ރާއްޖެ އާ އިޒްރޭލުގެ ގުޅުން ބަދަހިކުރުވަން ކެރަފާ ނަސީމް މަސައްކަތްކުރީ ޤައުމު އަމާންކުރަންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ރާއްޖެ އާ އިޒްރޭލުގެ ގުޅުން ބަދަހިކުރުވަން ކެރަފާ ނަސީމް މަސައްކަތްކުރީ ޤައުމު އަމާންކުރަންތަ؟
ޒަމާނުންސުރެ އިޒްރޭލާއި ދުރުހެލިވެގެން އޮތް ދިވެހިރާއްޖެއާއި އިޒްރޭލުގެ ގުޅުން ބަދަހިކުރުވަން ރާއްޖޭގެ ޚާރިޖީ ވަޒީރު ކަމުގައި ހުރެ ކެރަފާ ނަސީމް މަސައްކަތްކުރީ ރާއްޖޭގައި އަމާންކަން ޤާއިމުކޮށް ބަންގީގެ އަޑުގަދަކުރަން ކަމާއިމެދު ސުވާލު އުފައްދައިފިއެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ސައުދިއަރަބިޔާގެ އިންވެސްޓްމަންޓެއް ރާއްޖެ އައުމަށް ތައްޔާރުވުމުން އެކަމާއި ހަރުކަށި އަމަލު އިތުރުވުމާއި ކެރަފާ ނަސީމް ގުޅުވިކަން އަންގައިދެނީ މިހާރު ކެރަފާ ނަސީމްގެ ވިސްނުން ހުރީ ރާއްޖޭގައި ހަރުކަށި އަމަލުތަކެއް ހިންގުވުމަށްކަން ވަރަށް ސާފުކޮށް އަންގައިދޭ ކަމަށެވެ.

"އެބޭފުޅުންނަކީ އަބަދުވެސް ހަރުކަށިފިކުރުގެ ބޭފުޅުން. މުޅި ޢާއިލާގެ ވެސް ފިކުރު އޮތީ އެގޮތަށް. އަބަދުވެސް ތޮޅެމުން އައީ ވެރިކަމާ. ރާއްޖޭގައި ބަޣާވާތް ކުރުމާ ޓެރަރިޒަމްގެ އަމަލުތައް ހިންގުވުމުގެ ރެކޯޑް އޮންނާނީ އެބޭފުޅުންގެ އަތްޕުޅުގަ. ޚުދު ނަސީމަކީވެސް ރާއްޖެއަށް ކުލީ ސިފައިން ގެނެސް ހަތިޔާރު އެތެރެކޮށް ބަޣާވާތް ކުރަން މަސައްކަތްކުރި ކަމުގެ ކުށް ސާބިތުވެ އަދަބުވެސް ދީފައިވާ މީހެއް. އެހެންވީމާ މިއަދުވެސް އެމީހުންގެ ވިސްނުން ހުންނާނީ ހަމަ އެގޮތަށް."

އޮފިޝަލް ވިދާޅުވީ ރާއްޖެއިން އީރާނާއި ގުޅުން ކަނޑާލަންޖެހުނު ސަބަބު ވަރަށް ރަނގަޅަށް ސަރުކާރުން ސާފުކޮށްދިން ކަމަށެވެ. "ރާއްޖެއިން އެކަންޏެއް ނޫން އީރާނާ ގުޅުން ކަނޑާލާފައިވަނީ. ގިނަ އަދަދެއްގެ އަރަބި ޤައުމުތަކުންނާ އަދި އެމެރިކާއިންވެސް ވަނީ ގުޅުން ކަނޑާލާފަ. ނަސީމް އެވިދާޅުވާ ގޮތުން ކަމަށްވާނަމަ އެމެރިކާ އިންވެސް އީރާނާ ގުޅުން ކަނޑައިލީ ބައަކު ފިއްތައިގެންތާ!"

ރާއްޖެއިން އިރާނާ ގުޅުން ކަނޑައިލި ދުވަސްވަރަށް ބަލާއިރު އީރާނުގައި ހުރި ސައުދީ އެމްބަސީއަށް ހަމަލާދީ އެތަނުގައި ހުޅުޖަހައި އަންދާލުމާއި ގުޅިގެން މުޅި ދުނިޔެ ދިއައީ އީރާނަށް ނުރުހުން ފައުޅުކުރަމުންނެވެ. ސައުދިއަރަބިޔާއަށް ހަމްދަރުދީ ފައުޅުކުރަމުންނެވެ.

އީރާނުގެ އެހީލިބިގެން ރާއްޖޭގައި ކުރި ކަމެއް އަދި މިހައިތަނަށް އެނގިފައި ނެތްއިރު ސައުދިއަރަބިޔާގެ އެހީތެރިކަން އަބަދުވެސް އަންނަނީ ރާއްޖެއަށް ލިބެމުންނެވެ. އެހެންކަމުން ސައުދިއަރަބިޔާ ކޮޅަށް ރާއްޖެ ބުރަވުމަކީ ހަމައަކުން ކަންކަން ވިސްނާ އެއްވެސް މީހަކު ކަންބޮޑުވާންޖެހޭނެ ކަމެއް ނޫނެވެ.

ކެރަފާ ނަސީމް މިމޭރުމުން ވާހަކަ ދައްކާއިރު އީރާނާއި ދެކޮޅަށް ރާއްޖެއިން އަދި މިހައިތަނަށް ކުރި އެއްވެސް ކަމެއް ނެތެވެ. ބުނި ބަހެއްވެސް ނެތެވެ. ރާއްޖެއިން އީރާނަށް ގޮވާލާފައިވަނީ ސަރަހައްދީ ޤައުމުތަކާއިއެކު ގުޅުންތައް ބަދަހިކުރުމަށެވެ. އދގެ ޤަރާރުތަކާއިއެއްގޮތަށް ޑިޕޮލޮމެޓިކް ގުޅުންތައް ހިފެހެއްޓުމަށެވެ. އެމޭރުމުން އީރާނަށް ގޮވާ ނުލާ ހަމައެކަނި ޤައުމަކީ ސީރިޔާއެވެ.

ރާއްޖެއަކީ އީރާނާ ދެކޮޅު ޤައުމެއް ނޫނެވެ. އީރާނުގެ ޤައުމީ ވޮލީ ޓީމް ރާއްޖެ އައިސް މެޗްތައް ކުޅެފައި އެދިއައީ އިހައްދުވަހުއެވެ. އެޓީމަށް ރާއްޖެއިން އަދާކުރީ އެންމެ ފުރިހަމަ މެހްމާންދާރީއެވެ. ޓީމް ފުރައިގެން ދިއައީ އެކަން ފާހަގަކޮށް ރާއްޖެއަށް ޝުކުރު އަދާކޮށްފައެވެ. ދިވެހި ޤައުމީ ޓީމަށް އެހީތެރިވެދޭން ތައްޔާރަށް އޮތްކަންވެސް ހާމަކޮށްފައެވެ.

ދެ ޤައުމުގައި އަމަލުކުރާ ދީނީ އުޞޫލުތަކަށް ބެލި ނަމަވެސް ރާއްޖެއާއި އިރާނާއިމެދުގައި އިންތިހާއަށް ތަފާތުތައް ހުރުމުން އިރާނުން ކަންބޮޑުނުވާ ކަމެއްގައި ކެރަފާ ނަސީމް ކަންބޮޑުވުމަކީ ސަލާމަތީ ބާރުތަކުންނާއި ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އިތުރަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.
މިއަދު އޮންލައިން