އިންޑިއާގެ ބައެއް ނޫސްތައް ކިތަންމެ ވަރަކަށް ނުރުހުނު ނަމަވެސް އިންޑިއާ އަބަދުވެސް ދެމިއޮންނާނީ ދިވެހި ސަރުކާރާއިއެކު އެވެ. އެކަން އެންމެ ފައުޅުކަން ބޮޑު ގޮތެއްގައި ޔަޤީން ކުރެވުނީ ރައީސް ނަޝީދު ވެރިކަން ދޫކުރައްވާފައި އަވަހާރަފުޅު ލައްޕަވަން ވަޑައިގަތް ވަގުތުއެވެ.
އަވަހާރަފުޅުން ހޭފުޅު ލެއްވެވުނު އިރު ޤައުމުގެ ވެރިކަން ވަނީ ބަދަލުވެފައެވެ. ރައީސް ޑރ. މުޙައްމަދު ހަސަން ވަނީ ވެރިކަމުގެ ޤާނޫނީ ހުވާ ކުރައްވައިފައެވެ. އިންޑިއާ އިން ވަނީ އެމަނިކުފާނުގެ ވެރިކަން ބަލައިގެންފައެވެ. އެކަން ދުނިޔެއަށް އިއުލާނުވެސް ކޮށްފައެވެ.
އެއިރު ރާއްޖޭގައި އިންޑިއާ ހައިކޮމިޝަނަރަށް ހުނނެވީ ޏަޔަނޭޝްވަރު މަނޯހަރް މުލޭއެވެ. މުލޭ އެދުވަހު ވެސް ވަރަށް ސާފުބަހުން ވިދާޅުވީ އިންޑިއާ ދެމިއޮންނާނީ ދިވެހިރައްޔިތުންނާއިއެކު ކަމަށެވެ. ދިވެހި ރައްޔިތުންގެ ކޮންމެ ނިންމުމަކަށް އިންޑިއާ އިން ތާއީދުކުރާނެ ކަމަށެވެ.
ހައިކޮމިޝނުން ނުކުމެވަޑައިގެން ކުރިމަތީހުރި ހޮޓެލް ޖެންއަށް ވަޑައިގަންނަވަނިކޮށް އެމްޑީޕީން ހިފަހައްޓައި ގައިކޮޅަށް އަރައިގަންނަން މަސައްކަތްކުރި ހައިކޮމިޝަނަރު އިންޑިއާ ހައިކޮމިޝަނަށް ވަޑައިގެން އަވަހާރަފުޅު ލައްޕަވާނެ ތަނަކަށް އެދިވަޑައިގަތުމުން އެކަން ހަމަޖައްސަވައި ދެއްވުމަކީ އިންސާނީ އުޞޫލުން ބެލި ނަމަވެސް މުޅިން ތަފާތު ކަމެއް ދޮގެއްތޯއެވެ!
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ރާއްޖެއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅާއި ގުޅިގެން އިންޑިއާގެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ޚަބަރުތަކުން ހީވަނީ އެމް.ޖޭ އަކްބަރު ރާއްޖެ ވަޑައިގަތީ ރައީސް ނަޝީދަށް އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެ މަގުފަހިކޮށްދެއްވަން ކަމަށެވެ. ދަރުފުޅުގެ ވާހަކަތަކަށްވުރެ ގިނައީ ރައީސް ނަޝީދު ލަންކާގައި ދެއްކެވި ވާހަކަފުޅުތަކެވެ.
ނޫސްވެރިކަމުގެ މިނިވަންކަން އިންޑިއާގައި އޮންނަ ގޮތުން ކޮންމެ ވާހަކައެއްވެސް ލިޔެވިދާނެއެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ކޮންމެ 30 މިނިޓަކުން ކޮންމެވެސް ވާހަކައެއް ހާމަކުރާ ވެބްސައިޓުތައް ވެސް އެބަހުއްޓެވެ. ނަމަވެސް އެކަމާއި އަޅައިލާނެ މީހަކު ނުވެއެވެ. މޮޔައިންނަށް އޮންނަނީ މޮޔަގޮވަން ފުރުޞަތު ދީފައެވެ.
ައަކްބަރުގެ ދަތުރުފުޅާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހާމަކުރި ޚަބަރުގެ ވާހަކަ ލިޔެފައިވާއިރު އެ ޚަބަރުން ހައިލައިޓްކުރި ކަންތައް ދޮގެއް ނުކުރެވެއެވެ. އެއީ ދޮގެއްނަމަ ދޮގުކުރާނީ އިންޑިއާގެ ޚާރިޖިއްޔާއިންނެވެ. ނުވަތަ އަކްބަރް އެވެ.
މިބާވަތުގެ ޚަބަރުތައް އިންޑިއާގެ ނޫސްތަކުގައި ޖެހުމުން ކަންބޮޑުވާ ބައަކު ދިވެހިންގެ ތެރޭގައވެސް ތިބެއެވެ، އިންޑިއާ އިން އެއުޅެނީ މަނަވަރުތަކުގައި ރާއްޖޭގެ ވެރިކަން ބަދަލުކުރަން ކަމަށް ހީކުރެވޭ ބައަކުވެސް އުޅެއެވެ. ނޫސްވެރިންނާއި ގުޅިގެން މިބާވަތުގެ ޚަބަރުތައް ޝާއިއުކުރުވަނީވެސް އެބޭނުމުގައެވެ. ނަމަވެސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ. އިންޑިއާ ހަމަ އަބަދުވެސް ދެމިއޮންނާނީ ދިވެހިރައްޔިތުންނާއިއެކުގައެވެ. ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަކާއިއެކުގައެވެ.
މާލެއަށް ފެނަނަށް ބޭނުންވުމުން 3 މަނަވަރުގައި އައިސް ފެން ފޯރުކޮށްދިން ފަދައިން އިންޑިއާ އިން އަބަދުވެސް މަނަވަރުތަކުގައި އައިސް ދިވެހިންނަށް ފޯރުކޮށްދޭނީ އެހީތެރިކަމެވެ. އަސަރުކުރާ ބައަކަށް ރަނގަޅުވާނީ އަމިއްލައަށް އެޑްމިޓްވުމެވެ.