އެކަކު އަނެކަކު ދެކެ ވާ ލޯބީގެ އަގު ވަޒަންކުރުމަށް ފަރަންސޭސި ވިލާތުގެ ނޫހަކުން ކުރި ދިރާސާއެއްގެ ނަތީޖާއަށް ބަލައި "ލޯބި އެނދުމަތިން އެނދުދަށަށް" ބަދަލުވެއްޖެ ކަމަށް ބުނެފިއެވެ.
އެދިރާސާގައި ބައިވެރިވި މީހުންގެ 90 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުންގެ ބައިވެރިންގެ އިތުރުން އިތުރު ގުޅުންތައް ހިންގާ ކަމަށެވެ. އެއިގެ ތެރެއިން 87 އިންސައްތަ މީހުން ބުނެފައިވަނީ އެހެން މީހުންނާއިއެކު ގުޅުންތައް ހިންގާކަން ބައިވެރިޔާއަށް ސިއްރުކުރާ ކަމަށެވެ.
93 އިންސައްތަ މީހުން ބުނެފައިވަނީ އެހެން މީހަކާއިއެކު ގުޅުންތައް ބޭއްވުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ. އެއީ އިންސާނީ ހައްޤެއް ކަމަށެވެ.
ސިއްރު ކުރަނީ ކީއްވެގެންތޯ ކުރި ސުވާލަށް 89 އިންސައްތަ މީހުން ބުނެފައިވަނީ ދިރިއުޅުމަށްޓަކައި "ހަވާލުދާރަކު ހުރުމަކީ މުހިންމު ކަމެއް" ކަމަށާއި އެހެން ނޫންނަމަ ކަމެއް ކުރިމަތިވުމުން އެހީތެރިވާނެ މީހަކު ނުހުންނާނެ ކަމަށެވެ.
މިދިރާސާ އާއި ގުޅިގެން ކޮމެބްޓްކުރި ބައެއް މީހުން ބުނެފައިވަނީ ލޯބި، ލޯބީގެ ގޮތުގައި ދެމިއޮތީ ބޮކި އަލީގައި އެނދުގެ މަތީގައި ލޯބި އޮތް ދުވަސްވަރުކަމަށާއި މި ދިރާސާއިން އެނގެނީ ލޯބި އެނދުގެދަށަށް މިހާރު ބަދަލުވެފައިވާކަން ކަމަށެވެ.
ފަރަންސޭސިވިލާތަކީ އިސްލާމީ އާދަތަކާއި އިސްލާމީ އަޚްލާޤާއި ފައުޅުގައި އެންމެ ބޮޑަށް ދެކޮޅު ހަދައި ކަންކަން ކުރަމުން ގެންދާ އެއް ޤައުމެވެ. އެފަދަ ޤައުމެއްގައި މިފަދަ ނަތީޖާއެއް ދިރަސާއިން ހޯދިފައިވާއިރު މުސްލިމް ޤައުމުތަކުގެ ހާލަތަކީވެސް މިއަދު ވިސްނައިލަންޖެހިފައިވާ ހާލަތެއްކަން ޤަބޫލުކުރަންޖެހެއެވެ.
މީގެ 20 އަހަރު ކުރިން ރިޒޯޓެއްގައި މަސައްކަތްކުރާ ދިވެއްސަކު މުއްސަނދި ފަރަންސޭސި އަންހެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅިގެން އޭނާ އާއިއެކު ދިރިއުޅުމަށް ފަރަންސޭސި ވިލާތަށް ދިއައެވެ.
3 މަސް ދުވަސް ފަހުން އެނބުރި އައިސް ބުނީ ކުރަންޖެހުނު ތަޖުރިބާއަކީ ހިތި ތަޖުރިބާއެއް ކަމަށެވެ. "ދުވާލު އުޅެނީ ވަރަށް ލޯބިން އެކުގައި. ރޭގަނޑު ފެންވަރައި ރީތިވެގެން އަހަރެންގެ އަތަށް ފައިސާ ދީފަ ބުނާނެ ކަލޭ ދާށޭ މިވެނި ކްލަބަކަށް. ތިމަންނަ ދާނަމޭ މިވެނި ކްލަބަކަށް. އެކަންކަމަށް ކެތް ނުކުރެވިގެން މިއައީ."
ރޭގަނޑު ކްލަބަށް ދާން ދިން ފައިސާއިން ބާކީކޮށްގެން 3 މަސް ފަހުން މާލެ އައިސް އޭނާ ވަނީ 6 އެނދުގެ ސަފާރީއެއް ގަނެފައެވެ. އަންހެން ކުއްޖާ މިހާރުވެސް އޭނާ އާއި ބައްދަލުކުރަން ސަފާރީއަށް އާދެއެވެ. ނަމަވެސް ލޯބި އެނދުދަށަށް ވަދެފައިވާތީ ލޯބީގެ ވާހަކައެއް މިހާރަކު ނުދައްކައެވެ.