އެމްއޭސީއެލްއަށް ހަމަ ހާސްފަށުން އައްސަރިބަހާއި ސާބަހެވެ! 50 އަހަރުފަހުން މިއަދު ތިއަ ދައްކައިލީ ދިވެހިންގެ އެއާޕޯޓް އަޅަން ދިވެހިން ކުރި ހަޤީޤީ މަސައްކަތްތަކެވެ. ހަމަ އެދުވަހުވެސް ބޭނުންކުރި ތަކެތި ބޭނުންކޮށްގެންނެވެ.
އެއްވެސް އުޖޫރައެއް ނެތި އަމިއްލައަށް ރަށުން އުދައްޔާއި ފުރޯ ފަދަ ތަކެތި ހިފައިގެން އައިސް އެދުވަހު މަސައްކަތްކުރިއިރު ލައިގެން ތިބި ވީދިފައި ހުރި ފޭރާން އެގޮތުގައި ދައްކައިލެވުނުނަމަ ހާދަ އަސަރު ގަދަވީހެވެ. ﷲ އިރާދަކުރެއްވިއްޔާ ދެން ފަހަރަކުންނެވެ. އަރަބި ކަރައިން މީހަކު ހޯދައިގެން ގެނެސް ނަމަވެސް އެ މަސައްކަތް ކުރާތަން ބައްލަވަން ދިވެހިންގެ އެއާޕޯޓުގެ ބާނީ، އެއިރުގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ހުންނަވާ މަންޒަރު ދައްކައިލެވިއްޖެނަމަ އަދި އިތުރަށް ފުރިހަމަވާނެ ދޮގެއްތޯއެވެ!
އިތުރަށް ފުރިހަމަކުރަން ކިޔާނެ ކަންކަން ބައިވަރު ހުންނާނެއެވެ. ކޮންމެ ކަމެއްގައިވެސްމެއެވެ. އެއީ ޠަބީޢީ ކަމެކެވެ. އެމްއޭސީއެލް އިން މިއަދު ތިއަ ދައްކައިލީ 60 އަހަރުން ދަށުގެ ދިވެހިން ހަނދާން ނުހުންނާނެ ކަންކަމެވެ. އެއިރު ޓީވީއެއް އެއްޗެއް ނެތުމުން އެއިރުގެ ގިނަ ބައަކަށް ނުވެސް ފެނިހުރި ކަންކަމެވެ.
އެމްއޭސީއެލްގެ އެމްޑީ ޢާދިލް މޫސާ އަށާއި މިއައިޓަމް އިންތިޒާމް ކުރި އަދި އައިޓަމްގައި ބައިވެރިވި އެންމެންނަށް ހަމަ ހާސްފަށުން އައްސަރިބަހާއި ސާބަހެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ބޭރުބައަކަށް ދޫކޮށްލުމަކީ ހަމަ ހުކުރު މިސްކިތާއި މުންނާރުވެސް ދޫކޮށްލުން ފަދަ ކަމެކެވެ. އެއީ ދިވެހިވަންތަ ލޭ ހިނގާ ހަމަ އެންމެ ދަރިއަކުވެސް ދެކެން ބޭނުންވާނެ ކަމެއް ނޫނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ އަމަލީ ބައިވެރިވުމާއިއެކު ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. ބަންޑާރަ މަސައްކަތު މީހުންގެ ނަމުގައި ހުރިހައި ރަށެއްގެ ރައްޔިތުން ބައިވެރިވެގެން ހިންގާފައިވާ މަޝްރޫއެކެވެ. އިޖުތިމާޢީ ޚިދުމަތުގެ ފުރިހަމަ ނަމޫނާއެކެވެ.
އެއާޕޯޓް އެޅީ އަޅުގަނޑުގެ އުމުރުން 6 އަހަރުގައެވެ. އެއިރު ރަށުގައި ދިރިއުޅޭތީ މަސައްކަތް ކުރިތަނެއް ނުފެނެއެވެ. ހަނދާން ހުންނަ ކަމަކީ ރަށުން ބަންޑާރަ މަސައްކަތު ދިއުމަށް ކަނޑައެޅި ދެމީހުން މަސައްކަތްކުރާނެ ތަކެތި ހޯދަން އައުމުން ބައްޕަ ތަކެތި ދެއްވި ކަމެވެ.
އެއާޕޯޓަށް ބޮޑު ޖެޓެއް ޖައްސާތީ މާލޭގެ ރައްޔިތުން ދަރިންކޮޅުވެސް ގޮވައިގެން އެއާޕޯޓަށް ދިއަ ދުވަހު "ސީކިންގ" އަށް ދޭނެ ބައިރުފިޔާއެއް ހޯދުން ދަތިކަމަކަށްވުމުން ފަތާފައި އަޅުގަނޑުވެސް ދިއައިމެވެ. އެނބުރި އައީ ސީކިންގއަށް ބައިރުފިޔާ ދީގެންނެވެ. އެދުވަހުގެ ކަންކަން ހުރިގޮތުން އެއް ރުފިޔާގެ އަގު ހަމަ ބޮޑީއެވެ.
އެދުވަހު ޖެއްސީ މިހާރުގެ ސީޕްލޭނެއް ވަރުގެ ފްލައިޓެކެވެ. ފޭބީ 4 މީހުންނެވެ. އެއާޕޯޓްގެ ދެވަނަ ރަންވޭ ނިމުމުން މާތްﷲ ވާގިފުޅާއިއެކު ޖައްސާނީ ދުނިޔޭގެ އެންމެ ބޮޑެތި ފްލައިޓުތަކެވެ. ފައިބާނީ އެތައް ސަތޭކަ ފަސިންޖަރުންނެވެ.