އާއްމުގޮތެއްގައި ތިމާ ގެންގުލޭ ގިނަ ރަޙްމަތްތެރިންނަކީ ތިމާއަށް ހެޔޮ އެދިގެން އުޅޭ މީހުންނެވެ.
އެކި ކަންތައްތަކުގައި ތިމާއާއި ވާހަކަ ދައްކާ އަދި ތިމާ ދައްކާ ވާހަކަތަށްވެސް އަޑު އަހާމީހުންނެވެ.
އެއްކޮށް އުޅޭއިރު އެމީހުންނަކީ ތިމާގެ އިޙްސާސްތަށް ރަނގަޅަށް ދަނެ ތިމާއަށް ދުވަހަކުވެސް އެއްވެސް ދެރައެއް ދޭނެ ބައެކޭ ހީއެއް ނުވާނެއެވެ.
ނަމަވެސް ހަޤީޤަތަކީ އަހަރުމެން ގެންގުޅޭ ރަޙްމަތްތެރިންގެ މެދުގައިވެސް "ފޭކް" ރައްޓެހިން ހުންނަ ކަމެވެ. ދޭތެރެ ޖައްސާ މީހުން ރަޙްމަތްތެރިންގެ މެދުގައިވެސް ވަރަށް ގިނައެވެ. ތިމާއަށް ހެޔޮ އެދިގެން ރަނގަޅަކަށް ބުނާ އެއްޗެއް ކަމަށް ހަދާފައި، ބުނަނީ ނުވަތަ ކުރަނީ ތިމާއަށް ގެއްލުން ލިބޭނެ ކަންކަމެވެ.
އެފަދަ މީހުން ތިމާއަށް ދިރިއުޅުމުގައި މުޅިންވެސް ދޭނީ ނެގަޓިވް ޚިޔާލެވެ. ތިމާއަށް އުފަލެއް ލިބުނަސް، އެމީހުން އެކަމުގައި ބައިވެރިއެއް ނުވާނެއެވެ. ނަމަވެސް ހިތާމައިގަ ވަރަށް ބައިވެރިވާ ހިތްވާނެއެވެ.ހިތާމައަކީ އެފަދަ "ރައްޓެހިން" ގެ ފަތިފުށް އަހަރުމެންނަށް ނޭނގޭކަމެވެ. އެނގުނަސް ގިނަ ފަހަރަށް އެނދިފައި އޮންނަނީ ވަގުތު ފާއިތުވާ ފަހުންނެވެ.
ނަމަވެސް މިހާރު، އެފަދަ ރައްޓެހިން ދެނެގަނެވޭނެ ގޮތެއް އެބައޮތެވެ.
އިންޑިއާގެ ރިލޭޝަންޝިޕް އެކްސްޕާރޓެއް ކަަމަށްވާ އިންޑިއާ ކޭންގް ބުނެފައިވާ ގޮތުގައި، ތިމާއަށް ހެޔޮ ނޭދޭ ރައްޓެއްސެއްތޯ ހޯދި ދާނެ ފަސް ސުވާލެއްވެއެވެ. ތިމާގެ ރަޙްމަތްތެރިޔާ އާއި ބެހޭ ގޮތުން އެ ފަސް ސުވާލު އަމިއްލަ ނަފްސާއި ކުރާށެވެ. ހުރިހާ ސުވާލަކަށް ޖަވަބު ދެވިއްޖެނަަމަ، އެރަޙްމަތްތެރިޔާ އާއި ވީހާވެސް ދުރުވުން ބުއްދިވެރި އެވެ.
1- އެންމެ ގިނައިން ގުޅަނީ ކާކު؟
ދިމާވާން ވެގެން ނުވަތަ ހާލު ބަލާލަން ކަމުގައި ވިޔަސް، ގިނަ ފަހަރަށް ގުޅަނީ ކާކު ހެއްޔެވެ؟ އެކަކު އަނެކަކަށް ގުޅާ ހާލު ބެލުމަކީ ރަޙްމަތްތެރިކަން ވަރުގަދަވާ ކަމެކެވެ. ނަމަވެސް ގިނަ ފަހަރަށް ހުސް އެކަކު އިސްވެ ގުޅާނަމަ، އެއީ އަނެއް މީހާ އެވަރަށް ޝައުޤުވެރިކަން ނުހުންނަނީ ކަމަށް ކޭންގް ބުނެފައިވެއެވެ.
2- އެމީހުންނާއި އެއްކޮށް އުޅޭއިރު ކިހިނެއް އިޙްސާސް ވަނީ؟
އެމީހުންނާއި އެއްކޮށް އުޅޭއިރު (އެމީހުންގެ ސަބަބުން) މީހާ ރުޅިއައިސް، ފޫހިވެ ނުވަތަ އިތުރަށް ހިތްދަތިވާ ކަމުގެ އިޙްސާސް ކުރެވެންޏާ، އެފަދަ ރައްޓެހިންނާއި ދުރަށް ދިޔުން ރަނގަޅެވެ. މިފަދަ އިޙްސާސްތަކަކީ އެމީހުންގެ ސަބަބުން ކުރެވޭ އިޙްސާސްތަކެއް ކަމަށް ދެނެގަނެވޭނީ، އެމީހުންނާއި އެއްކޮށް ނޫޅޭ ވަގުތު، ތިމާ ހިތްހަމަޖެހި އުފާވެފައި ހުންނަ ނަމައެވެ.
