ރާއްޖޭގައި އަދިވެސް އިންޓަރ އޮފީސް ޤްރްއާން ކިޔެވުމުގެ މުބާރާތެއް ނުބާއްވައެވެ. ނަމަވެސް ކުޅިވަރަށް ބަލައިފިނަމަ "ފަސް އޮށުން ފެށިގެން ގިލިގިލިކޮށްޓުމާއި ހަމައަށް" ވެސް މިދަނީ މުބާރާތްތައް ބޭއްވެމުންނެވެ.
މިއީ ގިނަ ބައަކު ކަންބޮޑުވާ ކަމެކެވެ. މުވައްޒިފުންގެ ހުނަރު އިތުރުުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކުޅިވަރު ކުޅުމަކީ އިންސާނުންގެ ހުނަރު އިތުރުވާ ކަމެކެވެ. ހަމައެއާއިއެކު ކަސްރަތު ލިބޭ ކުޅިވަރުތައް ކުޅުމަކީ ހަށިގަނޑަށް ވެސް އެކަމުގެ ފައިދާހުރި ކަމެކެވެ. އެހެންކަމުން ކުޅިވަރު ކުޅުމަކީ އަދި ކުޅިވަރު މުބާރާތްތައް ބޭއްވުމަކީވެސް ހަމަ އެހައިމެ މުހިންމު ކަމެކެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވާއިރު ހަމަ އެކަނި ބޭރުފުށުގެ ކަންކަން ކުރިއަރުވައިގެން ފުއްދައިލުމަކީ ކުރެވެން އޮތް ކަމެއް ނޫނެނެވެ. އަޅުގަނޑުމެންގެ ހަށިތަކުގެ އެތެރެއަށްވެސް ކުރިއެރުން ހޯދަން އެބަޖެހެއެވެ. އެކަން ކުރެވޭނީ ކީރިތި ޤްރްއާނާއި ކައިރިވެ އަމަލުކުރިވަރަކުންނެވެ.
ކީރިތި ޤްރްއާން ކިޔެވުމުގެ މުބާރާތްތައް ބޭއްވުމަކީ ކީރިތި ޤްރްއާން ކިޔެވުމަށް ބާރުއެޅޭ ކަމެކެވެ. ތަޖުވީދުމަގުން ކިޔެވުމުގެ ޝައުޤުވެރިކަން އިތުރުވާ ކަމެކެވެ. ކީރިތި ޤްރްއާން ހިތުދަސްކުރުމަށް ހިތްވަރު އިތުރުވާ ކަމެކެވެ.
މިއަހަރުގެ ޤައުމީ ޤްރްއާން ކިޔެވުމުގެ މުބަރާތް ފެށުމުގެ ރަސްމިއްޔާތުގައި މިކަންކަން ފާހަގަ ކުރައްވައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޒިޔާދު ބާޤިރު ވަނީ މުހިންމު ތަޤްރީރެއް ދެއްވައިފައެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި އެމްއެންޑީއެފް ފަދަ މުއައްސަސާތަކުން އެތަންތަނުގެ މުވައްޒިފުންނަށް އަމާޒުކޮށްގެން ކީރިތި ޤްރްއާން ކިޔެވުމުގެ މުބާރާތްތައް އަންނަނީ ބާއްވަމުންނެވެ.