އެޗުއާރުއެޗު: ރައްޔިތުންނަށް ފަސޭހަ ކުރުމާ ދިމާއަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 4މ 46ސ
އެޗުއާރުއެޗު: ރައްޔިތުންނަށް ފަސޭހަ ކުރުމާ ދިމާއަށް

ރީޖަނަލް ހޮސްޕިޓަލަކަށްވާތީ ރަނގަޅު ޚިދުމަތެއް ލިބޭނެ ކަމަށް ރައްޔިތުން އުންމީދު ކުރާނެއެވެ. ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ކުރުމަށް ހޮސްޕިޓަލުން މަސައްކަތް ކުރައްވާނެއެވެ.


އެހެންނަމަވެސް މިކަންކަމަށް އޮތް ހުރަހަކީ ފައިސާއެވެ. ވަސީލަތެވެ. މިހިސާބުން މިވާހަކަ ހުއްޓައިލީއެވެ. އައްޑުއަތޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އަކީވެސް އެތައް ބައެއްގެ އުންމީދާ ގުޅިފައިވާތަނެކެވެ. އެހެންނަމަވެސް އެތަނުގެ ޚިދުމަތްތަކާ ބެހޭގޮތުންވެސް ޝަކުވާކުރާ މީހުން މަދެއްނޫނެވެ. ފެންވަރު ރަނގަޅު ޚިދުމަތަކަށް އެދި އަޑުއުފުލާ ދޫތައް ގިނައެވެ. 


މިއަޑުތައް އެންމެ ތަފްސީލުކޮށް އިވޭނީ ހޮސްޕިޓަލުގެ ވެރިންގެ ކަންފަތަށެވެ. އެޗުއާރުއެޗުގެ ވެރިން ވިދާޅުވަނީ ރައްޔިތުންގެ އަޑުތައް އައްސަވާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ ފެންވަރުން ޚިދުމަތް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. 


އެޗުއާރުއެޗުން މިހާރުވަނީ އެތަނުން މިހާރުދެމުން ގެންދާ ޚިދުމަތްތައް ލިބެންހުރި ވަސީލަތްތަކާއެކު ފަސޭހަ ކުރުމުގެ މަސައްކަތް ފަށައިފައެވެ. "އަޅުގަނޑުމެން މިގެންދަނީ ހޮސްޕިޓަލުން މިހާރުވެސް ލިބެންހުރި ޚިދުމަތްތައް މެއިންޓެއިން ކުރުމާއި އެ ޚިދުމަތްތައް ރައްޔިތުންނަށް ލުއިފަސޭހަކޮށް ފޯރުކޮށްދެވޭތޯ މަސައްކަތްތަކެއް ކުރަމުން،" ހޮސްޕިޓަލުގެ ޑިރެކްޓަރ ޝާހު ސައީދު ވިދާޅުވިއެވެ.


މި މަސައްކަތުގެ ތެރެއިން އިތުރު ޚިދުމަތެއްވެސް އެތަނުގައި މިހާރުވަނީ ތައާރަފް ކޮށްފައެވެ. އެއީ މެމޯގްރަފީގެ ޚިދުމަތެކެވެ. އެ ޚިދުމަތް ތައާރަފްކުރިފަހުން މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. މެމޯގްރަފީގެ ޚިދުމަތް ނުވަތަ އުރަމަތީ ކެންސަރަށް ޓެސްޓްކުރުމުގެ ޚިދުމަތް ދޭން ފެށުމަކީ އެތަނުން ޚިދުމަތް ހޯދުމަށް އަންނަ މީހުންނަށް ލިބިގެންދާނެ ބޮޑު ލުޔަކަށްވާނެއެވެ. މި ޚިދުމަތް މިވަގުތު ބިދޭސީ ރެޑިއޯގްރާފަރަކު ދިނަސް އެކަމަށް ދިވެއްސަކުވެސް ތަމްރީން ކުރައްވަމުން ގެންދަވާ ކަމަށް ޝާހު ވިދާޅުވިއެވެ. 


