއިރު ތަންވަނީ ވަރަށްބޮޑަށް ކަމީނާވެފައެވެ. ކާރުޚާނާގައި އޭރުހުރި 600 ޓަނު މަސް ސްޓޮކްވަނީ ހަލާކުވެފައެވެ. މަސްގަންނަން ބޭނުންކުރަމުންއައި 600 ޓަނުގެ މަދަރވެސްލް އޮތީ ހަލާކުވެ ފެލިވަރުގެ ޖެޓީގައެވެ. މަސް ކައްކަން ބޭނުންކުރާ 2 ކުކަރުވަނީ ބާވެ ހަލާކުވެފައެވެ. އުފެއްދުންތެރިކަން ވަނީ ދުވާލަކު 5 ޓަނަށް މަދުވެފައެވެ. މި ސަބަބުތަކަށްޓަކައި އެމްއެސްސީއަށް އެތަން ކޮޅަށް ޖަހާލެވޭނެ ގޮތެއްނުވިއެވެ. ފައިސާގެ ތާށިކަމާއި ކުރަންޖެހޭ ޚަރަދުގެ ބޮޑުކަމުންނެވެ.
އޭރުވެސް އެސްޓީއޯއަކީ ދިރުންހުރި ކުންފުންޏެކެވެ. މައިބަދައިގައިވަރުހުރި ސަރުކާރުގެ ކުންފުންޏެކެވެ. އެހެންކަމުން އެކުންފުނީގެ ގެ މެންޑޭޓް އެސްޓީއޯއަށް ސަރުކާރުން ބަދަލު ކުރެއްވީއެވެ. އަދި އެކުންފުނި އުވައިލެއްވީއެވެ. މި މަސައްކަތް އެސްޓީއޯއާ ހަވާލުވުމުން އެ ކުންފުނީގެ އެސެޓް ރަހުނު ކުރައްވައިގެން ދަރަންޏަށް ފައިސާ ހޯއްދެވިއެވެ. އެ ފައިސާއިން ފެލިވަރު އަޕްގްރޭޑް ކުރެއްވިއެވެ. މިމަސައްކަތް ކުރައްވަމުން ގެންދެވީ އެސްޓީއޯގެ އެކްސްޕޯޓް ޑިޕާޓްމަންޓުންނެވެ. ފަހުން އެތަން ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފް.ޕީ.އައި.ޑީ) ނަމަށް ބަދަލު ކުރެއްވިއެވެ. އެހިސާބުން ދެކުނުން މަސްގަތުމާ އެތަނުން ހަވާލުވިއެވެ.
އެހިސާބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު އިންގިލާބެއް އައެވެ. ރ. އަތޮޅު އަލިފުށީގައި ބޯޓްޔާޑެއް ހެއްދެވިއެވެ. އެތަނުން މަސްދޯނިފަހަރު ބެންނެވިއެވެ. އަދި އެ ދޯނިފަހަރު ލުއި ދަރަނީ ޕްރޮގްރާމެއް މެދުވެރި ކުރައްވައިގެން މަސްވެރިންނަށް ވިއްކަން ފެއްޓެވިއެވެ. އެއީ ރާއްޖެ މިހާރު މިދެކޭ ޒަމާނީ މަސްވަރިކަމުގެ ބިންގާ އެޅުނު ހިސާބު ކަމަށް ބެލެވިދާނެއެވެ.
މިފްކޯ ވުޖޫދަށް އައުން
މަސްވެރިކަމުގެ ދާއިރާގެ ބިނދިފައިވާ "ވަރަ" އެސްޓީއޯގެ މަސައްކަތުން އަލުން ހަރަކާތްތެރިވާން ފެށިއެވެ. އެހިސާބުން ސަރުކާރުން ނިންމެވީ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ވަރުގަދަކޮށް މާލީ ތަނަވަސްކަން އިތުރު ކުރުމަށް މަސައްކަތް ކުރާނެ މިނިވަން މަރުކަޒެއް ގާއިމް ކުރުމަށެވެ.
މި މަގުސަދު ހާސިލް ކުރުމަށްޓަކައި 1993 ވަނައަހަރު ސަރުކާރުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އުފެއްދެވިއެވެ. އެއާއެކު އެފް.ޕީ.އައި.ޑީ ގައި ފެށިގެން އައި މަސައްކަތްތައް ތަރައްގީކޮށް ހިންގުމާ މިފްކޯއާ ހަވާލުކުރެއްވިއެވެ. އެފް.ޕީ.އައި.ޑީ ދަށުން މަސްވެރިކަމުގެ ސިނާއަތް ކުރިއަރައި ފުޅާވިޔަސް އެންމެ ފަހުވަގުތު އެތަނުގެ ވަރަށްބޮޑު ޚިޔާނާތެއް ބޭޒާރު ވިއެވެ. ސަރުކާރުން މިފްކޯ އުފެއްދެވީ އެހެންވެ ކަމަށްވެސް ވެދާނެއެވެ.
