އައްޑޫސިޓީ ހިތަދޫ ކޯއްޓޭ ސަރަހައްދުގައި ވަރަށް ރީތި ފެހިކުލައިގެ ފެންގަނޑެއް އޮވެއެވެ.
އެފެންގަނޑަށް ރަނިން ފެންގަނޑޭވެސް ކިޔައެވެ. އެހެންނަމަވެސް އެ ފެންގަނޑުގެ ހަގީގީ ނަކަމެއް ކަމަށްވަނީ "ދިއްގޮނޑެ ފަޅަގަނޑި ދިއްވާ ފެންގަނޑު" ނުވަތައް ދިއްވާ ފެންގަނޑެވެ. އެ ފެންގަނޑަށް ދިއްވާ ފެންގަނޑޭ ކިޔުނީ "ދިވާ ޕޮންޑް" މިބަސް އައްޑޫ ބަހަށް ބަދަލުކޮށްގެން ކަމަށްވެދާނެއެވެ. އެފެންގަނޑު ކުރިން ބޭނުން ކުރަމުން އައީ އައްޑޫގައި ބުޑިސްޓުން އުޅުނު ޒަމާނުގައި ދީނީ ބައެއް އަޅުކަން އަދާ ކުރުން ކަހަލަ ކަންކަމުގައި ކަމަށްވެއެވެ.
އިހު ޒަމާނުގައި މިފެންގަނޑު ބޭނުންކޮށްފައިވަނީ ހިނގައި ގަންނަ އުމުރުގެ ކުދިންގެ ފައި ފުރަތަމަ ފަހަރަށް ބިމުގައި ޖެއްސުމަށާއި، ނަންކިޔުމާއި، ބޯބޭލުން ފަދަ ކަންކަމުގެ ރަސްމިއްޔާތު ތަކަށް ކަމަށްވެއެވެ.
ކުއްޖާގެ ފައި އަލަށް ބިމުގައި ޖައްސާ ދުވަހު އެ ފެންގަނޑު ކައިރިއަށްގޮސް ދޮންވެލި ލުމަށްފަހު އެވެލިގަނޑުމަތީ އަކަކުރަހައެވެ. އެއަށްފަހު އޭގެ މަތީގައި ފުފުލެއް ނުވަތަ ބޮޑު ކާއްޓެއް ބާއްވައެވެ. އަދި އޭގެ މަތީގައި ކުއްޖާގެ ފައި ޖެއްސުމަށްފަހު ދޮންވެލި ގަނޑު މަތީގައި ފައި ޖައްސައެވެ.
އެއަށްފަހު ފެންގަނޑުގައި އޮންނަ ކުޑަކުޑަ ބޮއްކުރައަކަށް ފޮނިކާއެއްޗެއްސާއެކު ކާއެއްޗެއްސާއެކު އެކުއްޖާ އަރުވައެވެ. އަދި އެ ކުޑަ ދޯނީގެ ދެފަރާތުގައި މީހުން ހިފައިގެން ތިބެ އިމާމު މީހާގެ ފަހަތުން ގޮސް ފެންގަނޑުގެ ކޮންމެވެސް އެއްކޮޅަކަށް ކުޑަ ދޯނި ބީއްސާލައެވެ. އެއަށްފަހު އެ ސަރަހައްދަށް ކުއްޖާބާލައި އަނެއްކާވެސް ފައި ބިމުގައި ޖައްސައެވެ. އެއަށްފަހު ދޯނީގައި ހުރި ކާއެއްޗެހި އެއްވެފައިވާ މީހުންނަށް ބަހާލަނީއެވެ. އެހުރީ ކުއްޖާގެ ފައި ރަސްމީކޮށް ބިމުގައި ޖެއްސިފައެވެ. މިކަމަށް އައްޑޫ މީހުން ކިޔައި އުޅެނީ "ބިންބޭވުން" އެވެ. މިކަން ކުރަމުން އައިސްފައިވަނީ ވަގުތާއި ސާއަތަށް ބެލުމަށްފަހު ނަކަތްތެރިއަކު ނުވަތަ ފަންޑިތަވެރިއަކު ލައްވައި ކަމަށްވެއެވެ.
ބިން ބޭވުމަކީ އިހުޒަމާނުގައި އާންމުކޮށް ކޮށްއުޅުނު ކަމެއް ކަމަށްވެއެވެ. އަދި މިހާރުވެސް މިގޮތަށް މިކަން ނުކރިޔަސް ކުއްޖާގެ ފައި އަލަށް ބިމުގައި ޖައްސާ ދުވަހަކީ ޚާއްސަ ދުވަހެއްގެ ގޮތުގައި ފާހަގަކުރާ މީހުން އުޅޭ ކަމަށްވެއެވެ.
