މީހަކު ވައްދާހާ ކަމެއްގެ ޚަބަރު ލިޔުން ހުއްދައެއް ނުކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
މީހަކު ވައްދާހާ ކަމެއްގެ ޚަބަރު ލިޔުން ހުއްދައެއް ނުކުރޭ!
މީހަކު ދައުލަތުގެ މުއައްސަސާއަކަށް ވައްދާހައި ކަމެއް އެއީ ޞައްޙަ މައްސަލައެއް ކަމަށް ދޭހަވާ ގޮތަށް ޚަބަރަކަށް ހަދައިގެން ޚަބަރު ރައްދުވާ ފަރާތް ބަދުނާމްވާ ގޮތަށް މީޑިއާތަކުގައި ހާމަކުރުމުގެ ހައްޤު މީޑިއާތަކަށް ލިބިގެނެއް ނުވެއެވެ.

މީޑިއާތަކަށް ކަމުގެ ހަޤީޤަތް ނުބަލައި ހާމަކުރެވޭނީ ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކުން ހާމަކުރާ މައުލޫމާތާއި ދައުލަތުގެ އިދާރާތަކުން އެތަނަކާއިމެދު ހާމަކުރާ މައުލޫމާތެވެ. ނަމަވެސް މިއަދު ބައެއް ނޫސްވެރިންނަށް ހީވެފައި އޮންނަނީ މީހަކު ހުށަހަޅާ ނުވަތަ ބަޔާންކުރާ ކޮންމެ ކަމަކީ ދައުލަތުގެ މުއައްސަސާއަކުން ހާމަކުރާ ފަދަ މައުލޫމާތެއް ކަމަށެވެ.

މިކަމުގެ މައްސަލަތައް ވަރަށް ގިނައިން ދަނީ ފެންމަތިވަމުންނެވެ. މީހުންގެ އަބުރު ކަތިލެވޭވަރާއި އަޅާބަލާއިރު އަބުރުގެ ދައުވާ ކުރެވޭ މިންވަރުވެސް މަދެވެ.

އޭސީސީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ސާބިތުނުވެގެން އެތައް މައްސަލައެއް ކޮންމެ އަހަރަކު އެބަ ބޭރުކޮށްލައެވެ. އެކަށީގެންވާ ހެކި ނެތިގެން ކޮންމެ އަހަރަކު އެތައް މައްސަލަތަކެއް އެބަ ބޭރުކޮށްލައެވެ. ކަނޑައެޅިގެން އެއްވެސް ހަޤީޤަތެއް ނެތްކަންކަން ވެސް ބަލައިދިނުމުގެ ނަމުގައި އެބަ ހުށަހަޅައެވެ. ނަމަވެސް މައްސަލަ ވައްދާ މީހާ މައްސަލަ ވެއްދުމުން އެކަން ޚަބަރަކަށް ހަދައި، ދެކޮޅު ނުބަލައި މީޑިއާތަކުން ހާމަކުރުމުން އެމީހަކާއިމެދު އޮންނަނީ ދޮގު މައުލޫމާތުތަކެއް ފެތުރިފައެވެ. އެމީހާގެ ނުވަތަ އެފަރާތެއްގެ ނަން އޮންނަނީ ކިލަނބުވެފައެވެ.

އެއްވެސް ހަޤީޤަތެއް ނެތިގެން ބޭރުކޮށްލެވިފައިވާ މައްސަލަތަކުގެ އަދަދުން ނުވަތަ ނިޞްބަތުން، އެ މައްސަލައެއް ވެއްދުމުން މީޑިއާތަކުގައި ލިޔާ ބީދައާއި މައްސަލަ ބޭރުކޮށްލުމުން ލިޔެވޭ ބީދައަށް ބެލުމުން މިދެންނެވި ހަޤީޤަތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.

އެމްޕީއެލްއަށް މިދިއަ އަހަރު ގަނެގެން އުޅޭ ދޯނީގެ މައްސަލަ މިސާލަކަށް ނަންގަވާށެވެ. އެދޯނީގެ ސައިޒާއި ދޯނި އެހެލައިގެން ކުރާ ކަމެއް ބައެއް ނޫސްވެރިންނަށް ބެލުނީ ކިހައި މިންވަރަކަށް ބާވައެވެ! ދޯންޏަށް އެމްޕީއެލްއިން ގެންނަން ބޭނުންވާ ބަދަލު ގެނައުމަކީ ދޯނި ބައުވެގެން މަރާމާތުކުރުންތޯއެވެ!

އެދޯނީގެ ސައިޒާއި ގަތް އަގާއި އެހެލައިގެން ކުރާ ކަމެއްގެ ވާހަކަ އަސްލާއި އެއްގޮތަށް ނޫންގޮތަކަށް މީހަކާއި ހަވާލާދީ ނުވަތަ މީހަކު ހުށަހެޅި މައްސަލައަކާއި ހަވާލާދީ ލިޔެފިނަމަ އެކަމުގެ ޒިންމާ އެލިޔުމެއް ލިޔުނު ނޫސްވެރިއަކަށް އުފުލަން ނުޖެހިއެއް ނުދާނެއެވެ. މިފަދަ ކަންކަން ކުރިމަތިވުމުން މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅަނީ ކަމަށް ބުނުމަކުން ޤާނޫނުގެ ކުރިމަތީގައެއް ނުފުދޭނެއެވެ.

މިއަދުނޫހުގެ މައްޗަށް ރައީސް މައުމޫން ކުރެއްވި އަބުރު ދައުވާގެ ޝަރީއަތް ނިންމައި އިއްވި ޙުކުމުގައި ސިވިލް ކޯޓުން ބުނެފައިވަނީ ދައުލަތުގެ މުއައްސަސާތަކުން ނެރޭ ބަޔާނާއި ރިޕޯޓްތައް ހާމަކުރުމުގެ މިނިވަންކަން ނޫސްވެރިންނަށް ލިބޭ ކަމަށެވެ. ނަމަވެސް އަމިއްލަ ފަރުދުން ތަންތަނަށް ހުށަހަޅާ މައްސަލަތަކާއި ނެރޭ ބަޔާންތައް އެހުކުމުގައި ހިމަނާފައެއް ނުވެއެވެ. އަދި އެއިގެ ފަހުންވެސް އެފަދަ ޙުކުމެއް ނެރެފައެއް ނުވެއެވެ.

ޕީޖީ އޮފީހުން ހުށަހަޅާ މައްސަލައެއް ނޫސްވެރިންނަށް ހާމަކުރެވޭނެއެވެ. އެއީ މައްސަލަ ހުށަހަޅަން ދައުލަތުން ކަނޑައަޅާފައިވާ މުއައްސަސާކަމަށްވާތީއެވެ. ނަމަވެސް އަމިއްލަ ފަރުދަކު ހުށަހަޅާ މައްސަލަތަކުގައި ނޫސްވެރިން ދެކޮޅު ބަލަންޖެހެއެވެ.

މިކަންކަން ހަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އޮޅެމުންދާތީ މިފަދަ ކަންކަމަށް އަޅުގަނޑުމެންގެ ހޭލުންތެރިކަން އިތުރުކުރަން ޖެހެއެވެ. ނޫންނަމަ އެކަމުގެ ގެއްލުންތައް ލިބޭނީ ހަމަ އަޅުގަނޑުމެންނަށެވެ.
މިއަދު އޮންލައިން