މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ، މަސްވެރިކަމުގެ ވުޒާރާ ޑެންޓިސްޓަކާއި ހަވާލުކޮށް ހުރިހާ ކަމެއް ބޮއްސުންލައިގެން ދިއުމެވެ. އޭރު ޤައުމުގެ ނުވަދިހަ ނުވަ އިންސައްތަ ކަމުގައިވާ ކަނޑުތަކުން މަންފާ ހޯދުމަކީ، ނުވާނެ ކަމެއް ނިންމައިގެން ތިބި މީހުންގެ އަދަދު ވަރަށް ގިނައެވެ. މަސްވެރި އާއިލާތައް ތިބީ މާޔޫސްވެފައެވެ. އެމީހުންގެ ކަންބޮޑުވުންތަކަށް އިޖާބަދޭނެ ވެރިއަކު އޭރު ނެތެވެ.
ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ މަސްވެރިންގެ ކަންބޮޑުވުންތައް އެނގިވަޑައިގެން އެކަން ޙައްލުކުރާނެ ގޮތުގެ ޕްލޭނަކާއި އެކުގައެވެ. އެ ޕްލޭންގެ ދަށުން މަސްވެރިކަމުގެ ވުޒާރާ ބެހެލެއްޓުމާއި ހަވާލުކުރެއްވީ އެ ދާއިރާއިން ތަޢުލީމް ޙާސިލްކޮށްގެން ހުންނެވި ޑރ. މުޙައްމަދު ޝައިނީ އާއެވެ. އާދައިގެ މުވައްޒަފެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓްރީ އާއި ގުޅިވަޑައިގެންނެވި ޑރ.ޝައިނީ އާއި އެކު މަސްވެރިކަމުގެ ދާއިރާއަށް ފާއިތުވި 3 އަހަރުގެ ތެރޭގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ގެނެވިފައެވެ.
މަސްވެރިންގެ ޝަކުވާތައް އަޑުއަހައި އެމީހުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލުމަށް ކުރެވިފައިވާ މަސައްކަތުގެ ސަބަބުން މިއަދު ރާއްޖޭގެ މަސްވެރި އާއިލާތައް ތިބީ އުފަލުން ފޮޅިފައެވެ. ހޮޅުއަށިތަކުގައި މަސްވެރިން ދައްކާ ވާހަކަތަކުން، މަސްވެރިކަމުގެ ވުޒާރާގެ ސިޔާސަތުތަކާއި މެދު އެމީހުން ހިތްހަމަޖެހިފައިވާ މިންވަރު ހާމަވެެގެން ދާނެއެވެ.
ފާއިތުވި 3 އަހަރަށް ބަލާއިރު މަސްވެރިކަމުގެ ވުޒާރާއިން ވަނީ މަސްވެރިންގެ މެރީނާތައް ޤާއިމްކުރުމުގެ މަޝްރޫޢެއް ފަށާފައެވެ. މަސްވެރިންނަށާއި މަސްވެރިކަމުގެ މަސައްކަތްތަކަށް ބޭނުންވާ ތަފާތު ޚިދްމަތްތައް އެއްތަނަކުން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ ކަންކޮޅުތަކުގައި ފެށި މަޝްރޫޢުގެ ދަށުން ޅ.ފެލިވަރުގައި މަސްވެރިންގެ މެރީނާއެއް ޤާޢިމްކުރެވިފައިވާއިރު، ގއ. ކޫއްޑޫ މަސްވެރިންގެ މެރީނާގެ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ގާތުގައެވެ. މީގެ އިތުރުން، އައްޑޫ ސިޓީ ހުޅުމީދޫ އާއި ކ.ހުޅުމާލޭގައި ޤާއިމްކުރާ މަސްވެރިންގެ މެރީނާގެ މަސައްކަތް މިހާރު ވަނީ ކޮންޓްރެކްޓަރާއި ހަވާލުކުރެވިފައެވެ.
ޒުވާނުން މަސްވެރިކަމަށް ނެރޭ ވާހަކަ މީގެ ކުރިން ވެސް ސަރުކާރުތަކުން ދެއްކިއެވެ. އެހެން ނަމަވެސް އެއީ ސިޔާސީ ޕޯޑިއަމްތަކުގައި އެކަންޏެވެ. މިސަރުކާރުން މަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމަށް ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން 5.8 މިލިޔަން ރުފިޔާގެ ލޯނަށް ފުރުޞަތު ހުޅުވާލައި ޖުމްލަ 87 ފަރާތަކަށް ޖުމްލަ 4.2 މިލިއަން ރުފިޔާގެ ލޯނު އެންމެ 3 އަހަރުގެ ތެރޭގައި ވަނީ ދޫކޮށްފައެވެ. އަދި ހަމައެހެންމެ ޒުވާން އޮޑިވެރިންގެ ނަމުގައި ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 14 ފަރާތަކަށް 8.5 މިލިއަން ރުފިޔާގެ ލޯނު ފައިސާ ވަނީ ދޫކުރެވިފައެވެ.
ދިވެހިރާއްޖޭގެ އުފެއްދުންތައް އިޝްތިހާރުކޮށް އެތަކެއްޗަށް މަޤްބޫލުކަން ނުލިބިގެން މިހާރު ކަންބޮޑުވާކަށް ނުޖެހޭނެއެވެ. މަސްވެރިކަމުގެ ވުޒާރާގެ ފަރާތުން ފިޝަރީޒް ޕްރޮމޯޝަން ބޯޑެއް 2013 ވަނަ އަހަރުގެ ޑިސެމްބަރ މަހު ވަނީ ޤާއިމްކޮށްފައެވެ. ސީދާ މަސްވެރިންގެ ބައިވެރިވުމާއި އެކު އެކުލަވާލާފައިވާ ފިޝަރީޒް ޕްރޮމޯޝަން ބޯޑުގެ ފަރާތުން ވަނީ ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ މަހުގެ އަގު ހިފަހައްޓާ ރާއްޖޭގެ މަސްވެރިކަމާއި މަހުގެ ވިޔަފާރި ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.މަސްވެރިކަމުގެ ވުޒާރާއިން "ސީފުޑް ޗެމްޕިއަންސް އެވޯޑް ފޮރ އެޑްވޮކަސީ"، އެވޯޑާއި އަދި "އިންފޯފިޝް އެޕްރިސިއޭޝަން އެވޯޑް"، ޙާސިލްކޮށްފައިވުމަކީ އޭގެ އަލިގަދަ ހެއްކެކެވެ.
ދިވެހިރާއްޖޭގެ މަސްވެރިންނަކީ އިޤްތިސާދީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށްޓަކައި ކޯޕަރޭޓިވް ސޮސައިޓީގެ ކޮންސެޕްޓް އަކީ މަސްވެރިންގެ ބައިވެރިވުމާއި އެކު ކުރެވިގެންދާ ވަރަށް ކާމިޔާބު އަދި ތައުރީފް ޙައްޤު މަސައްކަތެކެވެ. ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި އުޞޫލުން އުފެއްދުންތައް ބާޒާރަށް ނެރުމަށް އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑު)ގެ އެހީގައި ހިންގޭ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމް (ފަޑިޕް)ގެ ދަށުން ވަރަށް ކާމިޔާބު މަޝްރޫޢުތަކެއް ވަނީ ފެށިފައެވެ. އަދި އެ މަޝްރޫޢުތަކާއި އެކު ވުޖޫދަށް އައި ކޯޕަރޭޓިވް ސޮސައިޓީ ތަކުން ވަނީ މަހާއި މަހުގެ އުފެއްދުންތައް ބާޒާރަށް ނެރެފައެވެ.
ދިވެހިރާއްޖޭގެ ކަނޑުތަކުން ހޯދޭ ނަފާ އިތުރުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކުރާ މަސައްކަތަށް 2014 ވަނަ އަހަރުގެ ތެރޭގައި ވަނީ ލޭނު މަސްވެރިކަން ކުރުމަށް ލައިސަންސްދޭ އުޞޫލު ކޯޓާ އުސޫލެއް ތަޢާރަފްކޮށްފައެވެ. މި ބަދަލާއި އެކު ދިވެހިރާއްޖޭގެ މަސްވެރި އުޅަނދުފަހަރުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ބޭރުގައި މާކަނޑުގައި މަސްވެރިކަން ކުރުމުގެ ފުރުޞަތުވެސް ވަނީ ލިބިގެން ގޮސްފައެވެ.
ކަނޑުފަޅުގެ ފައިދާ އިތުރުކުރުމަށް ސަރުކާރުންވެފައިވާ ވަޢުދާއި އެއްގޮތަށް ކަނޑުފަޅުގެ މުއްސަނދިކަން ބޭނުންކުރުމަށްޓަކައި މެރިކަލްޗަރގެ ވަޞީލަތްތައް ޤާއިމުކުރެއްވުމުގެ އިތުރަށް ލޭނު މަސްވެރިކަމަށް ކޯޓާ ދޭ އުސޫލެއް ތައާރަފްކޮށްފައެވެ. މި ބަދަލުގެ ސަބަބުން މިއަދު ރާއްޖޭގެ މަސްވެރި އުޅަނދުތަކަށް ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ބޭރުގައި މާކަނޑުގައި މަސްވެރިކަން ކުރުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެެވެ. މެރިކަލްޗަރގެ ވަޞީލަތްތައް ޤާއިމްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައި، 30 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކުރު މުއްދަތެއްގެ ތެރޭގައި ޙާސިލްކޮށްފައިވާ މިފަދަ ކާމިޔާބީ ތަކާއި އެކު މިއަދު މަސްވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ހެޔޮބަދަލުތަކާއި އެކު އެމީހުން ގޮވަމުން ދަނީ، "ޝުކުރިއްޔާ" އެވެ.