ފ. އަތޮޅުގައި ސައުދިއަރަބިޔާއިން ކުރަންއުޅޭ އިންވެސްޓްމަންޓް އާއި ބެހޭ ގޮތުން ސަރުކާރުން އަދި އެއްވެސް މައުލޫމާތެއް ނުދެއްވައެވެ. އެހެންކަމަށްވާއިރު ރައްޔިތުންގެ ކިބައިން މައުލޫމާތު ހޯދާނީ ކޮން ކަމަކަށްތޯއެވެ!
ރައްޔިތުންނަށް މައުލޫމާތު ނުދީ ކަންކަން ކުރިއަށް ގެންދާތީތޯއެވެ؟ އެއްވެސް ޤައުމެއްގައި ވިޔަފާރި އާއިބެހޭ ކަމެއްގެ މަޝްވަރާތައް ނުނިމެނީސް ތަފްޞީލް ހާމައެއް ނުކުރެއެވެ. ނަމަވެސް މަޝްވަރާތައް ނިމުމުން ހާމަކުރެއެވެ.
ދެން ރައްޔިތުންގެ ޚިޔާލު ހޯދަންވީ އިދިކޮޅު ފަރާތްތަކުން ބުނާފަދައިން އަތޮޅު ވިއްކާލުމާއިމެދުގައިތޯއެވެ؟ ސަރުކާރުން ވަނީ އަތޮޅު ވިއްކައި ނުލާނެ ކަމުގެ ޔަޤީންކަން ދީފައެވެ. އެހެންކަމުން އެއީވެސް ޚިޔާލު ހޯދެން އޮތް ކަމެއް ނޫނެވެ.
ސައުދިއަރަބިޔާއިން ފ އަތޮޅުގައި އިންވެސްޓްކުރަން ތަރައްޤީކުރަން ތައްޔާރުވަމުން އަންނަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ރައީސް ޔާމީން ވަނީ އެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
އެހެންކަމުން ރައްޔިތުންގެ ކިބައިން ހޯދިދާނެ ބައެއް ޚިޔާލު އެބަހުއްޓެވެ. މީހުން އުޅޭ ރަށްރަށަށް އަރަބިން ދިއުމުން އެމީހުންގެ ފަހަތުގައި ނަމާދުކުރާނަންތޯ ސުވާލުކުރެވިދާނެއެވެ.
ގިނަ އަދަދެއްގެ އަރަބި މުވައްޒިފުން މަސައްކަތްކުރާނެ އިރު އެއިން މީހަކު ރަށަކުން އަންހެނަކާއި ކައިވެނިކުރަން ބޭނުންވެއްޖެނަމަ އެކަމަށް މަރުހަބާ ކިޔާނަންތޯ ވެސް ސުވާލުކުރެވިދާނެއެވެ. ގިނަ އަދަދެއްގެ ފަތުރުވެރިން ރަށްރަށަށް ދިއުމުން އެމީހުންނަށް ޚިދުމަތްދީ ވިޔަފާރިކޮށްގެން އާމްދަނީ ހޯދާނަންތޯ ވެސް ސުވާލުކުރެވިދާނެއެވެ.
މިމަޝްރޫއުގެ ތެރެއިން ރަށްރަށަށް ޒިޔާރަތްކުރާ މަހުޖަނުން ރަށްރަށަށް ދޭ ހިލޭ އެހީތައް ބޭނުންކުރާނަންތޯ ވެސް ސުވާލުކުރެވިދާނެތޯއެވެ.
މިމަޝްރުއުގެ ފުރިހަމަ މައުލޫމާތު ސަރުކާރުން ހާމަކުރުމުން ޒިންމާދާރު މީޑިއާތަކުން އެކަމާއި ގުޅޭ މައުލޫމާތު ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދާނެއެވެ. މިއަދުނޫހުންވެސް ހޯދާނެއެވެ.