އަޅުގަނޑުމެންގެ ދަރިންނަށް ތައުލީމް ދިނުމަށް ހުރިހައި ބެލެނިވެރިންވެސް ގަދައަޅައި މ،ަސައްކަތްކުރެއެވެ. ނަމަވެސް ތަރުބިއްޔަތުކުރަން ކުރެވޭ މަސައްކަތްތަކާއިމެދު އުފެދޭ ސުވާލު މިދަނީ އިތުރުވަމުންނެވެ.
ޔުނިފޯމްގައި ތިބި ދެ ދަރިވަރުން ހުކުރު މިސްކިތު ގޯތި ތެރޭގައި އެކަހެރިކޮށް ތިބެގެން ފުލުހުން އައިސް ގެންދަން ޖެހުމަކީ ހިތާމަހުރި ކަމެކެވެ. ނަމަވެސް އެކަން މިއަދުވެސް މިވަނީ ހިނގައިފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބައަކު ކުރި ރިޕޯތަކާއި ގުޅިގެން ދެ ދަރިވަރު ފުލުހަށް ހާޒިރުކޮށް ނަޞޭޙަތް ދެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ދެވޭ ތައުލީމުގެ ފެންވަރު އަހަރުން އަހަރަށް ދަނީ މަތިވަމުންނެވެ. ދުނިޔޭގެ ފެންވަރުގައި މަތީ ވަނަތައް ޙާޞިލުކުރާ ދަރިވަރުންގެ އަދަދު މިދަނީ އިތުރުވަމުންނެވެ. ވަރަށް އުފާކުރަންޖެހޭ ކަމެކެވެ.
މިއާއިއެކު ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް އިތުރުވަމުން އަންނަކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ. އަދި އެފަދަ މައްސަލަތައްވެސް މިދަނީ އިތުރުވަމުންނެވެ. މިކަމަކީ ހިތާމަހުރި ކަމެކެވެ.
ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަންޖެހޭ ބައަކީ މައިން ބަފައިންނެވެ. ބެލެނިވެރިންނެވެ. ހަމައެއާއިއެކު ސްކޫލްތަކުގައި ދެވޭ ތަރުބިއްޔަތުގެ މުހިންމުކަންވެސް ކުޑައެއް ނޫނެވެ.
މިފަދަ ކޮންމެ މައްސަލައަކާއި ގުޅިގެން ވިސްނައިލަންޖެހޭ ކަމެއް އެބަ އޮވެއެވެ. ރާއްޖޭގެ ސްކޫލުތައް ހިންގާ ދެ ނިޒާމުގައި ހުރި ތަފާތެވެ. އިސްލާމީ އުޞޫލުން ހިންގާ އަރަބިއްޔާ ސްކޫލާއި އެހެން ސްކޫލުތަކުގެ ތަފާތެވެ.
ފުރަތަމަ މައުހަދު، ކުއްލިއްޔާ، އަަރބިއްޔާ ސްކޫލް މިއިން އެއްވެސް ސްކޫލެއްގެ ދަރިވަރުންގެ ކިބައިން މާތްﷲ ވާގިފުޅާއިއެކު އަދި މިހައިތަނަށް މިފަދަ އެއްވެސް މައްސަލައެއް ކުރިމަތިވެފައެއް ނެތެވެ. އަދި އެއިން ސުކޫލަކުން ކިޔަވައިގެން ހުރި ދަރިވަރަކަށްވެސް މިފަދަ އެއްވެސް އަޚްލާޤީ އެއްވެސް މައްސަލައެއް ކުރިމަތިވެފައެއް ނެތެވެ.
ސްކޫލުގައި އަރަބި ބަހުން ކިޔަވައި ނުދީ އިނގިރޭސި މީޑިއަމަށް ކިޔަވައިދެމުން ގެންދިއަ ނަމަވެސް އަޚްލާޤީ މިންގަނޑުތައް އެއްގޮތް ކުރެވިދާނެއެވެ. އެއީ އިނގިރޭސިވިލާތުގެ އެއްވެސް ސިލަބަހެއް ހުރަސްއަޅާ ކަމެއް ނޫނެވެ. އަދި ކިޔަވާ އެއްޗަކަށް އުނިކަން އަންނާނެ ކަމެއްވެސް ނޫނެވެ. އެހެންކަމަށްވާއިރު އިސްލާމީ އުޞޫލުތަކުން ދަރިވަރުން ތަރުބިއްޔަތުކުރަން އަޅުގަނޑުމެން ފަސް ޖެހެމުން މިއަންނަނީ ކިއްވގެންވާވައެވެ!