ލިޔުނީ: އިސްމާޢީލް
މަތިވެރި މާތްﷲ އިންސާނާ އުފައްދަވާފައިވަނީ، މާއްދިއްޔަތަށް ލޯބިކުރާ މީހެއްގެ ގޮތުގައެވެ. މިގޮތުން އިންސާ އެކަމަކަށް އެންމެ ހުށިޔާރުވެ، ހޯދައިގަންނާނެ އެންމެ މުހިއްމު އަސާސީ ބޭނުމަކީ ކާބޯތަކެއްޗެވެ.
ދިވެހިރާއްޖޭގެ ސަރުކާރުގެ ފަރާތުން ކޯބޯތަކެތީގެ އަގަށް މި ގެނައި ބަދަލާއި ގުޅިގެން، ގިނަ އަޑުތަކެއް ދަނީ ފެތުރެމުންނެވެ. ބައެއް ފަރާތްތަކުން އެކަން ކުށްވެރިކޮށް ވާހަކަ ދައްކަމުންދާއިރު، ބައެއް މިނިވަން ނޫސްވެރިން އެއީ ރައްޔިތުން "ފެލާލުން" ކަމަށް ދަނީ ސިފަކުރަމުންނެވެ.
މިފަދަ ކޮންމެ ޙާލަތެއްގައިވެސް، އެކަމުން ލިބެންއޮތް އެޑްވާންޓޭޖް ނަގައި، އެބަޔަކުގެ އެޖެންޑާ ޕްރޮމޯޓް ވާގޮތަށް ކޮންމެބަޔަކުވެސް ވާހަކަދައްކާނެކަން އެއީ ކަށަވަރުކަމެކެވެ. ނަމަވެސް އެއްމެ މުހިއްމު ކަމެއްގެގޮތުގައި ބަލާލަން ޖެހޭނީ ސަރުކާރުން މިގެނައި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ކުރާނީ ކޮން އަސަރެއްތޯ ދެނެގަތުމާއި، މިކަމުގެ ސަބަބުން ފައިސާގެ ބާޒާރަށް އަންނާނެ ބަދަލުތަށް ދެނެގަތުމެވެ. ވީމާ މިލިއުމުގައި އަޅުގަނޑު މައިގަނޑުގޮތެއްގައި ބަލާލާނީ ކުރިން މިދެންނެވި ދެކަންތަކަށެވެ.
1. ރައްޔިތުންނަށް މިކަމުގެ ސަބަބުން ކުރާނެ އަސަރު.
ﷲގެ މަތިވެރި ރަޙުމަތުން ދިވެހިރާއްޖޭގައި އެއްވެސްވަރަކަށް، ގޮވާމުގެ ދަނޑުވެރިކަން ނުކުރިކަމުގައިވެސް ދިވެހިންނަކީ ފަސޭހަކަމާއެކު ކައިގެން އުޅޭ ބަޔެކެވެ. އަދި ދިވެހިން މައިގަނޑު ގޮތެއްގައި ކާން ބޭނުންކުރާ ހަނޑޫ، ހަކުރު އަދި ފުއް ކަމުގައިވާކާޑު، ދަނޑުވެރިކަމުގެ އުފައްދުންތެރި ގައުމުތަކަށްވުރެ މާ އަގުހެޔޮކޮށް ކާޑު ލިބޭ ކެމެވެ. ސަރުކާރުން ކާޑުގެ އަގަށް މިގެނައި ބަދަލާއެކުވެސް، އަދިވެސް އަވައްޓެރި ގައުމުތަކަށްވުރެ ރާއްޖޭގައި ކާޑުގެ އަގު ހެޔޮވާނެއެވެ. ތިރީގައި މިވަނީ އަވައްޓެރި ގޮވާން އުފައްދާ ގައުމުތަކުގައި ހަނޑޫ، ހަކުރު އަދި ފުށުގެ އަގުތަކެވެ.

ދެން ބަލާލަން މި ޖެހެނީ އަގަށް މިއައި ބަދަލާއި ގުޅިގެން ދިވެހިރާއްޖޭގައި، ބަޔަކު މީހުން އެބުނާގޮތަށް ބަނޑަށްޖެހި ސަލާންޖަންޖެހޭތޯ އެވެ. މިހެން މިވާހަކަދައްކާ މީހުން ދެނެގަންނަށް ޖެހެނީ މި ގައުމަކީ 65 އަހަރުވެފައިވާ ކޮންމެ އިސްރަށްވެއްސަކަށް މަހަކު 5000 ރުފިޔާ ދޭ ގައުމެއްކަމެވެ. ކޮންމެ އެކަނި ވެރި މަޔަކަށް ބަލަހައްޓާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ އިތުރަށް އެ އެކަނި ވެރިމަޔަށް 1000 ރުފިޔާގެ އިނާޔަތެއް ދެމުންދާ ގައުމެއްކަމެވެ. ނުކުޅުދުން ތެރިކަން ހުރި ކޮންމެ ދިވެހި ރައްޔިތަކަށް މަހަކު 2000 ރުފިޔާ ދޭ ގައުމެއްކަމެވެ.
