ސައުދިއަރަބިޔާއަށް ކިތަންމެ ބޮޑު މަޝްރޫއެއް ދިން ނަމަވެސް ދިވެހި ރައްޔިތުން ދަރަނިވެރިކުރުވާފަ، ރައްޔިތުންގެ ބޮލުގައި ދަރަނި އެޅޭ ގޮތަށް އެއްވެސް މާލީ ގަރަންޓީއެއް ދޭކަށް ދިވެހި ސަރުކާރަކަށް ނުޖެހޭނެއެވެ.
ރާއްޖޭގެ މާޒީއަށް ބަލައިފިނަމަ އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް 1 ބިލިއަން ޑޮލަރަށްވުރެ އެއިރުވެސް އަގުބޮޑު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ދިނީ އެންމެ 79 މިލިއަން ޑޮލަރުގެ އެޑްވާންސަކަށެވެ. 70 މިލިއަން ޑޮލަރު ދިނުމާއިއެކު ދެން ފެނުނީ ދިވެހި ދައުލަތާއި ރައްޔިތުން ޒިންމާވާންޖެހޭ ގޮތަށް 185 މިލިއަން ޑޮލަރުގެ މާލީ ގަރަންޓީއެއް ރައްޔިތުންނަށް ނުވެސް އެނގި ޖީއެމްއާރަށް ދިންތަނެވެ. ނަތީޖާއަކަށްވީ އެގަރަންޓީއަށް ޖީއެމްއާރުން އިންޑިއާގެ އެގްޒިމް ބޭންކުން ނެގި ލޯނު ދައްކަން ދިވެހި ރައްޔިތުންނަށް ޖެހުމެވެ.
ޤައުމުތަކުން މަޝްރޫއުތައް ބޭރުގެ ކުންފުނިތަކާއި ހަވާލުކުރަނީ އެޤައުމެއްގެ މާލީ ދަރަނި ކުޑަކުރުމަށެވެ. ލޯނު ނަގައި ދަރަނިވެރިވާ މިންވަރު ކުޑަކުރުމަށެވެ. އެ މަޤްޞަދު ޙާޞިލުނުކުރެވޭނަމަ ބޭރުގެ ފަރާތްތަކަށް މަޝްރޫއުތައް ދިނުމުގެ ބޭނުމެއް ނެތެވެ. ލޯނު ނަގައިގެން ކުރާ ކަންކަން އެ ޤައުމަކަށްވެސް ކުރެވެން ޖެހޭނެތީއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އެގެންދަނީ ލޯނާއި ސަރުކާރުން ހަވާލުވެގެންނެވެ. ރާއްޖެއިން ހިންގާ މަޝްރޫއެއްގެ ގޮތުގައެވެ. މިކަމުން އަންގައިދެނީ ލޯނު ނެގުމާއި އެއާޕޯޓް ތަރައްޤީ ކުރުމުގެ ޤާބިލުކަން މިސަރުކާރުގައި އެބަހުރިކަމެވެ.
ސަރުކާރުން ފ އަތޮޅުގެ މަޝްރޫއު ސައުދީ ސަރުކާރަށް ނުވަތަ ސައުދީ ކުންފުންޏަކަށް ދިން ނަމަވެސް އެ މަޝްރޫއު ތަރައްޤީކުރަން ލޯނު ނަގަން ގަރަންޓީ ދޭން ދިވެހި ސަރުކާރަކަށް ނުޖެހޭނެއެވެ. ރައްޔިތުން ދަރަނިވެރިވާކަށްވެސް ނުޖެހޭނެއެވެ. ދަރަނީގެ ޒިންމާ އުފުލާކަށް ދިވެހިރައްޔިތުންނަށް ނުޖެހޭނެއެވެ.
މަޝްރޫއަށް އިންވެސްޓްކުރާނީ މަޝްރޫއު ހަވާލުވާ ފަރާތުންނެވެ. އެހެންކަމުން މަޝްރޫއުވެގެންދާނީ ދިވެހިރައްޔިތުންނަށް ލިބޭ އިންވެސްޓްމަންޓަކަށެވެ. ދިވެހިންގެ ތަރިކައަކަށެވެ. އެއްވެސް މާލީ ބުރައެއް އުފުލުމެއް ނެތި ރާއްޖޭގައި ކުރެވޭ ބިޔަ އިންވެސްޓްމަންޓަކަށެވެ.
ކޮންމެ ނަމެއް ކީ ނަމަވެސް މަޝްރޫއު އޮންނާނީ ރާއްޖޭގައެވެ. އެއިން ސަރުކާރަށް ލިބެންޖެހޭ އެއްޗެއް ދާނީ ލިބެމުންނެވެ. އެކަމުގެ ފައިދާ ދާނީ ރައްޔިތުންނަށް ލިބެމުންނެވެ.