އައްޑުއަތޮޅަކީ ދިވެހިތާރީޚުގައި ފާހަގަކޮށްލަންޖެހޭ އަތޮޅެކެވެ. އައްޑޫގައި ހިނގައިފާވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް ހެއްކެއް ލިބިފައިނުވާ ކަންކަންވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ރަނިންގެ ފެންގަނޑަކީ އެއްވާހަކައެވެ.
މަޝްހޫރު މިވާހަކައާ ގުޅޭ ގޮތުން އެކި މީހުން އެކިގޮތްގޮތަށް ވާހަކަ ދައްކައެވެ. އެއްވެސް މީހަކަށް ޔަގީން ކަމާއެކު އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެއެވެ. އެކި މީހުން ކިޔައިދެނީ އެކި ގޮތަށެވެ. މިއީވެސް އޭގެ ތެރެއިން އެއްގޮތެވެ.
ބުނެވޭ ގޮތުގައި އައްޑޫ ހިތަދޫ އޮޑައްސައު ސަރަހައްދުގައި އޮންނަ ރަނިންގެ ފެންގަނޑަކީ ކާންޒީ ކަމަނާއަށް އޭނާގެ ފިރި ގައުހަރީ ކަޅުއިބްރާހީމް (ކަޅު އުނބުށޭމް) ހަދައިދިން ފެންގަނޑެކެވެ.
ކާންޒީކަމަނާއާއި ކަޅު އުނބުށޭމް
ކަޅު އުނބުށޭމަކީ އެދުވަސްވަރު ރަސްކަމުގެ ކޮއިލުތެރޭގައިވެސް ވަރަށް ބާރުގަދަ މީހެއް ކަމަށްވެއެވެ. އޭނާގެ ނުފޫޒާހެދު އޭރުގެ ރަދުން އޭނާ ހުވަދުއަށް ފޮނުވައިލެއްވިއެވެ. ހުވަދޫގައި ހުރެފައި މީނަ އައްޑުއަށް ދިޔައެވެ. އައްޑޫގައި އުޅެނިކޮށް ހުވަދުއަތޮޅަށް ބޯޓެއް އުރުނު ޚަބަރު ލިބުނެވެ. އޭނާ ވަގުތުން އަނެއްކާވެސް ހުވަދުއަށް ދިޔައެވެ. ހުވަދުއަށް ގޮސް އެބޯޓު ނުވަތަ ނައު އަރާފައިވާ އެކެފަރަށް ގޮސް ނަވުގެ މީހުންނާ ހަނގުރާމަކޮށް އެންމެން މަރައި ހުސްކޮށްފިއެވެ.
އެއިން ސަލާމަތްވި ކަމަށްވަނީ ހަމައެކަނި ކާންޒީ ކަމަނާއެވެ. ކާންޒީ ކަމަނާއަކީ އެ ނަވުގެ ކައްޕިތާނުގެ އަންހެނުން ކަމަށްވެއެވެ. މި ކަންތައްގަނޑަށްފަހުވެސް އޭނާ އެނބުރި އައީ އައްޑުއަށެވެ. އައްޑުއަށް އައީ ކާންޒީ ކަމަނާ ގޮވައިގެންނެވެ. އޭރު އެކަމަނާ އިނީ ބަލިވެއެވެ. އޭނާ ގޮވައިގެން އައިސް ކަޅުއުނބުށޭމު ވަޒަންވެރިވީ ހިތަދޫ މާރަންދޫ ސަރަހައްދުގައި ކަމަށް ވެއެވެ. މިހާރު އެއީ އާރުއޭއެފް ސަރަހައްދެވެ.
ގަނޑުވަރު އަޅައިދިނުން
އެ ސަހަރަހައްދަށް ފޭބުމަށްފަހު ކަޅުއުނބަށޭމް ވަނީ ކާންޒީ ކަމަނާއަށް އެތަނުގައި ގަނޑުވަރެއް އަޅައިދީފައެވެ. އެތަނަކީ ނަމަކީ އެއްގަމު ކޯއްޓޭ (މާރަންދޫ ގަނޑުވަރު) އެވެ. އަދި އޮޑައްސައު ސަރަހައަދުގައިވެސް ގަނޑުވަރެއް އަޅައިދިން ކަމަށްވެއެވެ. އެއީ އަތިރީ ކޯއްޓޭ (އަތިރީ ގަނޑުވަރު) އެވެ. ކާންޒީ ކަމަނާ އަތިރީ ގަނޑުވަރު ބޭނުން ކުރަމުންއައީ ހިތްއުފާކޮށްލާ ޕިކްނިކް ހަދާލުމަށް ކަމަށްވެއެވެ.
ކާންޒީ ކަމަނާ އައްޑުއަށްއައިރު ބަލިވެއިން ދަރިފުޅު ވިހެއީ މާރަންދޫ ގަނޑުވަރަށެވެ. އެދަރި ވިހެއުމަށްފަހު ނަމަކަށްކީ މުހައްމަދެވެ. އެއީ ފަހުން ރާއްޖެއާ ތޮޅި ދިވެހި ރަސްކަން ފޭރިގަތް އެންޑްރޫ އެންޑްރިއާސް ނުވަތަ އަނދިރިއަނދިރިންނެވެ. ކަޅުއުނބުށޭމް މުހައްމަދު ގެންގުޅެމުން އައީ އަމިއްލަ ދަރިއެއް ފަދައިން ވަރަށް ލޯބިންނެވެ.