ދެންއޮތީ ނަންބަރު ދޫކުރުމުގެ ވާހަކައެވެ. މި ޚިދުމަތް ފަސޭހަކޮށް އަވަސް ކުރުމުގެ ގޮތުން ޑިޖިޓަލްކޮށް ނަންބަރު ނެގުމުގެ ޚިދުމަތް ތައާރަފު ކުރުމަށް އެތަނުން ގެންދަނީ ތައްޔާރު ވަމުންނެވެ. އެކަމަށް ވަމުންދާ ތައްޔާރީތަކުގެ ބޮޑުބައި މިހާރުވަނީ ނިމިފައި ކަމަށް ޝާހު ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ ކައުންޓަރވެސް މިހާރު ވަނީ ނިމިފައެވެ. ކައުންޓަރ ހޮސްޕިޓަލަށް ގެނެސް ސިސްޓަމް ގުޅާލާ ހިސާބަށް އެމަސައްކަތް މިހާރުވަނީ ފައްކާ ކޮށްފައެވެ. ކުރިއަށްއޮތް މަހެއްހާ ދުވަސްތެރޭ އެޚިދުމަތްވެސް ލިބިގެންދާނެ ކަމަށް ހޮސްޕިޓަލުން އުންމީދު ކުރައްވައެވެ. 


މި ޚިދުމަތް ދޭން ފެށުމުން ނަމްބަރު ނަގައިގެން މަޑުކުރާކަށް ނުޖެހޭނެއެވެ. މި ޚިދުމަތާއެކު އެސްއެމްއެސްއެއް ފޮނުވައިގެން އެމީހެއްގެ ނަމްބަރު ޖެހެން ދެންއޮތީ ކިތައް ނަމްބަރުތޯ ބަލައިލުމުގެ ޚިދުމަތްވެސް ތައާރަފް ވެގެންދާނެއެވެ. 


"އެގޮތަށް ހެދުމުން އެމީހެއްގެ ނަންބަރު ޖެހުމުން ބަލިމީހުން ބަލާ ކޮޓަރިއަށް ވަންނަންވީ. އެތެރެއިން މީހަކު އައިސް ކޮންމެފަހަރަކު ގޮވުމަކީ މިހާރުވެސް ފަސޭހަކަމެއްނޫން. މި ޚިދުމަތުގެ ސަބަބުން ނަންބަރު ޖެހެންދެން ކޮންމެހެން ގޮނޑިބަރީގައި އިންނާކަށްވެސް ނުޖެހޭނެ. އެސްއެމްއެސް އެއް ފޮނުވައިގެން ބެލުމަށްފަހު ނަންނަރު ޖެހެން ކައިރިވީމައި އާދެވިދާނެ،" ހޮސްޕިޓަލުގެ މެނޭޖަރ އަބްދުﷲ ޖަމީލް ވިދާޅުވިއެވެ.


އެއާ ގުޅިގެން ލެބޯޓަރީގެ ޚިދުމަތްތައްވެސް ފަސޭހަ ކުރުމުގެ މަސައްކަތްތަކެއް އެޗުއާރުއެޗުން ގެންދަވަނީ ކުރައްވަމުންނެވެ. އޭގެ އިތުރަށް ޑައިލިސިސް ޑިޕާޓްމެންޓްގެ ޚިދުމަތްތައްވެސް ފުޅާ ކުރުމަށް އެތަނުން މަސައްކަތް ކުރައްވައެވެ. އެ ގޮތުން މިހާރު ބޭނުންކުރަމުން ގެންދާ ދެ މެޝިނުގެ އިތުރަށް ދެ މެޝިން ގެނެސް ފަރުވާ ދިނުމަށް ގެންދަނީ ތައްޔާރު ވަމުންނެވެ. މިހާރުވެސް އެތަނުގައި ދެ މެޝިނުންށް 8 ޕޭޝަންޓުންނަށް ފަރުވާ ދެމުން ގެންދެއެވެ. މި ހިސާބުން ހުއްޓައިލީއެއް ނޫނެވެ. އެކަމަށް ބޭނުންވާ ސާފު ފެން އުފެއްދުމަށް މެޝިނެއް ހޯދުމުގެ މަސައްކަތްވެސް ގެންދަވަނީ ކުރައްވަމުންނެވެ. 


