ފައިސާ އިން ލޯބި ނުގަނެވުނު ނަމަވެސް ލޯބި ދެމެހެއްޓުމުގައި ފައިސާ މުހިންމު ދައުރެއް އަދާކުރާކަމަށް ދިރާސާކުރާ ފަރާތްތަކުގެ ރިޕޯޓްތަކުން ދައްކައެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އާއިލާގެ އާމްދަނީއަށް ލިބޭ ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރެވޭނީ ދެބައިވެރިންގެ މެދުގައި ފުންކޮށް މަޝްވަރާކޮށްގެން ޚަރަދުތައް ކުރުމުންނެވެ. އަދި ދެމީހުން ކުރަންޖެހޭ ޚަރަދުތައް ލިސްޓްކުރުމަށްފަހު ލަސްޓަށް ދެމީހުންގެ މެދުގައި އެއްބަސްވެ އެއްބަސްވުމާއި އެއްގޮތަށް ޚަރަދުކުރުމުންނެވެ. އަލަތު ލޯބީގައިވެސް އަދި އާއިލީ ދިރިއުޅުމުގައިވެސް މިއުޞޫލުން ކަންކަން ކުރުމަށް ދިރާސާތައް ބާރުއަޅައެވެ.
މިގޮތުން ކުރުން މުހިންމު ކަންކަމުގެ ތެރޭގައި:
- ދެމީހުން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ކުރިއާލައި ކަނޑައެޅުން ހިމެނެއެވެ. އަދި އެކަންކަން ކުރާނެ ގޮތުގެ ތާވަލެއް ކުރިއާލައި ޕްލޭންކުރުންވެސް ހިމެނެއެވެ.
- ދެމީހުންގެ ޚަރަދުތައް ރެކޯޑްކޮށްފައި ބެހެއްޓުން ވަރަށް މުހިންމެވެ. އެއިރުން ޚަރަދުކުރި ފައިސާ ޚަރަދުކުރެވުނީ ކޮންކަންކަމަކަށްކަން ކޮންމެ އިރަކުވެސް އެނގޭނެއެވެ. ގޯހެއް ހެދިފައިވާނަމަ ރަނގަޅުކުރަންވެސް އެނގޭނެއެވެ.
- ޚަރަދުކުރެވެން ހުރި ފައިސާގެ ތަފްޞީލުތައް ދަރިންނާއި ހިއްޞާ ކުރުމަކީވެސް މުހިންމު ކަމެކެވެ. އެއިރުން ދަރިންނަށް ލިބޭނީ ކޮންފެންވަރެއްގެ ކޮން ކަންތައްތަކެއްކަން އެނގި ޤަބުލުކުރާނެއެވެ. މައިންބަފައިންނަށް ނުކޮށްދެވޭނެ ވަރުގެ ކަންކަމަށް އެދުން މަދުވާނެއެވެ.
- ޢާއިލާއަށް ބޭނުންވާ އާމްދަނީ ލިބެނީ އެކަކުގެ މަސައްކަތުން ނަމަވެސް އެލިބޭ ފައިސާއަކީ ފައިސާ ޙޯދިމީހާގެ އެކަނި މިލްކެއް ކަމަށް ނުދެކޭށެވެ.
އެއީ މުޅި ޢާއިލާގެ އެއްޗެއްކަމަށް ޤަބޫލުކޮށް ހެޔޮ ގޮތުގައި ހަމަކަމާއިއެކު، ކުރިން ރާވާފައި އޮންނަ ގޮތަށް ޚަރަދުތައް ކުރާށެވެ.
- ކޮންމެ 3 މަހަކުން ޚަރަދު ލިސްތް ދެމީހުން ތިބެގެން މުރާޖައާކުރާށެވެ. އެއްވެސް ޚަރަދެއް ބޮޑުވެފައިވާނަމަ އެކަމަށް ދެމީހުން އެކުގައި ތިބެގެން މަޝްވަރާކުރާށެވެ. ޚަރަދުތައް ކުޑަކުރަން ޖެހޭނަމަ އެކަމަށްވެސް ދެމީހުން އެކުގައި ތިބެގެން މަޝްވަރާކުރާށެވެ. ބަޖެޓުކުރި ވަރަށް ޚަރަދު ނުކުރެވި ހުންނަނަމަ އިތުރުވާ ފައިސާއަށް ހަދާނެ ގޮތެއްވެސް ދެމީހުންގެ މެދުގައި މަޝްވަރާކޮށްގެން ނިންމާށެވެ. - ޚަރަދުތައް ކުޑަކުރުމުގައި އެކަކު ކުރިއެރުން ހޯދާނަމަ އެކަމުގެ އަގު ވަޒަންކުރާށެވެ. ދެމީހުންގެ މެދުގައި އެކަން ފާހަގަކުރާށެވެ. ޙައްޤު ޝުކުރު އަދާކޮށް ތައުރީފްވެސް ކުރާށެވެ.
މިއީ ކޮމްޕަސް ފައުންޑޭޝަންގެ ފައުންޑަރ ރާކޭޝް ރަޗްވާނީގެ ޙޯދުންތަކުން ނަގާފައިވާ ބައެއް ކަންކަމެވެ.