މިދެންނެވި ފައިސާގެ އިނާޔަތްތަކުގެ އިތުރަށް ރާއްޖެއަކީ ދުނިޔޭގެ އެންމެ އަގުބޮޑު އެއްތަޢުލީމީ މުގަރަރަށް ހިލޭ ތަޢުލީމު ފޯރުކޮށްދޭ ގައުމެކެވެ. އަދި ބޭސް ފަރުވާގެ އެންމެހާ ޚަރަދުތަށް ހުރިހާ ރައްޔިތުންނަށް ހަމަ އަ.އިޑީ ކާޑު ދައްކާލުމާއެކު ހިލޭ ފޯރުކޮށްދޭ ގައުމެއް ދުނިޔޭގައި މަދުވާނެއެވެ. މިއީ ދައުލަތުން ރައްޔިތުންގެ ހެވާއި ލާބަޔަށް ކުރަމުންދާ ހޭދައެވެ. ހަގީގަތަކީ މިދެންނެވި ޚިދުމަތްތަކަކީ، ދިވެހިރާއްޖެއަށްވުރެ މާތަނަވަސް އިންޑސްޓްރިއަލް ގިނަ ގައުމުތަކުގައިވެސް އެގައުމުތަކުގެ ރައްޔިތުންނަށް ފޯރުކޮށްނުދޭވަރުގެ ޚިދުމަތްތައްކަމެވެ.
ކާޑުގެ އަގަށް މިގެނައި ބަދަލާއި ގުޅިގެން ބައެއް ރައްޔިތުންގެ ކަންބޮޑުވުން ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ މިފަދަ ބަދަލަކާއި ގުޅިގެން ރައްޔިތުންގެ އަތުން އިތުރަށް ހޭދަވާނެމިންވަރެއް ދެނެގަތުމަކީ ކޮންމެހެން މުހިއްމުކަމެކެވެ. ތިރީގައިމިވާ ތާވަލުގައި އެވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެއްކުރި މަޢުލޫމާތުން، ޢާންމުކޮށް ދިވެހި ރައްޔިތަކު ކެއުމަށް ބޭނުންކުރާ ކާޑުގެ މިންވަރާއި، ދުވާލަކަށް ކެއުމަށް ހިންގާނެ ޚަރަދެވެ.


ދިވެހިންނަކީ މިސަރަޙައްދުގެ ގައުމު ތަކުގެ ތެރެއިން އެންމެ ތަޢުލީމީ މީހުންނަށް ވީހިނދު، އެކިއެކި އެޖެންޑާތަކުގައި މަޝްޢޫލު ވެ އެބަދުމެ އެކަންތައްނޫން އެހެން ދެވަނަކަމެއް ނުދަންނަ މީހުންގެ ވާހަކަތަށް އަޑުއިވުމާއެކު ގަބޫލުކުރުމަކީ ދަތިކަމަކަށްވާނެއެވެ. ހިސާބުތަކަށް ބަލާލުމުން އެނގި ކަށަވަރުވަނީ އެވްރެޖަށްވުރެ ލާޖް މީލް ނަގާ ރައްޔިތަކުވެސް ސަބްސިޑި ނުނަގާވެސް މިއައި ބަދަލާއެކު އެންމެ ގިނަވެގެން ދުވާލަކަށް އިތުރަށް ޚަރަދު ކުރަންޖެހޭނީ 2.04ރުފިޔާއެވެ. އަދި ސަބްސިޑީ އާއެކު މި އަދަދު 71 ލާރި އަށް ދަށްވާނެވެ. ބޮޑު މީހެއްގެ ނޯމަލް މީލެއް ނަގާ ރައްޔިތަކު ސަބްސިޑީނުނަގާ 1.81ރުފިޔާ ހޭދަކުރާއިރު އެއަދަދު ސަބްސިޑީއާއެކު 48 ލާރިއަށް އެބަދަށްވެއެވެ. ދެން އުފެދޭ ސުވާލަކީ މިއީ ކުރިން މިދެންނެވި، އިސް ރަށްވެހިންގެ އިނާޔަތާއި، އެކަނިވެރިމައިންގެ އިނާޔަތާއި، ނުކުޅެންދުންތެރިކަމުގެ އިނާޔަތުގެ އިތުރަށް ރައްޔިތުން އެންމެ މުހިއްމުކަމަށް ދެކޭ ތަޢުލީމާއި އަދި ސިއްޙީ ފަރުވާ ހިލޭ ލިބޭއިރު، އެންމެ ގިނަވެގެން ދުވާލަކަށް 2ރުފިޔާ ހޭދަކުރުމަކީ "ބަނޑަށް" ޖެހުންތޯއެވެ.
