ފ. އަތޮޅު މަޝްރޫއު- ސިޔާސީ ފެންކުރައަކަށް ހަދަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ފ. އަތޮޅު މަޝްރޫއު- ސިޔާސީ ފެންކުރައަކަށް ހަދަނީ ކީއްވެ؟
ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ބިން މިލްކުކުރެވޭނީ މަޖިލީހުގެ ހުއްދަ ލިބިގެންނެވެ. އެކަމަށް ކުރިމަތިލަނީ އެމެރިކާގެ ކުންފުންޏަކުން ނަމަވެސް އަދި ދިވެހިރާއްޖޭގެ ކުންފުންޏަކުން ނަމަވެސް އެފަދަ މަޝްރޫއެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަނި ނިންމައިލެވެން އޮތް ކަމެއް ނޫނެވެ. އެކަން ނިންމޭނީ ހަމަ ރައްޔިތޔުންގެ މަޖިލީހުންނެވެ.

މަޝްރޫއުގެ ކަންކަން ނިންމަން މަޖިލީހަށް ހުށަހެޅޭ ހިސާބުން ހުރިހާ މެންބަރުންނަށް އެކަމުގެ ތަފްޞީލުތައް ލިބިގެންދާނެއެވެ. ރައީސް މައުމޫނަށާއި އެމްޑީޕީއަށްވެސް ލިބިގެންދާނެއެވެ. އަދި ޢާންމުކޮށް އެންމެންނަށްވެސް އެނގިގެންދާނެއެވެ.

ރާއްޖޭގައި ބިން މިލްކުކުރެވޭ ނުވަތަ ފްރީ ހޯލްޑް އުޞޫލުން ބިން ބޭނުންކުރެވޭ ޤާނޫނެއް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ. އެޤާނޫނު ފާސްކުރިފަހުން އެތައް ގިނަ ދުވަސްތަކެއްވެސް ވެއްޖެއެވެ. އެ ޤާނޫނުގައި ކަންބޮޑުވުންތަކެއް ހުރެގެން ބައަކު އުޅޭކަން އެނގިފައެއް ނެތެވެ.

ރައީސް ޢަބްދުﷲ ޔާމީން ފ. އަތޮޅުގައި ވިދާޅުވި ބަސްފުޅެއް ވިދާޅުވުމުން މިހާރު އެވަރުގެ ބޮޑު މައްސަލައެއް ނެތެވެ. މިވަނީ ކިހިނެއްތޯއެވެ؟ އެ ޤާނޫނުގައި ނެތްކަމެއް ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އުޅުއްވަނީތޯއެވެ؟ އެހެންކަމަށްވާނަމަ އެއީ ހަމަ ވަރަށް ބޮޑު މައްސަލައެކެވެ. އެޤާނޫނާއި އެއްގޮތަށް ކަންތައްތައް ކުރައްވާނަމަ އެކަމާއިމެދު ކަންބޮޑުވާންވީ އެއްވެސް ސަބަބެއް ނެތެވެ.

އެބިލް ފާސްކުރުމަށް އެއިރު ވޯޓު ދެއްވި މެންބަރުން މިއަދު އެކަމާއިމެދު ހިތާމަކުރައްވާކަމަށްވާނަމަ އެވަނީ ވަރަށް ހެއްވާ ކަމަށެވެ. އެބިލަށް އެއިރުވެސް ވޯޓު ނުދެއްވާ މެންބަރުން އެކަމުގެ ވާހަކަތައް ދެއްކެވުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ކުރައްވަންވެސް ޖެހިވަޑައިގަންނަވާނެ ކަމެކެވެ.

ޤާނޫނު ބަލައިގަންނަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށް ތާއީދުކުރާތީއެއް ނޫނެވެ. ޤާނޫނު ބަލައިގަންނަން ޖެހޭނީ އެއީ ޤާނޫނަކަށްވީތީއެވެ. އެހެންކަމުން ބިލަށް ވޯޓު ދެއްވި އިރު ރައީސް ޔާމީނަށް ތާއީދުކުރެއްވުމާއި މިހާރު ނުކުރެއްވުމާއި ވޯޓު ދެއްވައިގެން ފާސްކުރެއްވި ޤާނޫނާއި އޮތީ ކޮން ގުޅުމެއްބާވައެވެ!

ޤައުމަށް ފައިދާކުރާނެ ބިލްތައް ފާސްކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށް ތާއީދުކުރާތީއެއް ނޫނެވެ. ފާސްކޮށްފައިވާ ޤާނޫނަކަށް ގޮންޖަހަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށް ތާއީދު ނުކުރާތީއެއްވެސް ނޫނެވެ.

މިފަދަ ހުރިހާ ކަންކަމަށް ބެލުމުން ފެންނަނީ ފ އަތޮޅުގައި ތަރައްޤީކުރަން އުޅޭ މަޝްރޫއު ސިޔާސީ ފެންކުރާތަކުން ކައްކާތަނެވެ. އިވެނީ ދެއުޅި އެއްނުވާ ވާހަކަތަކެވެ. އެންމެ ބޮޑު ޖޯކަކީ މަޖިލިސްތެރޭގައި އެނބުރެމުން އަންނަ އޮއިވަރެވެ.
މިއަދު އޮންލައިން