ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ބޭރުގެ ނުފޫޒުން ޤައުމު ހިމާޔަތް ކުރެވިފައިވާ ޤައުމެކެވެ. މުޙައްމަދު ތަކުރުފާނު ޕޯޗުގީޒުންގެ އަޅުވެތިކަމުން ޤައުމު ސަލާމަތް ކުރެއްވުމާއި، ދޮންބަންޑާރައިން ހޮޅިންގެ އަތުން ރާއްޖެ މިނިވަން ކުރުމަކީ މިފަދަ މިސާލުތަކެވެ.
މީގެ އަނެއްކޮޅުވެސް ރާއްޖޭގެ ތާރީޚުން ފެންނަން އެބަހުއްޓެވެ. ބޭރުގެ ނުފޫޒަށް ރާއްޖެ ހުޅުވައިދިން ޚިޔާނާތްތެރިންގެ އަމަލުތައްވެސް ފެންނަން އެބަހުއްޓެވެ.
ރާއްޖެއަށް ޕޯޗުގީޒުން ގެނެވުމަކީ ޤައުމަށްވުރެ އަމިއްލަ އެދުން ވެރިކަމުގެ މައްޗަށް ދަހިވެތިވުމުގެ މިސާލެކެވެ. ވޯރާ ވިޔަފާރިވެރިން ރާއްޖޭގެ އިޤްތިޞާދު ހިސޯރުކުރުމަށް ފުރުޞަތު ދިނީ ވެރިކަމުގެ ކޯޅުމުގައި އެއް އާއިލާއެއް ވެރިކަމަށް އަތްގަދަ ކުރަންވެގެންނެވެ. ތާރީޚުގައި ހިނގި ބޮޑު ހުޅުގެ ހާދިސާއާ ވިދިގެން އިނގިރޭސިންގެ ހިމާޔަތަށް ރާއްޖެ ވައްޓާލީއާއިލާއެއް ވެރިކަމުގެ މައްޗަށް ދަހިވެގަތެވެ.
19 ވަނަ ގަރުނު ފެށުނުތަނާ ވެލާނާގޭ މުޙަންމަދު ދީދީ ޕިޗޯރީން ގެނައީ ވެރިކަމުގައި ހުރި ބޭއިންސާފުގެ ތެރެއިން ނޭއްގާނީކަން އިސްކޮށް ވެރިކަން ބަދަލުކުރުމަށެވެ. ވެރިކަމަށް ދަހިވެތިވުމާއި، ނޭއްގާނީކަމުން ނުކުންނަ ނަތީޖާ ރަނގަޅެއްނުވެއެވެ. އެދުވަސްވަރު ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގައި ބޭއްވީ، މިނިވަން ކަމުގައި ކުޑަ ޤައުމެއް ނޯވެވޭނެ ކަމުގައި ކިޔައި، އޭރު ރާއްޖޭގެ އިސްވެރިން އެގޮތަށް ޤަބޫލުކޮށް އިސްރައްޔިތުންނަށް މިވިސްނުން ބުނެދީގެންނެވެ.
ނަމަވެސް ވެލާނާގޭ އިބްރާހީމް ނާޞިރުގެ ވެރިކަމުގައި މި ހުރިހާ ވިސްނުމެއް ބަދަލުކޮށް ރާއްޖެއަށް އިޤްތިޞާދީ އަދި ސިޔާސީ މިނިވަންކަން ގެނެސްދިނެވެ.ރައީސް ނާޞިރުވަނީ ވޯރާ ވިޔަފާރިވެރިންނާއި އިނގިރޭސިން އަތުން މިނިވަންކަން ރާއްޖެއަށް ގެނެސްދީފައެވެ. އަދި ސަރަހައްދީ ސިޔާސަތުގައި އިންޑިޔާއަދި ސްރީލަންކާ ބޮމައެއްހައި ދުރުގައި ބައިތިއްބާފައެވެ. ރާއްޖޭގެ އެތެރޭގެ ސިޔާސަތަށް އަތް ބޭނުމުގެ ފުރުސަތު ނުދީފައެވެ.
އަދުގައި ޖެހިގެން މިއުޅޭ ގިލަންވެރިކަމަކީ ފަސްދިއަތަނުން ފެނިފައިވާ ފަދަ ކަންތައްތައް ތަކުރާރުވާތަން ފެންނަ ކަހަލަ ކަންކަމެވެ.ސަރަހައްދުގެ ޤައުމުތައް ރާއްޖޭގެ ދާޚިލީ ކަންކަމަށް ބެއްސުމާއި އެ ޤައުމުތަކުގެ ނުފޫޒު ރާއްޖޭގެ މައްޗަށް ބޭއްވުމަށް ކުރެވޭ މަސައްކަތަކެވެ. މިކަމުގެ ފަހަތުގައި ތިބީ ކުރިންވެސް މިކަނކަން ކުރި އާއިލާތަކެވެ.
ހަނދާންކޮށްލަމާތޯއެވެ. އަޅުގަނޑުމެނަށް ފެނިފައި ނޫންތޯ އޮތީ ރާއްޖޭގެ އެއާޕޯޓް ގެއްލިގެން ދިޔަތަން؟ ރާއްޖޭގެ ބޭންކް ގެއްލިގެން ދިޔުމުގެ ތުންފަތްމަތީ އޮތް ތަން؟ ރިޒޯޓްތަކުގައި ސްޕާ ހުރީއޭ ކިޔައި ބަންދު އެޅުވިގެން ދިޔަތަން ވަނީ ފެނިފައެވެ.
މިފަދަ ދެރަގޮތަކަށް ޤައުމުގެ އަމަން ނަގައިލެވިގެން ދިޔަ ތަނަކީ ޒިންމާދާރު ރައްޔިތުންނަށް އަސަރުކުރި ކަންކަމެވެ.
ރާއްޖެ ކޮމޮންވެލްތް އިން ވަކިވެގެން ދިއުމަކީ ޤައުމުގެ ސިޔާދަތު ރައްކާތެރިކުރުން ކަމަށްވާތީ، އެކަމަކީ އެހެން އެއްވެސް ކަމަކާ އަޅައިކިޔާ އެ ޖަމާޢަތުގައި ތިބެންޖެހޭ ކަމެއްނޫނެވެ. ކޮމޮންވެލްތްއިން ލިބޭ އެހީތެރިކަމާއި އަދި ލިބިދާނެ އެހެނިހެން މަންފާތަކުގެ ދަހިވެތިކަމުގައި އަމިއްލަވަންތަކަން ނަގައިލާކަށް ނުޖެހެއެވެ.
ރާއްޖޭގައި ވެރިކަން ކުރި ހިތްވަރު ގަދަ ވެރިން ވަނީ މިގޮތަށް ކަން ކޮށްފައެވެ. ނައިބުތުއްތު އަރުވައިލެވިގެންދިއައީ އިނގިރޭސިންގެ ކުރިމަތީ އިސްޖަހައި ނުލަންވެގެން، އިނގިރޭސިންގެ ހިމާޔަތުގެ އެއްބަސްވުމަށް ތާޢީދު ނުކުރަން ވެގެންނެވެ.