މިފްކޯ އުފައްދައި އެކުންފުނީގެ މައިގަނޑު މަސައްކަތެއް ކަމަށް ހެދީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން މަސްގަނެ އެކްސްޕޯޓް ކުރުމާއި، ދަޅުގައި މަސް ބަންދުކޮށް އެކްސްޕޯޓް ކުރުމާއި، ދޯނިފަހަރު ތަރައްގީކޮށް އެފެއްދުމުގެ މަސައްކަތެވެ.
މިފްކޯ އުފެއްދުމުން އެކުންފުނިންވަނީ ލ. އަތޮޅު މާންދުއާއި ގއ. ކޫއްޑޫގައި އެކުންފުނީގެ ދެ މަރުކަޒު ގާއިމްކޮށްފައެވެ. ބޭނުނަކީ އެއްގަމުން މަސްގަނެ މަސްވެރިންނަށް އިތުރު ފުރުސަތު ހޯދައިދިނުމެވެ. އަދި މަސްގަންނަ އަދަދު އިތުރުކޮށް މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކިސަރަހައްދުތަކުން މަސްގަތުމަށް ބޯޓުފަހަރުގެ ބޮޑު ފްލީޓެއް އުފެއްދިއެވެ. އޭގެ އިތުރަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިނާއީ އިންފްރާސްޓްރަކްޗާ ގާއިމު ކުރިއެވެ. އޭގެ އިތުރަށް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދީ ބޭނުންވާ ތަމްރީނާއި ހުނަރުތައް އުގަންނައި ދިނުމުގެ މަސައްކަތް ފެށިއެވެ.
މިފްކޯ އުފެދި އެތަނުގެ މަސައްކަތް ފުޅާކުރިޔަސް އެތަނަށްވެސް މައްސަލަތައް ދިމާވެއެވެ. އެއީ މޫސުމީ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމަށް އަންނަ ހީނަރުކަމެވެ. އޭގެ ސަބަބުން މާލީ ހާލަތު ބައެއްފަހަރު ދަށްވުމެވެ. އެހެންނަމަވެސް ފިސާރި ވިސްނުންތެރި ކަމާއި ރޭވުންތެރިކަމާއެކު އެކަންކަމާ ކުރިމަތިލައި 2008 ވަނަ އަހަރާ ހިސާބަށް ދަތުރުކުރެވުނުއިރު އެކުންފުނިވަނީ ފައިދާވާ ކުންފުންޏަކަށް ވެފައެވެ.
މިފްކޯގެ ކާމިޔާބު ދަތުރުގައި ކުރިއަށް ދަނިކޮށް 2010 ވަނައަހަރު މެއިމަހު ސަރުކާރުން މިފްކޯ ތިންބައި ކުރެއްވިއެވެ. އަދި ކޮންމެބައެއް ވަކި ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެއްވިއެވެ. މި ބަދަލާއެކު ދިވެހި މަސްވެރިކަމަށް ގެއްލުންވާން ފެށި ކަމަށް މަސްވެރިކަމާ ބެހޭ ތަޖުރިބާކާރުން ވިދާޅުވާން ފެއްޓެވިއެވެ.
އެގޮތުން ލިބުނު ގެއްލުމުގެ ތެރޭގައި އިތުރު ކުންފުނި ތަކާއި ގުޅުންތަށް އުފެއްދުމުގައި ގާނޫނީ މައްސަލަތައް ދިމާވިއެވެ. މަސްވެރިން އަތުން އެކަށީގެންވާ ވަރަށް މަސް ގަނެވޭވަރެއް ނުވިއެވެ. ރާއްޖޭގައި ވެލިޔު-އެޑް ނުކޮށް މަސް އެކްސްޕޯޓް ކުރުމުން ސީދާ ގޮތުން އަދި ނުސީދާ ގޮތުން ގެއްލުންވާން ފެށިއެވެ. ދިވެހި ލޯކަލް މާރުކޭޓަށް ބޭނުންވާ ދަޅުމަސް ބޭނުންވާ އަދަދަށް ލިބުން ދަތިވެ މައްސަލަ ކުރިމަތިވިއެވެ. ދަޅުމަހުގެ އަގު ބޮޑުވެގެން ދިޔައެވެ. އޭގެ އިތުރަށް ދައުލަތުގެ އަގުބޮޑު އެސެޓްތައް ނުބެލެހެއްޓި ހަލާކުވެގެން ދިޔައެވެ. ކުންފުނިތައް ބައި ކުރެއްވުމުގައި މާލީ މައްސަލަ ދިމާވިއެވެ. އޭގެ އިތުރަށް ބޭރު ފައިސާ އިތުރު ކުރުމަށް މައްސަލަތައް ކުރިމަތިވާން ފެށިއެވެ.
