ރައްޔިތުންނަށް ހުރިހާ ގެއްލުމެއް ލިބެނީ ކީރިތި ޤްރްއާނަށް ސަރުކާރުން އަމަލު ނުކުރާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ރައްޔިތުންނަށް ހުރިހާ ގެއްލުމެއް ލިބެނީ ކީރިތި ޤްރްއާނަށް ސަރުކާރުން އަމަލު ނުކުރާތީ!

ރާއްޖޭގައި ކުށްކުރަނީ ޢާންމު ގޮތެއްގައި އެއްބައެކެވެ. އެހެންކަމުން ވައްކަން ކުރުމާއި މަގުފޭރެނީވެސް އެކަން ކުރުމުގެ އާދަ ހިފާފައި ތިބި އެއްބައެއްކަމަށް ފުލުހުން ގެންދަނީ ހާމަކުރަމުންނެވެ. ފުލުހުން ބުނަނީ ކުށްކުރުމަށް އަލަށް ވަންނަނީ މަދު ބައެއް ކަމަށެވެ.


ކީރިތި ޤްރްއަނުގެ އާޔަތްތަކުގައި މާތްﷲ އަމުރުފުޅު ކުރައްވަވާފައި ވަނީ ވައްކަން ކުރީމާ ނުވަތަ މަގު ފޭރުނީމާ ދައުލަތުގެ ފައިސާއިން މަހަކު 30،000 ރުފިޔާ ޚަރަދުކޮށްފައި ކިރުތަށްޓާއި ދޮންކެޔޮ ކާންދޭކަށް ނޫނެވެ. އެމީހާގެ ގުނަވަންތައް ކެނޑުމަށެވެ. 


އެކަން ނުކުރުމަކީ މާތްﷲ އަށް ގޮންޖެހުންކަން ކީރިތި ޤްރްއާނުގެ އާޔަތްތަކުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އެހެންކަމުން ކީރިތި ޤްރްއަނުގެ އާޔަތްތަކަށް އަމަލު ނުކުރުމަކީ މާތްﷲގެ އެންގެވުންތަކަށް އަޅައި ނުލުމާއި ފުރައްސާރަކުރުންކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. 


ރޭގެ ހާދިސާ މިސާލަކަށް ނަންގަވާށެވެ. ވެސްޓަރން ޔޫނިއަން އިން އެތައް ބައިވަރު ފައިސާތަކެއް ފޭރިގަތީއެވެ. ފުލުހުން ދެމުންގެންދާ މައުލޫމާތަށް ބަލާއިރު އެއިގެތެރޭގައި ހިމެނޭ މީހުންނަކީ އަލަށް އެފަދަ ކަމެއް ކުރި ބައަކަށް ނުވާނެއެވެ. މީގެ ކުރިންވެސް އެފަދަ އެތައް ކަމެއް ކޮއްގެން ތިބޭނެ ބައެކެވެ. އެމީހުންގެ ގުނަވަންތައް މާތްﷲ އެންގެވިމަގުން ކަނޑާފައި ތިބި ނަމަ އެއީ ވަގުންކަން އެމީހުން ފެނުމުން އެނގޭނެއެވެ. ދިރާގުން އައިބައެއް ކަމަށް ބުނެ އޮޅުވައިލުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.


މަގުމަތިން ފެނުނު ނަމަވެސް އެއީ ވަގެއްކަން އެނގޭނެއެވެ. ފަޅު އޮޑިފަހަރަށް އަރައި ވައްކަން ކުރަން އުޅުމުގެ ފުރުޞަތެއްވެސް ނުލިބޭނެއެވެ.  


ވީމާ ރައްޔިތުންނަށް ލިބެމުން މިދާ ގެއްލުންތައް ލިބެމުން މިދަނީ ސަރުކާރުގެ ސަބަބުންނެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮވެވެސް ކީރިތި ޤްރްއާނަށް އަމަލުނުކުރާތީއެވެ. 


ފަޤީރުންގެ ކާޑުގެ ސަބްސިޑީއަށް މަހަކު 40 ރުފިޔާއެވެ. ގޭބިސީގައި ހިމެނޭ އެންމެންނަށް މަހަކު 140 ރުފިޔާއެވެ. ވަގުންނާއި ފޭރޭ މީހުންނާއި ޑްރަގު ބަލީގެ މީހުންނަށް މަހަކު 30،000 ރުފިޔާއެވެ. މިކަމަކީ ކޮން ގޮތަކަށް އިންސާފުވެރި އުޞޫލެއް ކަމާއިމެދު ސުވާލު އުފެދެއެވެ. 


މީގެ ކުރީގައި ވެރިކަން ކުރި ސަރުކާރުތަކުގެ ވެރިން، ބިސްމި އާއި އަލްހަމްދު ކިޔަމުން މާތްﷲގެ އަމުރުފުޅުތަކަށް ގޮންޖަހާފައިވުމަކީ އެކަން މިސަރުކާރުން ދަމަހައްޓަން ޖެހޭނެ ސަބަބެއް ނޫނެވެ. ސަބްސިޑީ އުނިކުރުން ފަދަ ކުރީގެ ސަރުކާރުތަކަށް ކުރަން ނުކެރުނު ކަންކަން މިސަރުކާރުން ތިއަ ގެންދަވަނީ ކުރައްވަމުންނެވެ. ހަމައެފަދައިން ކީރިތި ޤްރްއާނަށް އަމަލުކުރެއްވުން ވެސް ތަންފީޒްކުރެއްވުމުގެ ޤާބިލުކަން ކުރިއަށް ނެރުއްވައިފިނަމަ މި ސަރުކާރަކީ ދެމިއޮންނާނެ ސަރުކާރެއް ކަމަށް ގިނަބަޔަކު ބުނެއެވެ!

މިއަދު އޮންލައިން