ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކޮށްފައިވާ ސްރީލަންކާގެ ޖޯން ކީލްސް އިން ދައްކާ ވާހަކަތައް ތަރުޖަމާކުރަން ޖެހިއްޖެއެވެ. ް "ރާއްޖޭގެ ސިޔާސީ ހާލަތު "ސްޓޭބަލް" އެއް ނޫނެވެ. ޔޫރަޕުން ޓްރެވަލް އެޑްވައިޒަރީތައްވެސް ނެރެނީއެވެ. އެކަމަކު ދޮންވެލި ކައިރިން ލިބިފައި އޮންނަ ފިނޮޅުގަނޑުވެސް ތަރައްޤީ ކުރަނީއެވެ. ކޮންމެ އަހަރަކު ލިބޭ ފައިދާ އަންނަނީ އިތުރުވަމުންނެވެ."
މިއީ ލަންކާގެ ނޫސްތަކުގައި ލިޔެފައި ހުންނަ ވާހަކަތަކެވެ. ކޮންމެވެސް ގޮތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި މަސައްކަތްކުރާ ނޫސްވެރިން ގާތު ވާހަކައެއް ބުނުމުން ލިޔާ ގޮތް ކަމަށްވެސް ވެދާނެއެވެ.
މިދިއަ އަހަރަށް ބެލި ނަމަވެސް ޔޫރަޕުން ރާއްޖެ އައި ފަތުރުވެރިންގެ ނިޞްބަތް ވަނީ އިތުރުވެފައެވެ. 7.3 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ. ޔޫރަޕުން އަންނަ ފަތުވެރިންގެ އަދަދު އިތުރުވަމުންދާނަމަ ރާއްޖޭގެ އެއްވެސް މައްސަލައެއް ނެތެވެ. ރާއްޖެއާއިމެދު ނެރޭ ޓްރެވަލް ބޭންތައް ހަމަ އިތުރުކުރަންވީއެވެ. ރާއްޖޭގެ މައްސަލައެއް ނެތެވެ. ރާއްޖެއަށް ބޭނުންވަނީ ޓްރެވަލް ބޭންއެއް ނޫނެވެ. ރާއްޖެއަށް ބޭނުންވަނީ ފަތުރުވެރިންނެވެ.
ދެ ޤައުމުގެ ސިޔާސީީ ހާލަތަށް ބެލި ނަމަވެސް ޔޫރަޕުން ނެރެފައިވާ ޓްރެވަލް ބޭންތަކަށާއި އދގެ ބަޔާންތަކަށް ބެލި ނަމަވެސް ފަހައިދުވާތަން ފެންނަނީ ސްރީލަންކާގެއެވެ. ރާއްޖެއާ ދެކޮޅަށް ނެރެފައިވާ ބަޔާނަކަށް 100 ބަޔާން ވަނީ ލަންކާ އާއި ދެކޮޅަށް ނެރެފައެވެ. ދުނިޔޭގެ ކޮންމެ ވެސް މިޝަނެއް ލައްކާގައި ހަރަކާތްތެރިނުވާ ދުވަސްވަރެއް ނުދެއެވެ. އިންސާނީ ކަރާމާތަށް އަރައިގެންފައިވާ ކޮންމެވެސް މައްސަލައެއް ނުބެލިގެންނެވެ. އަބަދުވެސް އޮންނަނީ ތަޙްޤީޤްކުރަން އިތުރު މުއްދަތު ދޭންޖެހިފައެވެ.
ޖޯންކީލްސް ޕްރެޒިޑެންޓް ކިޝަން ބެލެންދުރަ އާއި ހަވާލާދީ ޝިރާޖިވް ޑެއިލީ ނިޔުސްގައި ލިޔެފައިވާ ލިޔުމަށް ބެލުމުން ރާއްޖެއަށް ކޮންމެވެސް ގޯނާއެއް ކޮށްލުން ނޫން މަޤްޞަދެއް ނުފެނެއެވެ.
އެކަމުގެ އެންމެ ބޮޑު ހެއްކަކީ ރާއްޖޭގެ ހާލަތު އެލިޔުމުގައިވާފަދަ ނަމަވެސް ރާއްޖޭގައި އިތުރަށް ޖޯން ކީލްސް އިން އިންވެސްޓްކުރާނެ ކަމަށް ލިޔެފައި އޮތުމުންނެވެ. އެ ހާލަތުގައި އޮންނަ ޤައުމެއްގައި އިންވެސްޓަރުން އިތުރަށް އިންވެސްޓެއް ނުކުރާނެއެވެ. ބަލާނީ ކޮންމެވެސް އަގެއްގައި އިންވެސްޓްމަންޓް ވިއްކާލާފައި ފައިދާ ލިބޭނެ ޤައުމެއްގައި އިންވެސްޓް ކުރުމަށެވެ.
ވިޔަފާރިވެރިން ވިޔަފާރިއަށް އިންވެސްޓްކުރަނީ ސަވާބު ހޯދާކަށް ނޫނެވެ. ފައިދާ ހޯދާށެވެ. މިއީ މުޅި ދުނިޔެ ޤަބޫލުކުރާ ހަޤިޤަތެކެވެ. ވީމާ ވާދަވެރިކަމުގައި ދެކޮޅު ނުޖެހޭ ވާހަކަތައް ލިޔުމުގެ ބޭނުމަކީ ކޮބައިިކަން އެންމެންނަށްވެސް ރަނގަޅަށް އެނގެއެވެ.
ޖޯން ކީލްސް ރާއްޖޭގައި ފަށައިގަތީ އެންމެ ރިޒޯޓަކުންނެވެ. މިހާރު ،3 4 ރިޒޯޓް އެބައޮތެވެ. އަދިވެސް އިތުރަށް އިންވެސްޓްކުރަނީ އެވެ. މިކަމުން އަންގައިދެނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނަ މިންވަރެވެ. އެކަމުގެ ފައިދާ ޖޯން ކީލްސްއަށް ލިބޭ މިންވަރުވެސް ބޮޑުކަމެވެ.
ރާއްޖެ އާއި ސްރީލަންކާއަކީ ގުޅި ލާމެހިފައިވާ ދެ ޤައުމެވެ. ދެ ޤައުމު ގުޅިގެން ބާރަށް ކުރިއަށް ދާން މަސައްކަތްކުރަންވީ ދެ ޤައުމެވެ. ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ކުރިއެރުން ލިބުން އިތުރުވާނީ ދެ ޤައުމު ގުޅިގެން ކުރިއަށްދާން މަސައްކަތްކުރުމުންނެވެ.