ނޫސްވެރިންނާ ނޫސްވެރިކަމުގެ މިނިވަންކަމަކީ ރައީސަށް އަމާޒުކުރާ ހަތިޔާރަކަށް ހެދުމުން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 20ސ
ނޫސްވެރިންނާ ނޫސްވެރިކަމުގެ މިނިވަންކަމަކީ ރައީސަށް އަމާޒުކުރާ ހަތިޔާރަކަށް ހެދުމުން ކުރާނެ ފައިދާއެއް ނެތް!
ނޫސްވެރިންނާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ސިޔާސީ ބޭފުޅުން ބޭނުންފުޅު ކުރައްވަވާ ސިޔާސީ ހަތިޔާރަކަށް ހެދުން ހުއްޓާލަން އެބަޖެހެއެވެ. ނޫސްވެރިންނާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ އެއިރެއްގައި ހުންނަވާ ވެރިއަކަށް އަމާޒުކުރެވޭ ނިޔުކްލިއަރ ހަތިޔާރަކަށް ހެދުމަކީ ނޫސްވެރިންނަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ.

ރާއްޖޭގެ މުޅި ތާރީޚަށްބެލި ނަމަވެސް ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ލިބުނު އެއްވެސް ދުވަސްވަރެއް ފެންނާކަށް ނެތެވެ. އެހެންކަމާއިއެކުވެސް ރައީސް މައުމޫނުގެ ވެރިކަމުގައި ނޫސްވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކާއި ބިރުވެރިކަން އެއީ ފާހަގަކުރެވޭ ކަންކަމެވެ. ނޫސްވެރިންނަށް ލިބުނު އަނިޔާ އާއި އަދަބުތައް އެއީ ރާއްޖޭގެ ނޫސްވެރިކަމުގެ އެންމެ ކަޅު ަޞަފްހާތަކެވެ.

ކޮމްޕިޔުޓަރު ވިއްކާ ފިހާރައެއް ހިންގަން އިސްކޮށް ހުރި މީހަކު، އޭނާގެ ކޮމްޕިޔުޓަރުން އޮންލައިން ނޫހެއް ނެރޭކަމަށްވެގެން ތަނުގައި ހުރި ހުރިހާ ކޮމްޕިޔުޓަރުތައް ގެންގޮސް އެތައް ބައަކު ބަންދުކުރުން ފަދަ ކަންކަމަކީ ހިނގާފައިވާ ކަންކަމެވެ. ސިއްރުކުރެވެން ހުރި ކަންކަމެއް ނޫނެވެ.

ސަރުކާރާއި ދެކޮޅަށް އެއްވެސް ލިޔުމެއް ހާމަނުކުރެވިގެން ރާއްޖެއިން ބޭރުގައި ސަރުކާރަށް އަތް ނުފޯރާ ހިސާބުތައި ތިބެގެން ނޫސް ނެރެންޖެހުނުކަން އެއީ އެންމެން ދަންނަ ކަންކަމެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތައް މީޑިއާގައި ބިރެއް ނެތި ހާމަކުރެވެން ފެށީ ސިވިލްކޯޓުގެ ޙުކުމަކުންނެވެ. އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓްތަކާއި ހަވާލާދީ ނިޔުޔޯކް ޓައިމްސްގައި ޝާއިއުކުރި ޚަބަރަކީ ރާއްޖޭގެ ނޫސްތަކުގައި އެތައް ފަހަރަކު ޖަހާފައިވާ ޚަބަރެކެވެ. އެ ޚަބަރުގައި ހިމެނޭ މައުލޫމާތަކީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުގައި ހިމެނޭ މައުލޫމާތުތަކެވެ. ހަމައެކަނި އިން ތަފާތަކީ ރިޕޯޓްތަކުން ޖުމުލަހަދާފައި އެ ޖުމުލަ ޔޫއެސް ޑޮލަރަށް ބަދަލުކޮށްފައި އިނުމެވެ.

