2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތައް މިއަހަރުގެ ނިޔަލަށް ބާޠިލްވަނީ؟ ޒިންމާ އުފުލާނީ ކާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތައް މިއަހަރުގެ ނިޔަލަށް ބާޠިލްވަނީ؟ ޒިންމާ އުފުލާނީ ކާކު؟
މިނިވަން އޮޑިޓަރ ޖެނެރަލްގެ އޮފީހެއް އުފެއްދުމުން އެ އޮފީހުން ނެރުނު ފުރަތަމަ ރިޕޯޓްތައް ނެރެފައިވަނީ 2007 ވަނަ އަހަރުއެވެ. މިއަހަރަކީ އެ ރިޕޯޓްތަކަށް 10 އަހަރު ފުރޭ އަހަރެވެ. މިހާރު މިފެންނަނީ 11 ވަނަ އަހަރު އެފަދަ މައްސަލަތައް ކޯޓުން ބަލައިނުގެންފާނެ ކަމުގެ ކޮޅުމައްޗެވެ.

ލިބެންޖެހޭ ފައިސާ ހޯދަން ދައުވާ ނުކޮށް 11 އަހަރު ލަސްކުރުމުން ސިވިލްކޯޓުން އިއްޔެ އެވަނީ އަމީން ކޮންސްޓްރަކްޝަންގެ އެފަދަ މައްސަލައެއް ނުބެލޭނެ ކަމަށް ނިންމައިފައެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުގައި ފާހަގަކޮށްފައި ހުންނަ ކޮންމެ މައްސަލައަކީ ޖިނާޢީ ކުށެއް ނޫނެވެ. ކުށްކުރި ނުވަތަ އިހްމާލްވި މީހުންގެ އަތުން އަނބުރާ ފައިސާ ނަގަންޖެހޭ މައްސަލަތައްވެސް މަދެއް ނޫނެވެ. އެހެންކަމުން އެފަދަ މައްސަލަތައް ދާނީ ސިވިލްކޯޓަށް ކަމަށް ބެލެވެއެވެ.

ރައްޔިތުން މިއަދު ކަންބޮޑުވަނީ ރިޕޯޓުތަކަށް 10 އަހަރު ފުރޭއިރުވެސް އެރިޕޯޓްތަކަށް ގޮތެއް ނުނިމޭތީއެވެ. އެ މައްސަލަތަކަކީ ޞައްޙަ މައްސަލަތަކެއް ނުވަތަ ނޫންކަން ވެސް އެނގެންނެތުމުންނެވެ. އެ މައްސަލަތަކުން ދައުލަތަށް ފައިސާއެއް ލިބެންޖެހޭކަން ނުވަތަ ނޫންކަން އެނގޭނެ ގޮތެއް ނެތުމުންނެވެ.

އެ ރިޕޯޓްތަކުގެ ތެރޭގައި 2007 ވަނަ އަަހަރު ނެރެފައިވާ ބައެއް ރިޕޯޓްތައް ހިމެނެއެވެ. އެރިޕޯޓްތަކުގައިވާ މައްސަލަތަކަކީ ހަޤީޤީ މައްސަލަތަކެއްކަން ނުވަތަ ނޫންކަން އެނގެން ރައްޔިތުން ބޭނުންވެއެވެ. ރިޕޯޓްތަކާއިމެދު ގޮތެއް ނުނިންމައި ދިގުލައި ދިއުމުން މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ރައްޔިތުން ގެންދަނީ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ. އެފަރާތްތައް އެ ހާލަތުން ސަލާމަތްވާނީވެސް ރިޕޯޓްތަކާއިމެދު ނިންމާ ގޮތެއް ހާމަކުރުމުން ކަމަށް ގިނަބައަކު ދަނީ ބުނަމުންނެވެ.

މިހާރު އުފެދިފައިމިވާ ސުވާލަކީ އެރިޕޯޓްތައް ހަމަ އެހެން ހުރެ މުއްދަތު ހަމަވާނީ ކަމާއިމެދުގައެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލާނީ ކޮން ފަރާތަކުން ކަމާއިމެދު މިހާރު މިވަނީ ވަރަށް ބޮޑެތި ސުވާލުތައް އުފެދިފައެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވި އެއްވެސް ރިޕޯޓެއްގައި ހިމެނޭ މިދަންނަވާ އެއްވެސް މައްސަލައެއް ނުބަލަން ނިންމިކަން އަދި މިއަދުނޫހަށް އެނގިފައެއް ނެތެވެ. އަދި މައްސަލަތައް ބަލަން ސަރުކާރު އުފެއްދި އެއްވެސް މުއައްސަސާއެއް އުވައިލިކަންވެސް އެނގިފައެއް ނުވެއެވެ.
މިއަދު އޮންލައިން