އިންޑިއާގެ އަމަރުވަތީ އަކީ ކެޕިޓަލް ސިޓީއަކަށް ބަދަލުވާކަމުގެ ޚަބަރާއިއެކު ބިމުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމުން ދަނޑު ބިންތައް 60 އިންސައްތަ ބޮޑު އަގުގައި ވިއްކައި ކުއްލިއަކަށް މަހުޖަނުންނަށްވި ގިނަ ބައަކަށް ހަތަރު އުދަރެސް ފެނުޖެހިއްޖެއެވެ.
ގިނަ އަދަދެއްގެ ދަނޑުވެރިން، ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ބަދަލުގައި ފައިސާ ބަހައްޓާފައި ހުރީ ބޭންކުތަކުގެ ލޮކަރުގައެވެ. ނަމަވެސް ދިގު މުއްދަތުގައި އެގޮތަށް ބެހެއްޓުމަކީ މަނާކަމަކަށްވާތީ އެމީހުންގެ ފައިސާ ބޭންކަށް ޖަމާކުރެވޭނެ ގޮތެއް ހޯދުން ވަނީ ދަތިކަމަކަށްވެފައެވެ.
މިގޮތަށް ފައިސާ ބަހައްޓައިގެން ތިބި މީހުން ދަނީ ބޭންކުތަކަށް ދުވަމުންނެވެ. ކުޑަ ޖުރުމަނާއަކާއިއެކުވެސް ފައިސާތައް ޖަމާކުރެވޭނެ ގޮތް ހޯދުމަށެވެ. މިގޮތުން ކުރާ މަސައްކަތުން ގޮތެއް ހޯދުނު ނަމަވެސް ދުވާލަކު ޖަމާކުރެވެނީ މަދު އަދަދަކަށް ކަމަށްވާތީ ހައްލެއް ހޯދުން ވަނީ ވަރަށް ދަތިކަމަކަށްވެފައެވެ.
އެއްބައަކު މިހާލުގައި އުޅެމުންދާއިރު ފައިސާ ބަދަލުކޮށްދިނުމުގެ ޑީލެއް ހަދައި ފައިސާގެ ވިޔަފާރިކުރަމުންދާ މީހަކު މިހާރު ވަނީ މަހުޖަނަކަށްވެފައެވެ.
ރިއަލް ސްޓޭޓް ވިޔަފާރިކުރާ މިމީހާ ކުރީގެ ނޫޓުތައް ބަލައިގަންނަނީ 3 މަސްފަހުން ކޮންމެ 1000 ރުޕީސްގެ ނޫޓަކުން 250 ރުޕީސް އަދި 500 ރުޕީސްގެ ނޫޓަކުން 150 ރުޕީސް ކޮމިޝަނުގެ ގޮތުގައި އުނިކުރުމަށްފަހު އަނބުރައި ފައިސާ ދޭ ގޮތަށެވެ. އޭނާ ފައިސާ ބަހައްޓަނީ އެއްވެސް ލިޔެކިޔުމެއް ނެތި އޭނާ އާއި ފައިސާ ހަވާލުކުރަން ބޭނުންވާ މީހުންގެ އަތުންނެވެ.
އޭނާ ބުނީ އޭނާގެ ވިޔަފާރި ރަނގަޅު ކަމަށާއި ނުގަވާއިދުން އަތުގައި ފައިސާ ބަހައްޓައިގެންތިބި ގިނަ ބައަކު އޭނާ އާއި ފައިސާ ހަވާލުކުރަމުން ގެންދާ ކަމަށެވެ.
ސަރުކާރުން ފައިސާ އާއިމެދު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޤަވާއިދާއި ޚިލާފަށް އަތުގައި ގިނަ އަދަދަކަށް ފައިސާ ބަހައްޓައިގެން ތިބި ގިނަ ބައަކަށް ވަނީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ.