އެއްވެސް ޤައުމެއްގައި ސިޔާސީ ހަރަކާތްތަކާއި އިޤްޠިޞާދަކީ ގުޅުވޭނެ ދެ އެއްޗެއް ނޫނެވެ. ދެބައި އުފެދުނު ފޯމިޔުލަރ އާއި މަޤްޞަދާއި އަދި ކުރަންޖެހޭ ބޭނުންވެސް ތަފާތުވުމުންނެވެ.
ރާއްޖޭގައި "އުފަންވެދާނެކަމަށް" އުންމީދުކުރެވޭ ފ. އަތޮޅު މަޝްރޫއަށް "ބަލިވެއިންކަން" އެނގުނު ވަގުތުން ފެށިގެން މަޝްރޫއަށް ހަމަލާ ދޭން ފަށާފައިވަނީ ސީދާ ނިޔުކްލިއަރ ހަތިޔާރުންނެވެ. ފޮނުވަމުން ދަނީ ނިޔުކްލިއަރު ބެލިސްޓިކް މިސައިލްތަކެވެ. ރާއްޖޭގެ އިތުރުން މިފަދަ ހަމަލާތައް މިހާރުވަނީ މުޅި ދުނިޔެއަށްވެސް އަމާޒުކޮށްފައެވެ. އެހެންކަމާއިއެކުވެސް މަޝްރޫއު "ބައިގެންދިއަކަން؟ އަދި އެނގިފައެއް ނުވެއެވެ.
ކޮންމެ ބައަކު ޤައުމުގައި ވެރިކަން ކުރި ނަމަވެސް ވެރިކަން ކުރެވޭނީ ޤައުމުގައި ހަރުދަނާ އިޤްޠިޞާދެއް އޮވެގެންނެވެ. ރައްޔިތުންނަށް ޚިދުމަތްކުރުމަށާއި ދައުލަތް ހިންގަން ބޭނުންވާ ފައިސާ ހުރެގެންނެވެ. އެއީ މުޅި ދުނިޔެވެސް އެކަން ޤަބޫލުކުރާ ގޮތެވެ.
ޤައުމަށް ވަންނަ ފައިސާ ޣަރަޤްވާނަމަ އެއީ ތަފާތު މައްސަލައެކެވެ. ރައްޔިތުންގެ ޒިންމާއަކީ ޣަރަޤުވުން ހުއްޓުވުމެވެ. ޤައުމަށް ފައިސާ ވަނުން ހުއްޓުވުމެއް ނޫނެވެ. އަދި އިދިކޮޅު ސިޔާސީ ލީޑަރުންގެ ޒިންމާއަކީވެސް ހަމަ އެއް ޒިންމާއެކެވެ.
ފ. އަތޮޅު މަޝްރޫއަށް ހަމަލާދޭން ފަށާފައިވަނީ "ބަނޑުގައި އޮތީ ކާކުގެ ދަރިއެއްކަން" ވެސް ނޭނގިތިބެއެވެ. އެންމެ ލަފާކުރެވޭ މީހާއަށް ބަލައި އޭނާއަށް އަމާޒުކޮށް ހަމަލާތައް ފޮނުވަންފެށީއެވެ. ޑީއެންއޭ ހަދައިލުމުން މިއެނގުނީ ހަމަލާތައް ދެމުން މިދެވުނީ "ދަރީގެ ބައްޕައަށް" ނޫންކަމެވެ.
މިފަހަރުވެސް ހާމަވެގެން މިދިއައީ އަދިވެސް ދިވެހިންގެ ބައަކު ތިބި ހާލަތެވެ. މީގެ 12 ވަރަކަށް އަހަރު ކުރިން ތިބި ހާލަތުން އަދިވެސް ބަދަލުނުވާކަމެވެ. އެދުވަސްވަރު ރޭގަނޑު 11 ޖަހައިލީމާ ކޮންމެ ރެއަކު މާކަރީ ލައިޓް ހޮޓާ ކައިރިއަށް ދާން ފުލުހުންނަށް ޖެހެއެވެ. މީހުން ގިނަވެ މަގު ބަންދުވެގެންނެވެ.
ފުލުހުން ދާއިރަށް ސޯ ހޮޓަލަށް ވަދެ ފިލާނެއެވެ. އެއްވެފައި ތިބި މީހުން ގާތު ކީއްވެތޯ މަގުމަތީގައި ތިބީ ސުވާލުކުރުމުން ބުނާނީ ސޯ މިދިމާ މަތިން ދުންގަނޑެއް ނުވަތަ އައްޔެއް ދައްކާތީ އެ ފެނޭތޯ ކަމަށެވެ. މިކަންކަން ތަޖުރިބާކުރަންޖެހުނު ފުލުހުން އަދިވެސް އެތިބީއެވެ.
ފުލުހުން އެތަނަށް ގޮސް މީހުން ހަމައަކަށް އަޅުވަން އުޅޭ ވަގުތަކީ ބޭރަށް ފޮނުވައިލާނެ ރަނގަޅު ފޮޓޯކޮޅެއް ނަގަން ލިބޭ ފުރުޞަތެކެވެ. އެ ފުރުޞަތުގެ ބޭނުން ދިއައީ ކިތަންމެ ރަނގަޅަކަށްވެސް ހިފަމުންނެވެ.
މިއަދު ކިޔަނީ އަތޮޅެއް ވިއްކައިލާ ލަވައެވެ. ރާއްޖޭގެ އެއްވެސް އަތޮޅެއް ވިއްކައިލެވޭނެ އެއްވެސް ޤާނޫނެއް ރާއްޖެއަކު ނެތެވެ. އެހެންކަމުން އެއީ އެއްވެސް ހާލެއްގައި ކުރެވޭނެ ކަމެއް ނޫނެވެ.
ނަމަވެސް 70 އިންސައްތަ ބިން ހިއްކައި 1 ބިލިއަން ޑޮލަރު އިންވެސްޓްކުރީމާ އެބިންކޮޅު ފްރީ ހޯލްޑް އުޞޫލުން އިންވެސްޓަރަށް ދެވިދާނެއެވެ. އެއީ ޤާނޫނު ހުއްދަކުރާ މިންވަރެވެ.
އެކަން ކުރެވޭނީވެސް މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކޮށްގެންނެވެ، މަޖިލީހަށް ހުށަހަޅާ ހިސާބުން ރައްޔިތުންނަށް ތަފްޞީލުތައް ލިބޭނެއެވެ. ވީއިރު މިއަދު ނުލިބިގެން މިއުޅެނީ ކޮންކަމެއްގެ ތަފްޞީލެއް ކަމާއިމެދުވެސް ސުވާލު އުފެދެއެވެ. ޔަޤީން ކުރެވޭ ކަމަކީ ރައްޔިތުންނަށް ތަފްޞީލު ނުލިބި އެކަން ނުކުރެވޭނެ ކަމެވެ.