ދަރިން ބޮޑެތިވެ ދިރިއުޅެވޭނެ މަގެއް ފެނުމުން މައިން ބަފައިންނަށްވުރެ ރައްޓެހިން މުހިންމުވަނީ ކީއްވެގެން ހެއްޔެ؟ މިއީ މިހާރަކަށް އައިސް ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. ނަމަވެސް އެދެވޭ ޖަވާބެއް ނުލިބެއެވެ.
ދާދިފަހުން ދުބާއީގެ އިންސާނީ ހައްޤުތަކާއިބެހޭ ކޮމިޝަނަށް އަންހެން ކުއްޖަކު ހުށަހެޅި މައްސަލައެއްގައި ބުނެފައިވަނީ އޭނާއަށް ވަޒީފާއެއް ލިބިފައިވާ ކަމަށާއި ދިރިއުޅެން ބޭނުންވަނީ ރައްޓެއްސަކާއިއެކު ޢާއިލާ އާއި ވަކިން ކަމަށެވެ. ނަމަވެސް މައިންބަފައިން އޭނާގެ ޕާސްޕޯޓް ދިނުމަށް ދެކޮޅު ހަދާތީ ޕާސްޕޯޓް ހޯދައި ދިނުމަށް އެދޭކަމަށެވެ.
ކޮމިޝަނުން އަންހެން ކުއްޖާގެ ބައްޕައަށް ގުޅުމުން ބުނީ ޕާސްޕޯޓް ހޯދަން އެދުނީ ރުޅިއައިސް ރަތްވެގެން ހުރެ ކަމަށެވެ. އޭނާގެ މަންމަ އޭނާއަށް ވިސްނައިދޭން މަސައްކަތްކުރީ ވަޒީފާއެއް ލިބުނު ނަމަވެސް ޢާއިލާ އާއި ވަކިވެ ރައްޓެހިންނާއިއެކު ދިރިއުޅުމަކީ ރަނގަޅު ގޮތް ނޫންކަމަށެވެ. އެކަމާއި އިތުރަށް ރުޅިގަދަވެ މަންމަ ގައިގާ ތަޅައި އަނިޔާވެސް ކުރި ކަމަށެވެ. އަދި ބައްޕަގެ ގައިގާ ވެސް ނުޖެހީ ހަމަކިރިޔާ ކަމަށެވެ.
މަންމަ އާއި ބައްޕަގެ އެފަދަ ޝަކުވާއެއް ހިފައިގެން ދަރިފުޅަށް ސަރުކާރުގެ އިދާރާއަށް ދާންކެރުނުކަން އެނގުމުން އެކަމާއިވީ ދެރައިން މަންމައަށް ހާޓްއެޓޭކެއް ނުޖެހި ސަލާމަތްވީ ވެސް ހަމަކިރިޔާއެވެ.
އަންހެން ދަރިއަކު ކިތަންމެ ބޮޑުވި ނަމަވެސް، ކިތަންމެ ބޮޑު މުސާރައެއް ލިބޭ ވަޒީފާއެއް ލިބުނު ނަމަވެސް ކައިވެނި ނުކުރާހައި ދުވަހަކު އެކުއްޖަކު ނުވަތަ އެ އަންހެނަކު ހުންނަން ޖެހޭނީ މައިންބަފައިންގެ ބެލުމުގެދަށުގައެވެ. އެއީ އެކަން އިސްލާމް ދީނުގައި އޮތްގޮތެވެ. ދަރިންނަށް އެކަން އަންގައި ނުދެވެނީ ހެއްޔެވެ؟ ނުވަތަ އެނގުނު ނަމަވެސް ޤަބޫލުކުރަން ބޭނުން ނުވަނީ ހެއްޔެވެ؟ މިއީ ހަމަ އުފެދޭ ސުވާލުތަކެވެ.
ހަމައެފަދައިން ފިރިހެން ދަރިން ކޮންމެ ތަނެއްގައި ދިރިއުޅުނު ނަމަވެސް މައިންބަފައިން ބެލެގެއްޓުމަކީ ވާޖިބެކެވެ. އެއީ ފިރިހެން ދަރިންނާއި މާތްﷲ ހަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތެކެވެ. އެކަމުން ރެކެވޭނެ ނުވަތަ ބަރީއަވެވޭނެ ހަމައެއްވެސް ގޮތެއް ނެތެވެ.
މިއީ ދުބާއީގައި ދާދިފަހުން ހިނގި ހާދިސާއެކެވެ. މިބާވަތުގެ މައްސަލަތައް ރާއްޖޭގައިވެސް ކުރިމަތިވަނީ މަދަކުންނޫނެވެ. ސުވާލަކީ މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ ދަރިން ބޮޑެތިވަމުން އަންނައިރު ނުވަތަ ޅަފަތުން ފެށިގެން ގެން ގުޅުމުގައި މައިންފައިންނަށް އިހްމާލް ވެވެނީ ހެއްޔެވެ؟ ނޫނީ މިޒަމާނުގެ ސޯޝަލް މީޑިއާގެ ތެރެއިން ކުދިންގެ ވިސްނުން ތަގައްޔަރުވަނީ ހެއްޔެވެ؟
މިއީ ދިރާސާކުރަންޖެހިފައިވާ މައްސަލައެކެވެ. ކަމާއިބެހޭ ފަރާތްތަކުން ފުރިހަމަ ދިރާސާއެއްކޮށް ހައްލެއް ހޯދަންޖެހިފައިވާ މައްސަލައެކެވެ. ނޫންނަމަ އަޅުގަނޑުމެން ފަދަ އިސްލާމީ މުޖުތަމައުއެއްގައި މިކަންކަން ވަަރަށް ބޮޑު ވަބާއަކަށް ވެގެން ހިނގައިދާނެއެވެ.
މިފަދަ އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމަކީ ކިޔައިލާ ޚުޠުބާއަކުން ނޫނީ ދެވޭ ދަރުސަކުން އިޞްލާޙްކުރެވޭނެ ކަންކަމެއް ނޫނެވެ. އެއީ މިފަދަ ަކންކަން ކުރިމަތިވެފައި ތިބޭ ކުދިންނަށް ޚުޠުބާ އާއި ދަރުސްގެ އަޑު ނުވެސް އިވޭނެތީއެވެ. އެހެންކަމުން މިފަދަ މައްސަލަތައް ހައްލުކުރެވޭނީ އެއަށްވުރެ ބޮޑަށް އެކަމަށް މަސައްކަތްތަކެއް ކުރެވިގެންކަމަށް ޤަބޫލުކުރެވެއެވެ.