ސިޔާސީ ޕޯޑިއަމްތަކުގައި މިވިދާޅުވަނީ އެމްޕީއެލް އާއި ސަރުކާރުގެ ކުންފުނިތައް ހިންގަމުން އަންނަނީ ވަރަށް ރަނގަޅަށް ކަމަށެވެ. ނަމަވެސް އެމްޕީއެލް އާއި ސަރުކާރުގެ ކުންފުނިތަކަށް ކޯޓުތަކުން ސަލާމަތެއް ނުވެވެއެވެ.
އެސްޓީއޯއަށް ލިބެންޖެހޭ 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބިގެން ކޯޓުތަކުގައި އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. އެސްޓީއޯ އަކީ ލޯނުވެސް ނަގައިގެން ހިންގާ ކުންފުންޏެކެވެ. އެހެންކަމުން މިފައިސާ ނުލިބުމުގެ ސަބަބުން ލޯނުގެ އިންޓަރަސްޓަށްވެސް މިހާރު ވަނީ 19 މިލިއަނަށްވުރެ ގިނަ ރުފިޔާ އަރައި ލިބުނު ގެއްލުން 38 މިލިއަނަށް އިތުރުވެފައެވެ.
އެސްޓީއޯ އިން ތެޔޮ ދޫކުރާ ފުނަދޫގައި ހުންނަ ޑެލިވަރީ ފައިލްތަކުން ގެއްލިފައިވަނީ ހަމަ މި މައްސލައިގެ ފައިލް އެކަންޏެވެ. އެހެން އެއްވެސް ފައިލެއް ގެއްލިގެން މައްސަލައެއް ކުރިމަތިވިކަން އެނގޭކަށް ނެތެވެ. އަދި އެސްޓީއޯއަށް ލިބެންޖެހޭ ފައިސާ ނުލިބިގެންވެސް މިހައި ދަތިހާލުގައި އުޅެންޖެހުނުކަން އެނގޭކަށް ނެތެވެ.
އެމްޕީއެލްއަށް ބަލާއިރު ބޯޑުން ފާސްނުކޮށް ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ސަބަބުން އެކުންފުންޏަށް ގަންނަ ކޮންމެ ތެޔޮލިޓަރަކުން 5 ރުފިޔާ ގެއްލުންވާތީ އެކުންފުނިން އުފެއްދި މައްސަލަ އިން އެކުންފުންޏަށް އެއުޅެނީ ސަލާމަތް ނުވެވިގެންނެވެ. މިހާރުވެސް ހައިކޯޓުގައެވެ.
ސިޔާސީ ޕޯޑިއަމްތަކުގައި ދެކެވޭ ވާހަކަތައް މިބީދައިން ހުންނާތީ ރައްޔިތުންނަށް ދަނީ ބޮޑެތި އޮޅުންތައް އަރަމުންނެވެ. މިބާވަތުގެ ވާހަކަތައް ދެކެވޭތީ ސިޔާސީ ބައްދަލުވުންތަކަށް ދިއުމަށް ގިނަ ބައަކު ދަނީ ފަސްޖެހެމުންނެވެ.
ސަރުކާރުގެ ކުންފުނިތައް ހިންގުމަށް ރައީސް ޢަބްދުﷲ ޔާމީން ގެންނަވާފައިވާ ބޮޑެތި ބަދަލުތަކާއިއެކު ކުންފުނިތަކުން ލިބޭ ފައިދާ އަންނަނީ އިތުރުވަމުންނެވެ. މިއިން ޒަމާނަކު ލިބިފައި ނުވާފަދަ ބޮޑެތި ކުރިއެރުންތައް އަންނަނީ ލިބެމުންނެވެ. ނަމަވެސް އެކަމުގެ ހަޤީޤީ ފައިދާ ފެންނާނީ ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ލިބިގެންނެވެ. ގެއްލުންވާ ގޮތަށް ކޮށްފައި ހުންނަ ކަންކަން އިޞްލާޙް ކުރެވިގެންނެވެ.