3- އޭނާއާއި ދިމާނުވި ނަމައޭ ހިތަށް އަރާތަ؟
ބައެއް ފަހަރު އޭނާ ބުނާ އެއްޗަކުން ނުވަތަ ކުރާ ކަމަކުން، ރުޅި އައިސް ނުވަތަ ހިތް ނުތަނަވަސްވެ އޭނާ އާއި ދިމާނުވިނަމައޭ ވެސް ހިތަށް އަރާނެއެވެ. ދެމީހުންގެ ރަޙްމަތްތެރިކަމުގައި ފަހުން އެއްވެސް ހިތްހަމަޖެހުމެއް ނުވާއިރު، އެރަޙްމަތްތެރިކަމުގެ ސަބަބުން ފޫހިވާނަމަވެސް ރަނގަޅު ވާނީ ކުޑަކޮށް ދުރަށް ޖެހިލުމެވެ. ނަމަވެސް ޒަމާންވީ ރަޙްމަތްތެރިކަމެއް އޮތުމުގެ ސަބަބުން އެއްކޮށް ގުޅުން ކަނޑާލުން ބައެއް މީހުންނަށް ފަސޭހަކަމަކަށް ނުވާނެއެވެ. ރައްޓެހިންނަކީ ތިމާ ހިތްދަތިވާ ވަގުތު ހެއްވާލާ މީހުން ފަދައިން ބައެއް ރައްޓެހިންނަކީ ހިތްދަތިވާ ވަގުތު ތިމާ އިތުރަށް ދެރަކޮށްލާ މީހުންނެވެ. އެފަދަ މީހުންނާއި މާބޮޑަށް ގާތް ވެގެން އުޅުމުން ޑިޕްރެޝަން އަށް ވެސް ގޮސްދާނެއެވެ.
4- ދިރިއުޅުމުގައި ކުރަން ބޭނުންވާ ކަންތައްތަކުގައި ހިތްވަރުދޭތަ؟
ދިރިއުޅުމުގައި ތިމާ ކުރަން ބޭނުންވާ އެކިއެކި ކަންކަމުގައި، މިސާލަކަށް ވަކި ކެރިއަރ އެއް އިޚްތިޔާރު ކުރުން ނޫނީ ކިޔަވަން ދިޔުން ފަދަ ކަންކަމުގައި، އޭނާ އެއްވެސް ވަރަކަށް ހިތްވަރުލާ ނުދޭނަމަ، އޭނާއަކީ ތިމާއަށް ރަނގަޅު ގޮތެއް މެދުވެރިވާން ބޭނުންވާ މީހެއް ކަމާއިމެދު ވަރަށް ޝައްކެވެ. އެކި މީހުންގެ ހުންނާނީ ތަފާތު ޙިޔާލު ކަމުގައިވީ ނަަމަވެސް، ކޮންމެ މީހަކަށްވެސް ކަމުދާނެ ކޮންމެވެސް އެއްކަމެއް ނުވަތަ ދެ ކަމެއް އޮވެދާނެއެވެ. ނަމަވެސް ކުރަން ގަސްދުކުރާ އެއްވެސް ކަމެއް (އެހެން މީހުންނަށް ރަނގަޅު ވާއިރު) އޭނާއަށް ރަނގަޅު ނުވާނީ ކޮންމެވެސް އެހެން ސަބަބެއްވެސް އެކަމުގައި އޮންނާތީ ކަމަށް ކޭންގް ބުނެއެވެ. ތިމާއަށް ކާމިޔާބީއެއް ލިބުމުންވެސް މިފަދަ ރައްޓެހިން މަރުހަބާ ކިޔުމުގެ ބަދަލުގައި، ހިތްހަމަ ނުޖެހި، ތިކަން ނުކޮށް އެހެން ކަމެއް ކުރިނަމަ ނޫންހޭ ވެސް ބުނެއެވެ.
5- އެމީހުންނާއި ދިމާވާން އުނދަގޫތަ؟
"ފޭކް" ރައްޓެހިންނޭ މިކިޔާ މީހުން، ނުވަތަ ތިމާގެ ރައްޓެއްސެއް ކަމަށް ހެދިގެން އުޅޭ މީހުން، ވަރަށް ގިނައިން ޕްލޭންތަށް ކެންސަލްކޮށް ތިމާއާއި ދިމާނުވާން އުޅޭނެއެވެ. އެއީ ވަރަށް ގިނަ ދުވަސް ކުރިން ރާވާފައި އޮންނަ ޕްލޭން އެއް ނުވަތަ ބައްދަލުވުމެއް ކަމުގައިވީ ނަަމަވެސް، ކޮންމެވެސް ސަބަބެއް ބުނެ އެމީހުން އެޕްލޭންތަށް ކެންސަލް ކޮށްލާ ތިމާއާއި ބައްދަލު ނުވާނެއެވެ. ގިނަ ފަހަރަށް އެމީހުން ޕްލޭން ކެންސަލް ކުރާނީވެސް އެކަމުގެ ވަގުތު ވަރަށް ގާތް ވެފައި ވަނިކޮށެވެ.
އެފަދައިން މީހަކު ކަންތައް ކޮށްފިނަމަ، އެމީހަކާއި މެދު އެވަރަަށް ނުވިސްނާ، ތިމާވެސް ދެން އޭނާ އާއި ބައްދަލުވާން އުޅުން ހުއްޓާލާށެވެ. އެކަހަލަ މީހުންނާއި މެދު އެވަރަށް ވިސްނާ ފިކުރުކޮށް ވަގުތު ބޭކާރު ކޮށްލުމަށްވުރެ ތިމާއާއި އެއްކޮށް އުޅޭ ހިތްވާ މީހުންނާއި އެކު އުޅުން ވަރަށް ވެސް ބުއްދިވެރިއެވެ.