އެޚަބަރާއި ގުޅިގެން ޚުލާޞާ ތަރުޖަމާއެއް މިއަދުނޫހުގައި ޝާއިއުކުރުމުން މިއަދުނޫހާއި ދެކޮޅަށް ރައީސް މައުމޫން ކުރެއްވެވި އަބުރުގެ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް މައުމުނުގެ ފަރާތްޕުޅުން ވަކާލާތު ކުރެއްވެވި ވަކީލުން ވިދާޅުވަމުން ގެންދެވީ އޮޑިޓަރ ޖެނެރަލް ރިޕޯޓެއް ނެރުއްވި ނަމަވެސް މީޑިއާތަކުގައި ހާމަކުރެވޭނީ ކޯޓުން އެރިޕޯޓުގެ މައްޗަށް ހުކުމެއް ކުރުމުން ކަމަށެވެ.

އެހެންކަމަށްވާނަމަ އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ 200 އަސްވުރެ ގިނަ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ގިނަ ަމައްސަލަތަކުގެ ތެރެއިން މީޑިއާތަކުގައި އަދި ހާމަކުރެވޭނީ އެންމެ 40 ވަރަކަށް މައްސަލައެވެ. އެހެން މައްސަލަތައް އަދިވެސް ޝަރީއަތަށް ނުދާތީއެވެ.

ް މާތްﷲގެ ވާގިފުޅާއިއެކު މައްސަލަ ނިމުނު އިރު ވަނީ މިއަދުނޫހަށާއި ރާއްޖޭގެ ނޫސްވެރިކަމަށް ހައްޤު އިންޞާފް ލިބިފައެވެ. އެ ހުކުމުގައި ވަނީ ދައުލަތުގެ އޮޑިޓަރ ޖެނެރަލް އާއި ދައުލަތުގެ މިނިވަން މުއައްސަސާއަކުން ރިޕޯޓެއް ނެރެފި ނަމަ އެޚަބަރު މީޑިއާތަކުން ހާމަކުރެވޭނެ ކަމަށާއި އެ ރިPޯޓުގައިވާ ތުހުމަތުތަކުން ބަރީއަ ވުމަކީ ރިޕޯޓް ރައްދުވާ ފަރަތުގެ ކަމެއް ކަމަށެވެ.

ރާއްޖޭގައި ނޫސްވެރިންނަށް ދަތިތައް ކުރިމަތިމިވަނީ މިއަދު އެކަންޏެއް ނޫނެވެ. ނިޞްބަތުން ބަލއިފިނަމަ މިއަދު ހުރި މައްސަލަތައް މަދެވެ. ނޫސްވެރިކަމުގެ މިނިވަންކަންވެސް ބޮޑެވެ.

އަބުރާ ބެހުމުގެ ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙްތަކެއް އެބަހުއްޓެވެ. އެކަން ޤަނޫނު ފާސްކުރިއިރުވެސް ވަނީ ފާހަގަކުރެވިފައެވެ. މިސާލަކަށް އެމްއެމްޕީއާރުސީގެ އެމްޑީ ޒިޔަތު ގެއެއް މައްސަލައިގައި އޭސީސީގެ ބަޔާނާއި ގުޅިގެން ހުރިހާ ނޫސްތަކެއްގައި ވަނީ ޚަބަރު ހާމަކޮށްފައެވެ. ޒިޔަތުގެ ބަހެއް ނުހޯދައެވެ.

އެމްޕީއެލް އިން ނޫސްވެރިންނަށް ދިން މައުލޫމާތުގެ ޚަބަރު ހެދުމުން ބައެއް މީޑިއާތަކުގެ މައްސަލަތައް މިހާރު މިވަނީ ހުށަހެޅިފައެވެ. އެހެންކަމުން އަބަދުވެސް އިޞްލާޙްކުރަންޖެހޭ ކަންތައްތައް ހުންނާނެ ފަދައިން ނޫސްވެރިކަމުގެ ޤާނޫނުގައިވެސް އިޞްލާޙްކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

ނޫސްވެރިންގެ އުންމީދަކީ ވީހައި އަވަހަކަށް އެކަންކަން އިޞްލާޙްކޮށްދިނުމެވެ. ބިލް ހުށަހެޅުއްވި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ވަނީ އެފަދަ ކަންކަން އިޞްލާޙްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ނޫސްވެރިންނާއި ނޫސްވެރިކަމަކީ ސިޔާސީ ނިޔުކްލިއަރ ހަތިޔާރަކަށް ނުހަދައި މައްސަލަތައް ހައްލުވުމަކީ ނޫސްވެރިންގެ އުންމީދެވެ. ރާއްޖޭގެ ނޫސްވެރިކަމުގެ މަސްތަޤްބަލެވެ.
މިއަދު އޮންލައިން