ނެސްލޭ މައިލޯ ކަލަރސް އެވޯޑު ދިނުމުގެ ރަސްމިއްޔާތަކީ ދިވެހި ކުޅިވަރުގެ ރަން ހަފްލާއެވެ. ސަބަބަކީ އެ ހަފްލާ ޚާއްޞަ ކުރެވެނީ ދަރިވަރުންނަށް ކަމަށް ވުމެވެ. މާދަމާ ޤައުމާއިގެން ކުރިއަށް ދާން ތިބި ދަރިވަރުންނަށް ކަމަށްވާތީއެވެ. ކުޅިވަރާއި އެހެން ވެސް ދާއިރާތަކުންނެވެ.
އަޅުގަނޑުމެންނަށް އަބަދުވެސް އަޑު އިވެނީ ޤައުމީ މަންހަޖު އަލުން ހަދައި ދިވެހި ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ލޯބި އިތުރުކުރަން މަސައްކަތް ކުރާ ކަމުގެ ވާހަކައެވެ. ނަމަވެސް އަމަލުން ފެންނަ ގޮތް އެ މަންހަޖާއި ދިމައެއް ނުވެއެވެ.
ނެސްލޭ މައިލޯ ކަލަރސް އެވޯޑް ދިނުމުގެ ރަސްމިއްޔާތަކީ މުހިންމު ޤައުމީ ރަސްމިއްޔާތެކެވެ. ނަމަވެސް ފެނިގެން ދިއައީ ކިޔައިލާނެ ދިވެހި ލަވައެއް ވެސް ނުލިބިގެން އިނގިރޭސި ލަވައަށް ނަށައި ކަންކަން ކުރިތަނެވެ.
ރަސްމިއްޔާތު ސްޕޮންސަރ ކުރީ ނެސްލޭ ލަންކާ އިންނެވެ. އެކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެއީ ވެސް އިނގިރޭސިންނެއް ނޫނެވެ. އެބޭފުޅުންނަކީ ސިންގަޅައިންނެވެ. އެހެންކަމުން އިނގިރޭސި ލަވައިގެ ބަދަލުގައި ސިންގަޅަ ލަވަ ކީނަމަވެސް ތަންކޮޅެއް ރަނގަޅުވީސްކަމަށް ބެލެވެއެވެ.
އިވެންޓް އިންތިޒާމުކުރި އެޑިޔުކޭޝަން މިނިސްޓްރީއަކީ ޤައުމީ މަންހަޖުގެ ބެލެނިވެރި ފަރާތެވެ. ބެލެނިވެރިފަރާތުން މިފަދަ ކަންކަމަށް އިސްކަން ނުދޭނަމަ ޤައުމީ މަންހަޖުގެ ބޭނުމަކީ ކޮބައިތޯއެވެ. އެޑިޔުކޭޝަން މިނިސްޓްރީއަށް ނުލިބުނު ނަމަވެސް ކުޅިވަރާއި ގުޅޭ އެތައް ސަތޭކަ ދިވެހި ލަވަތައް އެބަހުއްޓެވެ. ޖޯޝާއި ފޯރިން ފުރިގެންވާ އެތައް ސަތޭކަ ލަވަތަކެވެ.
ޤައުމީ ލޯބި ގެއްލިގެންދާ ކަމުގެ ވާހަކަތައް ދެއްކުން މިދަނީ އިތުރުވަމުންނެވެ. ޤައުމީ ލޯބި އިތުރު ކުރެވޭނީ އެކަމަށް މަސައްކަތްކޮށްގެންނެވެ. ދަރިންގެ ހިތްތަކުގައި ޤައުމާއިމެދު، ދިވެހި ބަހާއިމެދު ލޯބި ޖެއްސުވިގެންނެވެ. ކިތަންމެ ގިނައިން އެވާހަކަ ދެއްކި ނަމަވެސް އަމަލު ނުކުރެވޭނަމަ އެކަމުން ކުރާނެ ފައިދާއެއް އޮންނާނެބާވައެވެ!
ދިވެހިން ބާއްވާ ދިވެހި ޤައުމީ ހަފްލާތައް ވީހައި ބޮޑަކަށް ދިވެހިވަންތަ ގޮތުގައި ކުރިއަށް ގެންދިއުމަކީ ޤައުމީ ލޯބި އިތުރުވާނެ ކަމެކެވެ. އެހެންކަމުން މިފަދަ ކަންކަމަށް އިތުރަށް ހޭލުންތެރިވުމުގެ މުހިންމުކަން ގިނަ ބައަކު ފާހަގަކުރެއެވެ.