ޝަރުއީ ނިޒާމް ފުނޑުފުނޑު ކޮށްލިމީހުން ޝަރުއީ ނިޒާމް ކަމުނުދާ ކަމުގެ ވާހަކަ ދެއްކީމާ މިވަނީ ކިހިނެތް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 10ސ
ޝަރުއީ ނިޒާމް ފުނޑުފުނޑު ކޮށްލިމީހުން ޝަރުއީ ނިޒާމް ކަމުނުދާ ކަމުގެ ވާހަކަ ދެއްކީމާ މިވަނީ ކިހިނެތް؟

ދިވެހި ރައްޔިތުން އެންމެ ބޭނުންވެގެން ތިބީ އަދި މިހައި ތަނަށްވެސް ނުލިފައި އޮތީ ކޮންކަމެއްކަން ބެލުމަށް ދިވެހިރައްޔިތުންގެ މެދުގައި މިހާރުން މިހާރަށް ފުރިހަމަ ސަރވޭއެއް ކުރިނަމަވެސް 99 އިންސައްތަ ރައްޔިތުން ބުނާނީ އަދުލު އިންޞާފު ކަމަށެވެ. އަދުލުވެރިކަމާއިއެކު ކޯޓުތަކުން ޙުކުމް ކުރުމަށެވެ. އެއީ ދެބަސްވެވެން ނެތް ކަމެކެވެ. 


އަދުލު އިންޞާފުގެ ދާއިރާއިން ބަލައިފިނަމަ ރާއްޖޭގެ މައްޗަށް ނެގި އެންމެ ކަޅު ވިލާގަނޑަކީ ނުވަތަ ކުރިމަތިވި އެންމެ ބޮޑު "ދާއްބަ" އަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓިގެދަށުން އުފެއްދި ފުލުސް ކޯޓެވެ. 


އެއީ ޝަރީއަތް ކުރުމަށްޓަކައި ކަންކަން ތަޙްޤީޤްކުރަންޖެހޭ ކޯޓެއްވެސް ނޫނެވެ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓިގެދަށުން ހިންގަމުން އައި ފުލުސް އޮފީހަށް ވައްދައި ގަދަކަމުން އޮބި އަޅައިގެން ނަމަވެސް ބަޔާނެއް ނަގައި އެ ބަޔާނުގެ މައްޗަށް ހަމަ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓިން ހަމަ އެމިނިސްޓްރީގެ ދަށުން ހިންގާ ފުލުސް ކޯޓަށް މައްސަލަ ފޮނުވާއިރު މައްސަލައިގެ ކަރުދާހުގެ ކަނުގައި ހަމަ އެ މިނިސްޓްރީން ލިޔެފައި އިންނަ ޙުކުމް އިއްވުމުން ޝަރީއަތް ކުރެވުނީއެވެ. އަދުލުވެރި ޙުކުމް އިއްވުނީއެވެ. 


އެ ގޮތަށް ޙުކުމް އިއްވައި ބޮޑެތި އަދަބުތައް ދިނީ ކިތައް ހާސްރައްޔިތުންނަށްކަން އެނގޭނީ ކޯޓުގެ ލިޔުންތައް އަރުޝީފުގައި ހުރިނަމަ އެ ލިޔުން ބަލައި ދިރާސާ ކުރުމުންނެވެ. 


ދެން އޮތީ އިސްތިއުނާފްގެ މައްސަލައަށް މިހާރު ކުރިމަތިވެފައިވާ މައްސަލައެވެ. އިސްތިއުނާފްގެ މަރުހަލާ ނިމެންދެން ޙުކުމް ތަންފީޒުނުކުރުމުގެ ވާހަކައެވެ. 


ރާއްޖޭގެ ތާރީޚަށް ބަލާއިރު މިއީ މިވާހަކަ އަޑުއިވުނު ފުރަތަމަ ފަހަރެވެ. ރާއްޖެ އިސްލާމް ވީންސުރެ މިހައިތަނަށް ގެންގުޅުނު އެއްވެސް ޚަތިމެއްގައި އަދި ހަދީޘް ފޮތެއްގައި އެފަދަ އެއްވެސް ވާހަކައެއް އޮތްކަމަށް ޤަބޫލެއް ނުކުރެވެއެވެ. އޮތް ނަމަ އެއަށް އަމަލުކުރާނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. 