މިކަންތައް މިހެން އޮއްވައި ރައީސް ޔާމީންގެ ސަރުކާރު އުފެދުނެވެ. އެސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން އަލުން މިފްކޯ އެއްކުންފުންޏަކަށް ހެދިއެވެ. އެހެންނަމަވެސް އޭރު މިފްކޯވަނީ ވަރަށް ބޮޑަށް ހީނަރުވެ ދަރަނިވެރިވެފައެވެ.
މިކަންކަމުން ސަލާމަތްވުމަށް ސަރުކާރުން މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލު ކުރެއްވިއެވެ. އޭރު އެކުންފުނިވަނީ 300 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏަކުން ދަރަނިވެރިވެފައެވެ. އެ ދަރަނީގެ ތެރޭގައި މަސްވެރިންނަށް ދޭންޖެހޭ ދެ މިލިއަން ރުފިޔާވެސް ހިމެނެއެވެ. ސަރުކާރުން ވިދާޅުވެފައިވަނީ އެސްޓީއޯގެ ދަށަށް މިފްކޯ ގެންގޮސް އެ ދަރަނިން ސަލާމަތް ކުރެވޭނެކަމަށެވެ.
ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ ވިދާޅުވީ އެސްޓީއޯގެ ދަށަށް މިފްކޯ ގެންދިޔައީ އެކުންފުންޏަކީ މިހާރުވެސް ފައިދާވާ ކުންފުންޏަކަށްވާތީ ކަމަށެވެ. "އެސްޓީއޯއަށް އަބަދުވެސް ބޭރުފައިސާ ބޭނުންވޭ. މިފްކޯއަކީ މަހުގެ ވިޔަފާރި ކޮށްގެން ބޭރުފައިސާ ލިބޭ ކުންފުންޏެއް. އަނެއްކޮޅުން އެންމެ ބޮޑު ޚަރަދެއް މިފްކޯއިން ކުރަނީ ތެލަށް. އެކުންފުނިން ތެޔޮ ގަންނަނީ އެސްޓީއޯއިން. އެސްޓީއޯއިން ގަނެގެން މަސްވެރިންނަށް ވިއްކޭނީވެސް ކޮންމެވެސް އެއްޗެއް ލައިފައި. އެހެންނަމަވެސް އެސްޓީއޯގެ ދަށަށް މިފްކޯ ދިޔުމުން އެކަމަށްވެސް ރަނގަޅު ގޮތެއް އޮންނާނެ،" ޝައިނީ ވިދާޅުވިއެވެ.
އެސްޓީއޯއިންވެސް މިފްކޯއިން ނެގޭނެ ފައިދާ ހުންނާނެއެވެ. މިފްކޯގެ ބޯޓުފަހަރު ބޭނުންކޮށްގެން އެސްޓީއޯގެ ބޭސްފިހާރަތަކަށް ބޭސް ފޮނުވުމުގެ ފައިދާ އެސްޓީއޯއަށް އެބައޮތް ކަމަށް ޝައިނީ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތަކީ ހުރިހާ ކުންފުނިންވެސް ފައިދާވުމެވެ. އެހެން ކަމުން މި ބަދަލާއެކު އެކަންވެސް ހާސިލްވުމުގެ ފުރުސަތު ބޮޑެވެ. ސަރުކާރުން މިހާރު ނިންމާފައިވަނީ މިފްކޯ ހިންގާ ގޮތް ރަނގަޅަށް ބަލައި ވަޒަން ކުރުމަށްފަހު މަސްވެރިންނަށް ފައިދާ ނުވާ ހުރިހާ ކަމެއް ހުއްޓާލުމަށެވެ.
ޝައިނީ ވިދާޅުވީ މިބަދަލާއެކު މިފްކޯގެ ދަރަނި ޚަލާސްކުރުމަކީ އެންމެ ފުރަތަމަ ކުރަންޖެހޭނެ އެއްކަން ކަމަށެވެ. އެއަށްފަހު އާ ފެށުމަކުން މިފްކޯގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މި ނިންމުގެ ސަބަބުން މުސްތަގުބަލުގައި މަސްވެރިންނަށް ކުރާނެ ފައިދާ ބޮޑުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު 1978 ގައި ހީނަރުވުމުން އެކަން ހައްލު ކުރުމަށް އެސްޓީއޯއާ ހަވާލުކުރި ފަދައިން މިފްކޯ ދަރަނިވެރިވެ ދިވެހި ބޭންކަކުން ލޯނެއް ނުލިބޭ ހިސާބަށް ދިޔުމުން މިފަހަރުވެސް އެކުންފުނި ހަވާލު އެކުރީ އެސްޓީއޯއާއެވެ. އޭރުގެ ނަތީޖާ ރަނަގަޅެވެ. އެސްޓީއޯއިން މިފަހަރު ހަދާނެގޮތެއް ބަލަން މަސްވެރިންނާއި އެމީހުންގެ އާއިލާތައް އެބަތިއްބެވެ.