ރާއްޖެއަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އަޚްލާޤީ މައްސަލަތައް ކަަމަށް އެންމެންވެސް ޤަބޫލުކުރެއެވެ. އެކަމުގެ ވާހަކަތައްވެސް ދައްކައެވެ. ކަންބޮޑުވުން ވެސް ފާޅުކުރެއެވެ. މިކަމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއްގެ ގޮތުގައި ސަރުކާރުންވެސް ޤަބޫލުކުރެއެވެ.
މައްސލައަކީ ޙައްލު ނެތް މައްސަލައެއް ނޫނެވެ. ހައްލު އޮތް މައްސަލައެކެވެ. ހައްލު ޔަޤީން ކުރެވިފައިވާ މައްސަލައެކެވެ. ނަމަވެސް ހައްލު ހޯދަން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ނުކުޅެދިފައިވާ މައްސަލައެކެވެ.
އެކަމުގެ އެންމެ ފުރިހަމަ ހެކި ފެންނަނީ ޢަރަބިއްޔާ ސްކޫލުންނެވެ. ކުރިންނަމަ މައުހަދުންނެވެ. މައުހަދާއި އަރަބިއްޔާގެ ދަރިވަރުންގެ ކިބައިން އަޚްލާޤީ އެއްވެސް މައްސަލައެއް އަދި މިހައިތަނަށްވެސް ފާހަގަކުރެވިފައި ނެތުމުންނެވެ. މިއަށްވުރެ ވަކިން ފުރިހަަމަ ހެއްކެއް ނުދެއްކޭނެއެވެ.
މައުހަދާއި އަރަބިއްޔާގައި ކިޔަވައިދެނީ އަަރަބި މީޑިއަމުން ކަމަށްވުމަކީ މިދެންނެވި ކަމުގެ ސަބަބަށް ވާކަށް ކޮންމެހެން ނުޖެހެއެވެ. ކޮންމެ ބަހަކުން ކޮންމެ މީޑިއަމަކަށް ކިޔަވައިދިން ނަމަވެސް ދަރިވަރުންނަށް އެއް އުޞޫލަކުން ތަރުބިއްޔަތު ކުރެވޭނެއެވެ. ތަރުބިއްޔަތާއި ކިޔަވައިދޭ މީޑިއަމަކީ ގުޅުން ހުރި ކަމެއް ނޫނެވެ. އެއީ މުޅިން ތަފާތު ދެކަމެކެވެ.
އިނގިރޭސި މީޑިއަމަށް ސްކޫލްތަކުގައި ކިޔަވައިދިން ނަމަވެސް އަޚްލާޤާއި ތަރުބިއްޔަތުގެ ކަންކަން ހަަމަ އަރަބިއްޔާ އާއި އެއް ގޮތަކަށް ކުރިއަށް ގެންދެވިދާނެއެެވެ. އެއީ ކުރެވެން އޮތް އަދި ކުރެވޭނެ ކަމެކެވެ.
ހަރުދަނާ ތަރުބިއްޔަތެއް ނުދެވޭނަމަ ދެވޭ ތައުލީމުގެ ބޭނުމެއް ނެތެވެ. ތައުލީމާއި ތަރުބިއްޔަތަކީ ވަކިކުރެވޭނެ ދެ އެއްޗެއް ނޫނެވެ. އެއީ ތައުލީމާއި ތަރުބިއްޔަތަކީ ގުޅިލާމެހެން ޖެހޭ އެއްޗަކަށްވާތީއެވެ.
ސަރުކާރުން ކުރިއަށް ގެންދާ "ތަރިކަ" ޕްރޮގްރާމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ވަނީ މިކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ތަރުބިއްޔަތާއި ނުލައި ތައުލީމް ދިނުމަކީ އިސްލާމީ އުޞޫލު ނޫން ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ކީރިތި ޤްރްއާނުގެ ފުރަތަމަ އާޔަތުން ފެށިގެން މިކަމުގެ ފުރިހަަމަ ހެކި ދައްކަވައިފައެވެ.
ކަންމިހެން އޮތް ނަމަވެސް ރާއްޖޭގައި އަދި މިހައިތަނަށްވެސް އިސްކަންދެވެނީ އިސްލާމީ އުޞޫލަކަށް ނޫނެވެ. އޮކްސްފޯޑް ޔުނިވަރސިޓީގެ އުޞޫލުތަކަށެވެ. އެހެންކަމުން ދަރިވަރުން ތަރުބިއްޔަތު ވަމުން މިއަންނަނީ އޮކްސްފޯޑް ޔުނިވަރސިޓީގެ ސިސްޓަމަށެވެ.
ސަރުކާރުން ފެށި ތަރިކަ ޕްރޮގްރާމް ވެސް ކާމިޔާބުކުރެވޭނީ ހަަމ އިސްލާމީ އުޞޫލުތަކަށް ޢަމަލުކޮށްގެންނެވެ. އިސްލާމީ ތަރުބިއްޔަތު ދަރިވަރުންނަށް ދީގެންނެވެ. ކޮންމެބަހަކުން ކޮންމެ މީޑިއަމަކަށް ކިޔެވި ނަމަވެސް އިސްލާމީ އަދަބު އަޚްލާޤް ކުރިއަށް ނެރެގެންނެވެ.
މިކަމަކީވެސް ވަރލްޑް ބޭންކުން ލޯނު ބޭނުންވާ ކަމެއް ނޫނެވެ. މާތްﷲއަށް ބިރުވެތިވެ މާތްﷲ އެންގެވި ގޮތްތަކަށް ޢަމަލުކުރުމުން ކުރެވެން އޮތް ކަމެކެވެ.