ބިންބޭވުން އެގޮތަށް ފާހަގަކުރަނީ ނުބައިވެގެންވާ ރޫހުތަކާއި، ޖިންނި ޝައިތާނުންނާއި، އެސްފީނާއިން ކުއްޖާ ސަލާމަތް ކުރުމަށް ކަމަށްވެއެވެ. މިކަން ކުރަނީ ކުއްޖާއަށް ކިރިޔާ ހިނގޭ އުމުރުގައި ނުވަތަ ހިނގަން ތައްޔާރުވާ އުމުރުގައެވެ.
ކުއްޖާގެ އުމުރުން އެންމެ ހަތްދުވަހުގައި މިފެންގަނޑު ކައިރީގައި އެހެން ކަމެއް ކުރި ކަމަށްވެއެވެ. އެއީ އައްޑޫ މީހުންކިޔާ ގޮތުންނަމަ "ބޮލެ ވަޅިޖެހުން" އެވެ. އެބަހުގެ މާނައަކީ ބޯ ބޭލުމެވެ.
ފެންގަނޑު ކައިރީ މިކަމަށް ޚާއްސަ ކޮށްފައިވާ ސަރަހައްދަށް ކުއްޖާ ގެންދެއެވެ. އެއަށްފަހު އެކަމަށް އިސްވެ ހުންނަ އެދުރުބެ ކުއްޖާގެ ބޮލުން ތަންކޮޅެއް ބާލަނީއެވެ. އެއަށްފަހު ކޮންމެވެސް އެއްޗެހި ތަކެއް ލިޔެލަނީ ކަމަށް ބުނެއުޅެއެވެ. އެއަށްފަހު ފެންމަތުރާފައި އެފެން ބޮލުގައި ހާކައިދޭ ކަމަށްވެސް ބުނެއުޅެއެވެ. އެއަށްފަހު ކުއްޖާގެ އާއިލާގެ ކޮންމެވެސް މީހެއް ލައްވައި ބޮލުން ބާކީހުންނަ އިސްތަށިތައް ބާލުވަނީއެވެ. މިގޮތަށް ބޯ ބޭލުމަށްފަހު ހަތް އަހަރުވަންދެން އެގޮތަށް އެ ކުއްޖާ ބަހައްޓާ ކަމަށް ވެއެވެ. ހަތް އަހަރު ވުމުގެ ކުރިން ބޯ ދިގުކުރުމުގެ ހުއްދައެއް ނޯވެއެވެ. އެއީ ކޮންމެވެސް ނޭދެވޭ ކަމެއް ދިމާވެދާނެ ކަމަށް އޭރު ގަބޫލު ކުރާތީ ކަމަށް އިހުތިބީން ބުނެއުޅެތެވެ. މިފަދަ ކަންކަން މިހާރުވެސް ރާއްޖޭގައި ކޮންމެވެސް ވަރަކަށް ކުރަމުންދާ ކަމަށްވެއެވެ.
ދިއްވާ ފެންގަނޑަކީ ވަރަށްގިނަ މީހުންގެ މެދުގައި މަގުބޫލްކަން ހޯދާފައިވާ ނަލަ ފެންގަނޑެކެވެ. ޕަރީ ފެންގަނޑު، ރަނިން ހަނާ ފެންގަނޑު، ރަނިން ފެންގަނޑު ގެ ނަމުން އެ ފެންގަނޑަށް ނަންކިޔައެވެ. އެހެންނަމަވެސް ހިތަދޫގެ މުސްކުޅިން ބުނަނީ ރަނިން ފެންގަޑަކީ އެހެންތަނެއް ކަމަށެވެ.
މިއީ ކޮންމެ ފެންގަޑެއް ކަމަށްވިޔަސް މިއީ ރީތި ތަނެކެވެ. ހިތްގައިމު ތަނެކެވެ. ތަންތަން ހިމާޔަތް ކުރަމުންދާ މިފަދަ ދުވަސްވަރެއްގައި މިތަން ހިމާޔަތްވެސް ކުރަންޖެހެއެވެ. އެހެންނަމަވެސް އެހެން މީހުންނަށް ބޭނުންކުރެވޭނެ ގޮތަކަށެވެ. މި ފެންގަނޑު މީހާރުވެސް އޮތީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދެއްގައެވެ.
ފަތުރުވެރިކަން އައްޑޫގައި ފުޅާވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންކަމުން މިފެންގަނޑަކީ ފަތުރުވެރިންނަށް އިސްތިހާރު ކޮށްގެން މަންފާ ލިބިދާނެ ތަނެކެވެ. މިފެންގަނޑު އެކަންޏެއް ނޫނެވެ. ރަނިން ފެންގަނޑުވެސް މެއެވެ.