ޢުމުރުން އެންމެ 4 އަހަރުގެ ބެއްލާއަކީ ރަޝިއާ ކުއްޖެކެވެ. އޭނާ ޢުމުރުން ކިތަންމެ ހަގު ނަމަވެސް މިވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.
އެގޮތުން ސްޓޭޖު ޝޯވއެއްގައި އޭނާ ވަނީ ތަފާތު 7 ބަހަކުން ވާހަކަ ދައްކާ، ލިޔެފައިވާ ޢިބާރާތްތައް ކިޔާ، ލަވަ ކިޔާ، އެ ސްޓޭޖު ޝޯވ ބަލަންގޮސްތިބި އެންމެން ހައިރާން ކޮށްލާފައެވެ. އަދި އެ ހުރިހާ ބަހަކުންވެސް އޭނާއާ ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދީފައިވަނީ އެއްވެސް ކުށެއްނެތި، ހަމަޖެހުމާއި އެކުގައެވެ.
ބެއްލާ ވާހަކަ ދައްކާފައިވަނީ އިނގިރޭސި، ޗައިނީސް، ސްޕެނިޝް، ޖަރމަން، ފްރެންޗު އަދި ޢަރަބި ބަހާއި ރަޝިއަންނެވެ.
މި ހުނަރާއި ބެހޭގޮތުން ބެއްލާގެ މަންމަ ޔޫލިއާ ދެވްޔަކިނާ ބުނީ ބެއްލާ ވަރަށް ޅަ ޢުމުރުގައި ވާހަކަ ދައްކަން ފަށައިފި ކަމަށާއި އެންމެ ފުރަތަމަ ދަސްކޮށްދިނީ ރަޝިއާ ބަހާއި އިނގިރޭސި ބަސް ކަމަށެވެ. އެއަށްފަހު، ބެއްލާގެ ޝައުޤުވެރިކަން އެކި ބަސްބަހަށް ހުރިކަން ފާހަގަ ކުރެވުމާއެކު މަދުމަދުން ތަފާތު ބަސްބަހުން ވާހަކަ ދައްކަން ދަސްކޮށްދިން ކަމަށް އޭނާގެ މަންމަ ބުންޏެވެ.
" ބެއްލާގެ ވަރަށް ޅަ ޢުމުރުގައި ވާހަކަ ދައްކަން ފަށައިފި. އަދި އޭނާގެ (ބެއްލާ) ޝައުޤުވެރިކަން ތަފާތު ބަސްބަހަށް ހުރިކަމަށް ފާހަގަ ކުރެވުމުން ތަފާތު ބަސްތައް ދައްކޮށްދެމުން މި އަންނަނީ " ބެއްލާގެ މަންމަ ބުންޏެވެ.
ޔޫލިއާ އިތުރަށް ބުނީ ޢުމުރުން 4 އަހަރުގައި ތަފާތު 7 ބަހުން ވާހަކަ ދައްކާ ލިޔެ، ކިއުމުގެ ހުނަރު އޭނާގެ އެ ތުއްތު ދަރިފުޅަށް ލިބިފައިވާތީ އުފާވާ ކަމަށާއި އަދިވެސް އިތުރު ބަސް ދަސްކުރަން ބެއްލާ ބޭނުން ނަމަ، އެކަން ކޮށްދޭނެ ކަމަށެވެ.
https://www.youtube.com/watch?v=Tuhs2GWrnXc