ރާއްޖޭގައި 3 ބާރު ވަކިކުރެވުނީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤް ކުރެއްވި ފެހި ޤާނޫނު އަސާސީންނެވެ. 3 ބާރު ވަކިކޮށް ނިމުނީ އެއިގެ 2 އަހަރު ފަހުންނެވެ. އަދިވެސް މުޅިން ވަކިވި ކަމަށް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ. 


ޔަޤީން ކަމަކީ 8 އޮގަސްޓް 2008 އަާއި ހަމައަށް ރާއްޖޭގައި ވެރިކަންކުރީ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ކަމެވެ. 3 ބާރަށްވެސް އަމުރު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ކަމެވެ. ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ބޭނުންފުޅުވި ކޮންމެ ކަމެއް ކުރެއްވެވި ކަމެވެ. ކުރައްވަން ބޭނުންފުޅު ނުވި އެއްވެސް ކަމެއް ޤައުމުގައި ވެފައި ނެތްކަމެވެ. 


ރާއްޖޭގެ އަދުލު އިންޞާފުގެ އެއްވެސް ކަމެއް ރަނގަޅު ނުކޮށް ތިމާ ބޭނުންވާ ކޮންމެ ގޮތަކަށް ޙުކުމް ނެރެމުން ގެންދިއަ މީހުން ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ކަންކަން ކުރަނީ އިންޞާފުން ނޫން ކަމަށް މިއަދު ބުނުމުން އެއަށްވުރެ ހެއްވާ ވާހަކައެއް އެއްވެސް މީހަކަށް ދެއްކި ދާނެ ބާވައެވެ!


"ފުލުސް އޮފީހުގައި 3 ފަށް އަރާފައި ހުރި އޮފިސަރެކެވެ. ކުރިމަތިވީ ދަރިފުޅުގެ ބެލެނިވެރިކަމުގެ މައްސަލައެވެ. ކޯޓުން ޙުކުމް ކުރަމުން ބުނީ ދަރިފުޅު މަންމަ އާއި ހަވާލުކުރަން ހުކުމް މިކުރަނީ އެގޮތަށް އެކަން ކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވެސް ފެނިވަޑައިގަންނަވާތީ ކަމަށެވެ. އެކަމާއި ގުޅިގެން "އަޅުގަނޑުގެ ދަރިފުޅުގެ ބެލެނިވެރިޔާވެސް އެނގިވަޑައިގަންނަވަނީ ރައިސުލްޖުމްހޫރިއްޔާއަށްތޯ؟ ސުވާލުކުރުމުން ދެން ކުރިމަތިވި މައްސަލަތަކުގެ ފޮތެއް ލިޔެވޭނެކަމަށް އުންމިދުކުރެވެއެވެ."


ދެމީހަކު އެކުގައި ވިޔަފާރިކުރަމުން ދަނިކޮށް އެކަކަށް މާލީ ބޮޑު ގެއްލުމެއް ކުރިމަތިވީއެވެ. އެކަކީ ސްރީލަންކާގެ އެކްސްޕޯޓަރެކެވެ. ދިވެހި ވިޔަފާރިވެރިޔާއަތުން އެއިރު އޭނާއަށް ދޭން އޮތް 2،300 ޑޮލަރު އަނބުރައި ބޭނުމެއް ނުވިއެވެ. ނަމަވެސް ލަންކާގެ ޤަވާއިދުތައް އޮންނަ ގޮތުން އެކަމުގެ ހިސާބު ނިންމި ގޮތް ސެންޓްރަލް ބޭންކަށް ދައްކަންޖެހެއެވެ. އެކަމަށްޓަކައި ދެމީހުން އެކުގައި ދިއައީ ފުލުސް އޮފީހަށެވެ. 