ކާންޒީ ކަމަނާ މުހައްމަދު ވިހައި ގަދަވުމުން ކަޅުއުނބުށޭމް އެ ކަމަނާއާ ކައިވެނިކުރިއެވެ. އެކައިވެންޏަށްވެސް ފިރިހެން ދަރިއަކު ލިބުނު ކަމަށްވެއެވެ. އެ ކުއްޖާގެ ނަމަކަށްކީ މަތުއްކަލާ ކަމަށްވެއެވެ. މަތުއްކަލާ ލިބުމުންވެސް ކަޅުއުނބުށޭމް މުހައްމަދަށް ބަހައްޓަންޖެހޭ އަޅައިލުމަށް އެއްވެސް ބަދަލެއް ނުގެނެސް ދެކުދިންނަށްވެސް އެއް ހަމައިން ކަންތައް ކުރަމުން ގެންދިޔައެވެ.
ރަނިންހަނާ ފެންގަނޑު
ރަނިންހަނާ ފެންގަނޑަކީ ކާންޒީ ކަމަނާ ފެންވެރުމަށް ކަޅުއުނބުށޭމް ހަދައިދިން ފެންގަނޑެކެވެ. އެތަން ހަދާފައިވަނީ ބޮޑުދިޔައިގައި އެތެރެއަށް ލޮނުވަންނަ ގޮތަށެވެ. އަދި ހިކިދިޔައިގައި ލޮނު ބޭރުވާ ގޮތަށެވެ. އެތަނުގެ ވަށައިގެންވަނީ ހަތާ ޖަހައި ރީތިކޮށްފައެވެ. އެއީ ރީތިކޮށް ފެންގަނޑު ހިފެހެއްޓުމަށް ކުރިކަމެއް ކަމަށްވެދާނެއެވެ.
މިފެންގަނޑު ހަދައިފައިވަނީ ކާންޒީ ކަމަނާއަށް އޮޑައްސައު ސަރަހައްދުގައި ކަޅުއުނބުށޭމް ހަދައިދިން އަތިރީ ކޯއްޓޭ ނުވަތަ ކޯއްޓޭ ގަނޑުވަރު ކައިރީގައެވެ. އައްޑޫ ހިތަދޫ އޮޑައްސައު ސަރަހައްދުގައި އޮންނަ ކޯއްޓޭ އެނަމުން މަޝްހޫރުވެފައިވަނީ ކޯއްޓޭ ގަނޑުވަރުގެ ނަމުން ކަމަށްވެއެވެ.
ރަނިން ފެންގަނޑަށް ކާންޒީކަމަނާ ދަނީ ކޮންމެ ހަފްތާއަކު އެއްދުވަހު ކަމަށް ބުނެއުޅެތެވެ. އެއީ ބުރާސްފަތި ދުވުހެވެ. އެދުވަހު އޭނާއާއެކު ބައެއް އެކުވެރިންވެސް އެތަނަށްދާ ކަމަށްވެއެވެ.
މިހާރު އެތަނުގެ ހައިބަތެއްނެތް
މިހާރު އެތަނުގެ އެއްވެސް ހައިބަތްތެރި ކަމެއްނެތެވެ. ވަށައިގެންހުރި ހަތާތައްވަނީ ނަގައި ހުސްކޮށްފައެވެ. ވަށައިގެންވަނީ ދިއްގާގަސް ހެދިފައެވެ. ފެންގަނޑަށްވަނީ ފުޅިތޮށި އަޅައި ފުރިފައެވެ.
އެތަނުގެ ހަތާއްތައް ނެގީ ގެތައް ރޭނުމުގެ މުހުތާދުގައި ހިތަދޫ މީހުންނެވެ. ފުޅިތޮށި އަޅައި އެތަންފުރާލީ އިނގިރޭސީން ކަމަށްވެއެވެ. އެއީ އެމީހުން އައްޑުއަށް އައިސް އެކިސަރަހައްދުތަކުގައި ކޭންޕުޖަހައި ފެތުރިގަތްއިރު ކޯއްޓޭގައިވެސް ކޭންޕުޖެހިއެވެ. ކޭންޕުޖެހީ ކޯއްޓޭ ގަނޑުވަރު ތަޅާލުމަށްފަހު އެޔާގައި ކަމަށްވެއެވެ. އެތާ ތިބެގެން އެމީހުން ބޮއިފައި ހުސްކުރާ ފުޅިތައް އުކަމުން ދިޔައީ ރަނިން ފެންގަނޑަށް ކަމަށްވެއެވެ. ނަތީޖާއަކީ އެތަނުގެ ރީތިކަމާއި އަސްލު ގެއްލިގެން ދިޔުމެވެ. އެހެންނަމަވެސް އެތަން އެބައޮތެވެ.
އެތަނަކީ މިގޮތަށް ދޫކޮށްލަން ހެޔޮވާނެ ތަނެއް ނޫނެވެ. އެއީވެސް އައްޑޫގެ ތާރީޚާ ގުޅިފައިވާ ތަނެކެވެ. އިކޯޓޫރިޒަމް އައްޑުއަށް ތައާރަފްކުރުމުގެ މަސައްކަތްކުރަމުންދާއިރު އެ ފެންގަނޑަކީ މަސްނޫއީ ހަތާޖަހައިގެން އަލުން ހެދިތާނެތަނެކެވެ. އެތަނުގެ ފުރިހަމަ މައުލޫމާތާއެކު ފަތުރުވެރިންނަށް ހުޅުވައިލައިފިނަމަ އެއޮތީ ފަތުރުވެރިންނަށް ވިއްކާނެ ބޮޑު ޚަޒާނާއެކެވެ.