2.މާލީ ބާޒާރަށް އަންނާނެ ބަދަލު
ދެވަނަ ކަމެއްގެ ގޮތުގައި ބައެއް މީހުން ފާހަގަ ކުރާ ކަމަކީ ސަރުކާރުގެ ފަރާތުން ކާބޯތަކެއްޗަށް މިގެނައި ބަދަލާއި ގުޅިގެން އިންފްލޭޝަން އުފެދޭނެވާހަކައެވެ. ދެނެގަންނަން ޖެހޭ އެއްމު މުހިއްމު އެއް އަސާސްއަކީ އިންފްލޭޝަން އަކީ ތަކެތީގެ އަގު އުފުލުމެއް އެކަޏެއް ނޫނެވެ. ތަކެތީގެ އަގު އުފުލުމާއެކު ފައިސާގެ އަގު ވެއްޓޭނަމަ އެ އީ އިންފްލޭޝަނެވެ.
މިހާހިސާބަށް ދިވެހި ރާއްޖޭގައި ކާޑުގެ ބާވަތްތަށް ވިއްކަމުން ދިޔައީ 2010ވަނަ އަހަރުގެ ކުރިންވެސް ވިއްކަމުން ދިޔަ އަގުގައެވެ. ދިވެހި ރާއްޖޭގެ މާލީ ބާޒާރަށް ދުވަހަކުވެސް ނުގެންނަވަރުގެ ލޮޅުންތަށް އެއްވެސް ރޭވުންތެރި ކަމެއްނެތި ގެނެސް ޑޮލަރުގެ އަގު 12.85ރ އިން 15.42 އަށް (20 ޕަސެންޓްގެ އިންފްލޭޝަނެއް) އެންމެ ދުވަހަކުން ވައްޓާލުމަށް ފަހުގައިވެސް މި ދެންނެވި މުދަލުގެ އަގު އެޖެސްޓްކޮށްފައި ނުވެއެވެ. އާޚިރު ނަތީޖާއަކީ ދައުލަތުން ދެމުންދާ ސަބްސިޑީ 20 ޕަރސެންޓް އިތުރުވުމެވެ.
މީގެ އިތުރަށް ދިވެހި ރައްޔިތުންގެ ހެވާލާބަޔަށް ސަބްސިޑައިޒް ކޮށްފައިވާ ކާޑުގެ ބާވަތްތަށް ދިވެހިރާއްޖޭގެ ރިސޯޓުތަކުގަޔާއި، އެކިއެކި އިނޑަސްޓްރިއަލް ބޭނުންތަކަށް ހުޅުވާލެވިފައި އޮތް އޮތުމުން ދިވެހި ރައްޔިތުންގެ ފައިސާއިން ކުރަން ނުޖެހޭ އެތަށް ހޭދައެއް ވަނީ ފާއިތުވެދިޔަ ތަނުގައި ކުރެވިފައެވެ. މިހޭދަ ހުއްޓާލުމުން ސަބްސިޑީގެ ގޮތުގައި ހޭދަކުރަންޖެހުނު އެތައް މިލިޔަން ޑޮލަރު މާރކެޓްގައި އެނބުރެންފެށުމާ އެކު، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރު ތިޔާގިވެ، ވިޔަފާރިވެރިންނަށް މިހާރު ހޭދަކުރާ ޚަރަދަށްވުރެ އަގު ހެޔޮކޮށް މުދާ އެތެރެކުރެވޭނެއެވެ. މިކަމުގެ ހުރިހާ ހެވެއް ލިބޭނީ ހަމަ ދިވެހި ރައްޔިތުންނަށެވެ.
ކާޑުގެ ބާވަތަށް، މިގެނެވުނު ބަދަލަކީ ސަރުކާރަކުން ކުރާނެ، އެންމެ ނާޒުކު ކަންތަކެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ބައްޓަން ކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެކެވެ.