އެއީ އޮނަވިހިސަތޭކަ ބާހަތްތަރިއެވެ.ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަން ފެށި ދުވަސްވަރެވެ.މަދުބައެއްގެ ހިތްވަރާއި،އެކަމަށްހުރި ޝައުގުވެރިކަމުގެ ބޮޑުކަމުން ބޭރުމީހުން ޗުއްޓީހޭދަކުރުމަށް ރާއްޖެ ގެނައުމުގެ މަސައްކަތް ފެށިގެން އައީ ވަރަށްވެސް އާދައިގެ ގޮތަކަށެވެ.
އެމަސައްކަތުގައި އޭރު އުޅުނު ބައެއްބޭފުޅުންއަދިވެސް އެބަތިއްބެވެ.ދުރުމާޒީގައި ފެށުނު މިމަސައްކަތުގެ ޅަފަތުގައި ވަރަށްގިނަ ދަތިތަކާއި،އެތަކެއް އުނދަގުލާ ދިމާވާނެކަމީ މިއަދުވެސް ދެކޮޅުވެރިކަމެއްނެތި ޤަބޫލުކުރާނެ ކަމެކެވެ.އެދުވަސްވަރު ޤައުމުގެ ޙާލަތާއި،ޤައުމުގެ އުފެއްދުންތެރިކަމާއި،ޤައުމުގެ ފުދުންތެރިކަމާއި،އެކިއެކި ދާއިރާތަކުން ތަމްރީންލިބިފައިވާ މީހުންނަށް ބެލިނަމަވެސް ފަތުރުވެރިކަމުގެ މިމަސައްކަތްކުރިގޮތާމެދު ބަޔަކު ވިސްނައިފިނަމަ ކޮސްނުވާނެ މީހަކު،އަޖައިބު އަންތަރީސް ނުވާނެ މީހަކުނުހުންނާނެއެވެ.
އެދުވަހުވެސް ފަތުރުވެރިން އެންމެގިނައިން ރާއްޖެއަށް އައިސްއުޅުނީ ވައިގެމަގުން ކަމަށްވުމުން،މިމަސައްކަތުގައިއެއާޕޯރޓްގެ ދައުރު ވަރަށްބޮޑެވެ.ރާއްޖެއަށް އަންނަފަރާތްތަކަށް ގިނައިރުނުވެ ދާންބޭނުންވާ ރިސޯޓަކާހަމަޔަށް ދިއުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަކީ ފަތުރުވެރިންނާ ހަވާލުވާ ފަރާތްތަކުގެ ވަރަށްބޮޑު ޒިންމާއެކެވެ.އެހެންކަމުން ރާއްޖެއަށް މީހަކު އައުމުން ޕާސްޕޯޓް ނިންމައި، ފޮށިތަންމަތި ލިބުމަކީ ރަށަކަށް ފުރުމުގެ ކުރިން ކުރަންޖެހޭއެންމެ ފުރަތަމަ މަސައްކަތެވެ.
އެޒަމާނަށް ބަލާއިރު އެއާޕޯޓަކީ މިހާރު އެއާޕޯޓްތަކުން މިފެންނަޒާތުގެ ކަރަންޓު ސިޑިއާއި،ފޮށިތަންމަތިބޭލުމަށް ބޭނުންކުރާ ކަރަންޓު ބެލްޓްފަދަ އާލާތްތަކެއް ހުރިޒަމާނެއްނޫނެވެ.ގާޑިޔާތަކަށް ދާގީނާތައް އަރުވައިގެން ބޯބުރީގައި ކަފުޖަހައިގެން ދުއްވޭޒަމާނެއްވެސްނޫނެވެ.އަންނަހާބައެއްގެ ފޮށިތަންމަތި އަތުންބޭލިޒަމާނެވެ.ފޮށިތަންމަތި އަތުން ބާލައިގެން ފަތުރުވެރިންގެ ފައިބާ ގިމަތައަށް ކޮނޑުމަތީގައާއި އަތްދަނޑިމަތީ އުފުލިޒަމާނެވެ.މިހާވަރަށް އުފުލައިހެދިނަމަވެސް ފޮށީގެވެރިމީހާއަށް ފޮށި އުފުލުން އަދި ނިމުނީކީނޫނެވެ.ފޮށިއުފުލަން ޓްރޮލީއެއްވެސް ނުހުންނާތީ ކަސްޓަމްސް ކައުންޓަރަށް ފޮށިގެންދަނީވެސް ކޮނޑުމަތީގައެވެ.ރާއްޖެ އެތެރެކުރުން މަނާ އެއްޗެއް އޮތްތޯ ބަލައިނިމުމުން ދެންވެސް ފޮށިގެންދާނީ ކޮނޑުމަތީގައެވެ.
މިދެންނެވި ދުވަސްވަރު މިމަސައްކަތުގައި އުޅެގެން އަތުންނާއި، ކޮނޑުން ތެޔޮހަން ދިޔައީ ކިތައްމީހުން ކިތައްފަހަރު ކަމެއްވެސް ނޭގެއެވެ.ފައިތިލަމައްޗަށް ފޮށިވެއްޓުނު އަދަދެއް ނޭނގެއެވެ.ކަށިމަތިން ތެޔޮހަންދިޔަފަހަރުތައްވެސް މަދެއްނޫނެވެ.އެކަކަށް ނުއުފުލޭނަމަ ދެމީހުންނެވެ.ކަސްޓަމްސް ކައުންޓަރާ ހަމައަށް ފޮށިތައްހަމަކުރެވެނީ އެއްފަހަރަކުން ދެފަހަރަކުން ނޫނެވެ.ހައެއްކަ ފަހަރުވެސް ދާންޖެހިދާނެއެވެ. ކުރާނީކީއްހެއްޔެވެ. އޭރުގެހާލަތެވެ.އެހެންއެއްވެސްގޮތެއްނެތެވެ.
ދުވަސްތައް މާޒީއާ އެކުވެ، ޚިޔާލާއި ވިސްނުންތައް ތަރައްޤީވެ، ޤައުމާއި ރައްޔިތުންގެ ފުދުންތެރިކަމާއި،އުފެއްދުންތެރިކަން ކުރިއަރައިދިޔަވަރަކަށް މިދެންނެވިހުރިހާ ކަމަކަށްވެސް އަންނަނީ ހެޔޮބަދަލެވެ.
ވާވަރަކުންތާއެވެ.ފަތުރުވެރިކަންތަރައްގީވެ، ފުޅާވެ، އެއާޕޯޓަށް އަންނަމުންދިޔަ ކުރިއެރުމާއެކު ފަސިންޖަރުންނަށްދެވޭ ޚިދުމަތް އިތުރުވަމުންގޮސް އިމިގްރޭޝަން ނިމިގެން ފަސިންޖަރުންގެ ފޮށިތައްލިބުން ފަސޭހަކުރުމަށްޓަކައި ވަކިއިންތިޒާމަކުން އެކަމަށްޚާއްޞަ ބެލްޓްތައް ޤާއިމްކުރެވުނެވެ.
ފަހަރަކު ފޮއްޓެއްނަގައި ޓްރޮލީއަށް އަރުވައިގެން ގެންދެވޭނެގޮތްވުމުން ވަރަށްބޮޑު ފަސޭހައަކަށްވިއެވެ.އެހެނަސް މިހިސާބުން އަދި ނިމުނީކީނޫނެވެ.ރާއްޖެއަށް އެތެރެވާ ތަކެއްޗާއި،މީހުންބަލައި ފާސްކުރުމުގެ ޤާނޫނީބާރު ދިވެހި ޤާނޫނުއަސާސީން މަތިކޮށްފައިވާ ބަޔަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ކަމަށްވުމުން،ފޮށި،އަތްދަބަސް، އަދި އެހެނިހެން ހުރިހާ ތަކެއްޗެއް އެކްސްރޭ މެޝިނަށް އަރުވައި އެކްސްރޭކޮށްބަލަންޖެހެއެވެ.މިކަމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެކެވެ.މިމަސައްކަތަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވިޔަސް، މިއީ ވަރަށްބުރަ އެހާމެގިނަ ވަގުތު މިކަމަށް ހޭދަކުރަންޖެހޭ ކަމެއްވެސްމެއެވެ.އެހެނީ ފޮށި ނުވަތަ ދަބަސް ބެލްޓުންނަގައިގެން ގެނެސް އަނެއްކާ އެހެންތަނަކަށް އަރުވަންވުމުން އެއްވެސް ފަރާތަކަށް ހިތްހަމަޖެހޭ ކަމަކަށްނުވިއެވެ.ވާނީވެސް އެހެންތާއެވެ. ދަތުރުމަތީގެ ވަރުބަލިކަމާއި،ޞިއްޙީހާލުގެ ދެރަކަމުންނާއި،ވަގުތުގެ ދަތިކަމާއެކު ފަސިންޖަރުންގެ އުފާވެރި ދަތުރު އެކީއެކަށް މުޅިންޚަރާބުކުރިކަމަކަށްނޫނީ މިކަމެއްނުވިއެވެ.
އިރުއިރުކޮޅާ އެކްސްރޭ މެޝިންގެ ބެލްޓަށް ފޮށިއަރުވައި ބާލަންވުމުން އެކިމީހުންނަށްލިބުނު އަނިޔާވެސް މަދެއްނުވާނެއެވެ.ދަތުރުގެ ވަރުބަލިކަމާއެކު ރުންކުރުވެ، ދައްކަންނުޖެހޭވާހަކަތައްދެއްކި، ކުރަންނުވާ އެތަކެއްޒުވާބުވެސްކުރެވުނީއެވެ.އެކަމަކު ކުރާހިތަކުންނޫނެވެ. ދަތުރުގެ އެކިހިސާބުން ދިމާވިއުދާސްތަކާއި،ލޮޑުވެފައި ހުރިލެއްބޮޑުކަމުންނެވެ. ފޮށިލިބުމުންވެސް ދިގު ސަފެއްގައި ހުންނަންޖެހުމުން ހަމަޒުވާބު ކުރެވުނީއެވެ.ތެދެއްމެ މިކަމަކީ ދުނިޔޭގެ އެހެންޤައުމުތަކުގައި މިކަންކުރާ ގޮތެއްނޫނެވެ.
އެދުވަސްވެސް އެދިޔައީއެވެ.ޒަމާނާގުޅޭގޮތަށް ތަންތަނަށް ބަދަލުއަންނަމުން އައިސް މިއަދު ފެންނަނީ މުޅިންއެހެންމަންޒަރެކެވެ.ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތައްފަދައިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ފޮށިތައްލިބުމުގައިވެސްވަނީ ޒަމާނީ ކުލަޖެހިފައެވެ.އިރުއިރުކޮޅާ ފޮށިތަންމަތި އެކްސްރޭކުރުމަށް އުފުލިއުފުލުން މާޒީގެތެރެއަށް ފޮނުވައި، ފަސިންޖަރުންނަށް ލުއިފަސޭހަވާނޭހެން ކަންކަންވަނީ މިއަދު އިންތިޒާމް ކުރެވިފައެވެ.
މިއަދު ފަތުރުވެރިންގެ ފައިބާގިމަތައަށް ބަލައިލުމުން ފެންނަނީ އިމިގްރޭޝަން ނިންމައި ފަސިންޖަރުން ފޮށިތަންމަތިހަމަކޮށް ކަސްޓަމްސްގެ ދޮރާށިތަކުން ލުއިފަސޭހަކަމާއެކު ދާމަންޒަރެވެ.އެފަސިންޖަރަކު ދާންބޭނުންދޮރަކުންނެވެ. ކަސްޓަމްސްއަށް ޑިކްލެއާކުރަންޖެހޭ އެއްޗެއް ނުވަތަ ޑިއުޓީދައްކަންޖެހޭ އެއްޗެއް ހުރިނަމަ ރަތްދޮރާށި ނުވަތަ "ރެޑް ޗެނަލް" އެވެ.މިދެންނެވިފަދަ އެއްވެސްކަމެއް ނެތްނަމަ ފެހި ދޮރާށި ނުވަތަ "ގްރީން ޗެނަލް" އެވެ.ކުރަމުން އައި ދިގުދަތުރުގެ ބުރަކަން ދަނެ، އުނދަގޫޖައްސާކަށް ތަނެއްނެތެވެ.ދަތުރުފަސޭހަ ކުރުމުގެ ހުރިހާކަމެއް އަމިއްލައަށް ނިންމުމަށް މަގުކޮށިގެން ދިޔައީއެވެ.
މިއަދު މިފަސޭހަ ލިބިގެން ދިޔައިރު ކަސްޓަމްސްގެ ޒިންމާ ދުލެއްނުކުރާނެކަން ޔަގީނެވެ.ރާއްޖޭގެ ދޮރާށިތަކުން ވަންނަ ތަކެއްޗާއި،ބޭރުވަނީކޮންއެއްޗެއްކަން ދެނެގަތުމަށް ކުރަންޖެހޭހުރިހާކަމެއް ހަމަ ކުރާނެތާއެވެ. ވައިގެމަގުން ރާއްޖެއަށް އަންނަ ފަސިންޖަރުންގެ ފޮށިތަންމަތި އެކްސްރޭކުރުމުގެ ކަންތައްތައް މިއަދުވެސް ހިނގާނެތާއެވެ. ދަތުރުވެރިންނަށް ނުފެނުނު ނަމަވެސް އެކަންކަން ހިނގާނެކަން ޔަގީނެވެ. ބަދަލުވީ އެންމެ ކަމެކެވެ. ޒަމާނީ ތަރައްޤީއާ އެއްގޮތަށް ކަންކުރާގޮތް ބަދަލުވީއެވެ.
އެހެންކަމުން ކަސްޓަމްސް އިން މިގެނައިބަދަލުގެ ސަބަބުން ފަސިންޖަރުންނާއި،ފަތުރުވެރިކަމަށް ވަރަށްބޮޑު ފަސޭހައެއްލިބުނީއެވެ.ކަސްޓަމްސްއިން ފާސްކުރުމަށް ކުރިންއޮންނަ ކިޔޫ ނިމުމަކަށްއައީއެވެ.ރިސޯޓްތަކަށް ފުރުވަންޖެހޭ ލާންޗުގެ ދަތުރުވެސް އަވަސްވީއެވެ.އާންމުދަތުރުވެރިންގެ ދަތުރުވެސް ލުއިފަސޭހަވީއެވެ.އިރުއިރުކޮޅާ ބެލްޓަށްފޮށިލީޒަމާން މާޒީއާއެކުވެހިނގައްޖެއެވެ.