ފުލުސް އޮފީހަށް ގޮސް އެއީ ދަރަންޏެއް ކަމަށް ހަދައި ރަސީދެއް ހޯދިއެވެ. ހަމައެކަނި ސެންޓްރަލް ބޭންކަށް ދެއްކުމަށެވެ. އެއިގެ 3 ދުވަސްފަހުން ވިޔަފާރިވެރިޔާއަށް ލިބުނީ ފުލުސް ކޯޓުގެ ޗިޓެކެވެ. ގަޑިއަށް ހާޒިރުވިއިރު މައްސަލައިގައި ކުރަންޖެހޭ ހުކުމް ޤާޒީ އިނީ ލިޔެގެންނެވެ. ކުރިން ދެންނެވި ދަރަނީގެ ރަސީދުގެ މައްސަލަ އޮތީ ޚިޔާނާތުގެ މައްސަލައަކަށް ބަދަލުވެފައެވެ. އިތުރު އެއްވެސް ތަޙްޤީޤެއް ކުރުމަކާއި ނުލައި ޙުކުމްކުރީ 2 އަހަރާއި 4 މަސް ދުވަހަށް އަރުވާލުމަށެވެ.


އިސްތިއުނާފްގެ މަރުހަލާއެއް ނުލިބެއެވެ. ވަގުތުން ބަންދުވީއެވެ. 


މައްސަލަ ހައި ކޯޓަށް ހުށަހެޅިއެވެ. ޝަރީއަތްވެސް ހިނގައެވެ. މައްސަލަ ނުނިމި އަހަރަކަށްވުރެ ގިނަ ދުވަސްވުމުން ސްރީ ލަންކާ މީހާ ކޮންމެ ދުވަހަކު ހެނދުނު ދާންފެށީ ހައިކޯޓަށެވެ. ގޮސް ސުވާލުކުރަމުން ގެންދިއައީ އޭނާގެ ރަހްމަތްތެރިޔާ ދޫކޮށްލަނީ ކޮން ދުވަހަކުންތޯއެވެ!


އެމަސައްކަތް އޭނާ ފެށިތާ 7 ވަނައަށް އޮތް ދުވަހު އިވުނީ ފުލުސް ކޯޓު އުވައިލި ވާހަކައެވެ. 10 ވަނަ ދުވަހު ހައި ކޯޓުން ޙުކުމް ކުރީ އެ މައްސަލައިގައި ކޮށްފައިވަނީ ކުރުމުގެ އެއްވެސް ޖާގައެއްވެސް ނެތް ހުކުމެއް ކަމަށެވެ. ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށެވެ. 


ދެންވެސް ވިޔަފާރިވެރިޔާ މިނިވަނެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަސްފުޅެއް ނުލިބިގެންނެވެ. ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ބަސްގުޅެއް ލިބުނީ އެތައް ދުވަހެއްފަހުން ދެން ބަންދުގައި ބަހައްޓާނަމަ އިތުރު ހުކުމެއް ކުރިނަމަވެސް ބޭރަށް މިއަދު 12:00 ގައި ނުކުންނާނެކަމަށް ބުނި ދުވަހުއެވެ. 


މިނިވަންވުމުން ލިބުނު ގެއްލުމުގެ ބަދަލަށް އެދި ޑިފެންސް މިނިސްޓްރީއަށް ލިޔުމުން ދިން ބަދަލަކީ "މިހާރު ފުލުސްކޯޓު ވަނީ އުވާލާފައި" ކަމަށް އެންގުމެވެ. 


ރާއްޖޭގެ ޝަރުއީ ނިޒާމު މިހައި އަދުލުވެރިކަމާއިއެކު ހިންގިމީހުން މިއަދު ނުކުމެ ކޯޓުތައް ރަނގަޅެއް ނޫނޭ، ޝަރީއަތް ކުރަނީ އިންޞާފުން ނޫނޭ ބުނުމުން ދެން ބުނަން އޮތީ ކީކޭބާވައެވެ! 


އަދުލުވެރިވުމަށާއި އެންމެންނާއިމެދު ހަމަހަމަ އުޞޫލުން ޙުކުމް ކުރުމަށް  އަމުރުކުރީ ފެހި ޤާނޫނު އަސާސީއެއް ނޫނެވެ. ކީރިތި ޤްރްއާން ދޮގެއްތޯއެވެ! އެހެންކަމަށްވާއިރު ކީރިތިި ޤްރްއާން ބާވައިލެއްވެވުމުގެ ކުރިން ޖާހިލިއްޔަ ޒަމާނުގައި މިރާއްޖެއަށް އުފަންވުމުން އަދުލު އިންޞާފު ނުލިބުނު ހަމައެކަކުވެސް މިހާރު ރާއްޖޭގައި ހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

މިއަދު އޮންލައިން