އެވޭލާ ޒަމާނުގައި ރާއެރިކަމަކީ ދިވެހިންގެ ތެރޭގައި ތަރައްގީވެ ކުރިއަރަމުން އައި ވަރަށް ބޭނުންތެރި ފައިދާ ބޮޑު މަސައްކަތެކެވެ.
ރުކުރާއިން އުފައްދާ ތަކެތި ބޭނުން ކުރެވެމުން އައީ ކެއުމަށާއި ރާއްޖެއިން ބޭރަށް ގެންގޮސް ވިއްކައިގެން އާމްދަނީ ހޯދުމަށްޓަކައެވެ. މިދެންނެވި މަސައްކަތް އެންމެ ފުޅާދާއިރާ އެއްގަ ކުރަމުން އައީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައެވެ. ޚާއްސަ ކޮށް ފުވައްމުލަކާއި އައްޑު އަތޮޅުގައެވެ.
އެދުވަސްވަރުގައި ދިރިއުޅުމުގެ ފެންވަރާއި ތަނަވަސް ކަމަށްބަލާއިރު ރާއެރިންނަކީ އެއްވަނަ ފަނތީގައި ގުނާލެވޭ ގަދަރު ހުރި ބައެކެވެ. 1922 ވަނައަހަރުގައި ހަމަ އެކަނި އައްޑުއަތޮޅުގައި 250 ރާއެރިން ތިބިކަމަށް ބުނާތީ އަޑު އިވެއެވެ. މިހާރު އައްޑުއަތޮޅުގައި ތިބީ ރާއެރިކަން ރަނގަޅަށ ދަންނަ 6 މީހުންނޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. އެހެނަސް މިމީހުންނަކީވެސް ރަޖަބު މަހުން ފެށިގެން ރަމްޟާން މަހުގެ ނިޔަލަށް ރާއަރާ މީހުންނެވެ. އާދެ، ރޯދަމަހށްޓަކައެވެ. ތަނުން އުފައްދާ ފަލަމަޑިއާއި ގޮވާމާއި މަސްވެރިކަމާއެކުވެގެން މީހުންގެ ބަނޑު ފުރާނަ މުއްތިކުރުމުގައި އެންމެ ބޮޑު ބައެއް ކުޅެމުން އައީ ރާއެރިންނެވެ.
ޚާއްސަ ކޮށް ރާލިބޭ އެންމެންނާއި ގަނެގެން ބޭނުންކުރެވޭ ފެންވަރުން އެންމެން މެންދުރުގެ ކާނާއަށް ބޭނުންކުރަނީ ފަތުލި ހަކުރާއި ވަޅޯމަހާއި ކާއްޓެވެ. ހެދުނުގެ ނާސްތާއަކަށް ބޭނުން ކުރަމުން އައީ ދިވެހި ހަކުރުން ތައްޔާރުކުރާ ބޯކުރި ބަނބުކޭލާއި ކާށްޓާއި ވަޅޯމަހެވެ.
ރާއްޖެއިން ބޭރަށް ވިއްކަން ގެންދަނީ ދިވެހި ހަކުރުން އުފައްދާ، އާރޮހާއި، ކައްޓަލަ ކަލިޔާއާއި ބޮނޑި އެވެ.
ކޮންމެ ތެދުވިސްނާ ބޭފުޅަކުވެސް ގަބޫލު ކުރައްވާނެފަދައިން ފުރިހަމަ ތަރައްގީއަކީ، އެބަޔަކު އުޅޭ ތަނަކުން އުފައްދާ ތަކެތި ބޭނުންކޮށް ގެން އޭގެ އެހީގައި ހޯދެވޭ ތަރައްގީއެވެ. ތަރައްގީއަކީ ފައިސާ ލިބޭނަމަ ތަނުން އުފެއްދެން ހުރި ތަކެތި ދޫކޮށްލާފައި ތައްޔާރީ ތަކެތި ބޭނުން ކުރުމެއް ނޫނެވެ. ޚިޔާލުގެ އަސް ތަނަވަސް މައިދާނަކަށް ނެރެގެން ދުއްވާލަމާތޯ އެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުގައި ފަލަމަޑީގެ ބާވަތްތައް ކާއިރު ރަހަ ރަނގަޅު ކުރުމަށްޓަކައި ބޭނުން ކުރަނީ ހަވާދު ރޯމިރުސް ބޭނުން ކޯށްގެން ކައްކާފަ ހުންނަ ރާހުތެވެ. ކުކުޅުމަސް ފަދަ ތަކެތި މަޑުކުރުމަށްޓަކައި ބޭނުން ކުރަމުން އައީ ރުކުރާއިން އުފައްދާފައި ހުންނަ ރާހުތެވެ. މިހާރު އޭގެ ބަދަލުގައި މިބޭނުން ކުރަނީ އެރަހަ ލައްވާފައި ހަދާފަ ހުންނަ "ވިނެގާރ" ކިޔާ އެއްޗެކެވެ. ހަގީގަތުގައި ރުކުރާގެ ރާހުތުގައި ދޭ ކަހަލަ އަސްލު ރަހައެއް ނުހުރެއެވެ.
އަޅުގަނޑުމެން ޒަމާނީ ތައުލީމު ލިބި ދުނިޔޭގެ އެތަންމިތަނަށް ދަތުރުކުރުމުގެ ފުރުސަތު ލިބި އެތަންތަނުގެ މީހުން އުޅޭގޮތް ފެނުމުން، އަމިއްލަ ކާބަފައިން ކުރަމުން އައި ރަނގަޅު ކަންތައް ދޫކޮށްލާފައި އެތަންތަނުން ފެންނަ ކަނތައްތައް ކޮޕީކުރުމަކީ ތަރައްގީއެއް ނޫނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އެމީހުންގެ ސަގާފަތް ދިރުވައި ހަރުދަނާ ކުރުމަށް ކުރާ މަސައްކަތަކީ ވަންހަނާ ވެގެންވާ ކަމެއް ނޫނެވެ. ޢޅުގަނޑުމެންގެ އަވަށޓެރި ސްރީލަންކާގައިވެސް ރާއެރުމުގެ މަސައްކަތް ކޮށް އުޅެއެވެ. ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ޕޭސްޓްރީ ތަކަށް ލަންކާއިން އެތެރެކުރާ "ޖަގްރީ" އަކީވެސް ރުކުރަލުން އުފައްދާ އެއްޗެކެވެ. ޒަމާން ތަރައްގީ ވާވަރަކަށް އެމީހުން ދަނީ އެމަސައްކަތް ތަރައްގީކޮށް ކުރި އަރުވަމުންނެވެ.
ވީއިރު އަޅުގަނޑުމެން ރާއެރިކމަކީ ހުތުރު ކަމެއް ކަމުގައި ދެކިގެން އެކަމަށް ފުރަގަސް ދޭންވީ ސަބަބަކީ ކޮބައިތޯ އެވެ. ރާއެރިކަން އަޅުގަނޑުމެންގެތެރެއިން ނެތިދިއުމަކީ އަޅުގަނޑުމެންގެ ގައުމިއްޔަތާމެދު އަޅުގަނޑުމެންގެ އަމިއްލަ ނަފުސުން ވެވޭ ޚިޔާނާތެއް ކަމުގައި ނުވޭބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ.
ވެހިދި ހަކުރޭ މޮޅީ ހަމަ
ވެހި ކަތުން ކައި އުޅުނުމަށް ދި
ވެހި ހަންހާރަ ކުރުމަށް ދި...