ބޭރު ޤައުމުތަކުން ހިންގާ އިންޓަރނޭޝަނަލް ސްކޫލުތަކުގެ ކިޔަވައިދިނުން ވަރަށް ގާތުން ބަލަހައްޓަންޖެހެއެވެ. ޤަވާއިދުތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް އެފަދަ ސްކޫލުތަކުން ޤަވައިދާއި ޚިލާފަށް ކިޔަވައިދެއެވެ. ޚާއްޞަކޮށް އިސްލާމް ދީނާއި އިސްލާމީ ތާރީޚާއިމެދުގައެވެ.
ދާދިފަހުން ސައުދިއަރަބިޔާގައި ފެންމަތިވި ބޮޑު މައްސަލައަކީ އެޤައުމުގައި ހުރި ބޭރު ޤައުމުތަކުން ހިންގާ އިންޓަރނޭޝަނަލް ސްކޫލުތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަކީ ޓެރަރިސްޓުން ކަމަށް ކިޔަވައިދިނުމެވެ.
ހިސްޓްރީ ނުވަތަ ތާރީޚު ކިޔަވައިދިނުމަށް ބޭނުންކުރި ފޮތެއްގައި ވަނީ ޓެރަރިސްޓުންނަކީ ފަލަސްޠީނުގެ ރައްޔިތުން ކަމަށާއި ފަލަސްޠީނުގެ ބިމަކީ ޔަހޫދީންގެ ބިމެއް ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން ސައުދީ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ކިޔަވައިދިން ފޮތްތައް އަތުލައިފައެވެ. އަދި އެކަން ކުރި ސްކޫލުތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅާނެކަން ވަނީ އަންގައިފައެވެ.
ފޮތްތައް އަތުލި ނަމަވެސް އަދި ފިޔަވަޅު އެޅި ނަމަވެސް އެކަމުގެ ސަބަބުން ދަރިވަރުންގެ ވިސްނުމަށް ކޮށްފައިވާ އަސަރު ފޮހެލުމަކީ އެހައި ފަސޭހަކަމެއް ނޫނެވެ.
ސައުދީ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އިންޓަރނޭޝަނަލް ސްކޫލްތައް ހިންގަން ހުއްދަ ދެނީ އެ މިނިސްޓްރީން ކަނޑައަޅާ އިންތަކެއްގެ ތެރެއިން ކިޔަވައި ދިނުމަށް ކަމަށެވެ. އަދި އެއިންތަކުން ބޭރުވުމުގެ ފުރުޞަތު ނުދޭނެ ކަމަށެވެ.
ރާއްޖޭގައި ހިންގާ އިންޓަރނޭޝަނަލް ސްކޫލުތަކުގައި ކިޔަވައިދޭ އުޞޫލު ބަލައި މޮނިޓަރ ކުރެވެނީ ކިހައިވަރަކަށްބާވައެވެ!