ދެންއޮތީ ލޭ ރައްކާ ކުރުމުގެ ވާހަކައެވެ. ހޮސްޕިޓަލުގައި ލޭ ރައްކާ ކުރެވޭނެ ވަސީލަތެއް ނެތުމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާވަނީ އިންތިހާއަށް ގޮސްފައެވެ. އެހެން ކަމުން މިޝަކުވާތައްވެސް ވެރިން އައްސަވައިފިއެވެ. 


ޝާހު ވިދާޅުވީ ލޭ ރައްކާ ކުރުމުގެ ނިޒާމެއް އެޗުއާރުއެޗުގައި ގާއިމް ކުރުމުގެ މަސައްކަތް ފަށައި ވަރަށް ބޮޑުބައި ކުރިއަށް ގެންގޮސްފައިވާކަމަށެވެ. "ލެބޯޓަރީގައި ބްލަޑް ބޭންކިންގެ ޚީދުމަތް އާރާސްތު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. އެކަމަށް ބޭނުންވާ ހުރިހާ ސާމާނެއް ގާތްގަނޑަކަށް މިހާރުވެސް އެބަހުރި. އިންސްޓޯލްވެސް ކުރެވިފައިހުރީ. އެކަމަށް ބޭނުންވާ މުވައްޒަފުން ޓްރޭން ކުރުމުގެ ކަންތައްތައްވެސް ރޭވެމުންދަނީ. ކުރިއަށްއޮތް ދެމަހެއްހާ ދުވަސްތެރޭގައި ޓްރޭނިންތައް ނިމި މަސައްކަތް ފެށޭވާރުވާނެ ކަމަށް މިބަލަނީ. ޖާގައިގެ ދަތިކަން ހުރީމާ ބްލަޑް ބޭންކޭ ކިޔާފައި، ވަކި އިމާރާތެއް ނުހުންނާނެ. އެހެންނަމަވެސް ލެބޯޓަރީ ތެރެއިން ކުޑަ ޖާގައެއް ހަދައިގެން މިޚިދުމަތްދޭން ހަމަޖެހިފައި އޮތީ،" ޝާހު ވިދާޅުވިއެވެ. 


މިއީ ރައްޔިތުންގެ އުންމީދުތަކުގައި ކުޑަނަމަވެސް ހަގީގީކުލަ ޖެހެމުންދާކަން އަންގައިދޭ ކަންކަމެވެ. ރައްޔިތުން ބޭނުންވަނީ ރަށުގައި ތިބެގެން ރަނގަޅު ފެންވަރުގެ ބޭސްފަރުވާއެވެ. އެޗުއާރުއެޗުން އެކިބަލިތަކާ ގުޅޭ ދާއިރާވެސް ތަރައްގީ ކުރުމަށް އެތަނުން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ. އޭގެ ތެރޭގައި އާންމު ބަލިތަކާއި، ނަފުސާނީ ބަލިތަކާއި، ހަމުގެ ބަލިތަކާއި، ކަށީގެ ބަލިތަކާއި، ކުޑަކުދިންގެ ބަލިތަކާއި، ކަރުންމަތީގެ ބަލިތައް ހިމެނެއެވެ. މީގެ އިތުރަށް ލޮލުގެ ބަލި، އެތެރެހަށީގެ ބަލި، އަންހެނުންގެ ޚާއްސަ ބަލިތައް ހިމެނެއެވެ. އަދި ސްކޭން ކުރުމުގެ ޚިދުމަތާއި، ހޭނެއްތުމާއި، އޮޕަރޭޝަނާއި، ދަތުގެ ފަރުވާވެސް އެތަނުން ދެމުން ގެންދެއެވެ. 


އެޗުއާރުއެޗުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ބަލާއިރު އެތަނާމެދު މިހާރުވަނީ ބޮޑު އުންމީދެއް އާލާވާން ފަށައިފައެވެ.


 

މިއަދު އޮންލައިން