ލޯބިވެވުނީ "ބަންގާޅީ" އެއް ދެކެ، އެއީ ކުށެއްތަ؟

ކިޔުމަށް ހޭދަވާނީ 4މ 59ސ
ލޯބިވެވުނީ "ބަންގާޅީ" އެއް ދެކެ، އެއީ ކުށެއްތަ؟
ލޯތްބަކީ ކިހާ ވަރެއްގެ އެއްޗެއްކަން ގިނަ ބަޔަކަށް އެނގޭނެއެވެ. އެއީ ގަދަކަމުންވާ އެއްޗެއް ނޫން ކަމަށާއި ލޯބި ވެވުމުން ހިތަށާއި ސިކުނޑިއަށް ކުރާ އަސަރުތަށް ވެސް ގިނަ ބަޔަކަށް އެނގޭނެ އެވެ.

އަހަންނަކީ މާލޭގެ ދެމަފިރިއަކަށް ލިބިފައިހުރި ފަސް ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. އާއިލާގައި ދެން ތިބެނީ ތިން ބޭބެއާއި އެއް ދައްތަ އެވެ. އަހަރުމެން އެންމެންވެސް އުޅެ ބޮޑުވީ ވަރަށް ހަމަޖެހޭ ދިރިއުޅުމެއްގައެވެ. ދަތިވި އެއްވެސް ކަމެއް އަނެއްހެން ބުނަންޏާ ނެތެވެ.

އާއިލާއާއި އެކު އުޅެ ބޮޑުވި ކަމުގައި ވިޔަސް، އާއިލާގެ އެހެން މީހުންނާއި އަހަރެންގެ މިޒާޖު ވަރަށް ތަފާތުކަން އެންމެންވެސް ޤަބޫލު ކުރެއެވެ. އެކަން ޚުދު އަހަންނަށް ވެސް އެނގެއެވެ.

އަހަރެންގެ އާއިލާ މީހުންނަކީ މާގިނަ ރަޙުމަތްތެރިން ގެންގުޅޭ ބައެއް ނޫނެވެ، އެއާއި ޚިލާފަށް އަހަންނަކީ އަބަދުވެސް އެންމެންނާއި ވެސް ވާހަކަ ދައްކާ އުޅޭ މީހެކެވެ.

އަހަރެންގެ އެންމެ ދޮށީ ބޭބެ ދިރިއުޅެނީ ވަކިން ފްލެޓެއްގައި އޭނާގެ އަނބި ދަރިންނާއި އެކުއެވެ. ބޭބެ އަކީ ކެފޭ އެއް ހިންގާ މީހަކަށްވުމުން، ބޭބެއަށް އަތްގާތް ކޮށްދޭން ބިދޭސީން ގެނެސްގެން އުޅެއެވެ. އެމީހުން ތިބެނީ ވެސް ބޭބެމެން ގޭގައެވެ.

އެއްދުވަހަކު އަހަރުމެންގެ ގޭގެ މަސައްކަތެއް ކުރަން، ބައްޕަ ބުނެގެން ބޭބެ ގެންގުޅޭ ބިދޭސީއެއް ގެއަށް ފޮނުވިއެވެ. ފުރަތަމަ ފެނުން ދުވަހުވެސް، އެހެން ބަނގްލަދޭޝް މީހުންނާއި އޭނާ ތަފާތުކަން އިޙުސާސް ކުރެވުނެވެ. އެއް ކަމަކީ، އޭނާ ވަރަށް ސާފު ތާހިރެވެ. ފެން ވަރައިގެން ރީތިކޮށް ހުރި އިރު، ކުރި މަސައްކަތްތަށް ވެސް ކުރީ އެހާ ފަރުވާތެރި ކަމާއި އެކުއެވެ.

އެންމެ ބޮޑަށް އަޅައިގަތް ސިފައަކީ، އޭނާ ދީނަށް ލޯބި ކުރާ ވަރެވެ. އެމަސައްކަތުގައި އުޅުނުއިރު ޢަސްރު ނަމާދަށްބަންގި ގޮވުމުން ބައްޕަ ގާތު ބުނެލާފައި އޭނާ އަވަސްވެގަތީ ނަމާދަށް ދާށެވެ. އޭގެ ފަހުން ގެއަށް އައިސް އަހަރުމެންގެ ގޭގައި އުޅޭ ކުޑަކުދިން އެވަގުތު އައްމާފޮތް ނަގައިގެން ތިބުމުން އޭނާ އެކުދިން ކައިރިއަށް ގޮސް އެކުދިންނަށް ޤުރުޢާން ކިޔަވާ ދިނެވެ.

އޭނާގެ ކިޔެވުން ވަރަށް ރީއްޗެވެ.

އަހަރެން އޭނައަށް ބަލާކަން އަހަރެންގެ ދައްތައަށާއި ފަހަރިއަށް ފާހަގަވިއެވެ. އެމީހުން ސުވާލު ކުރުމުން އަހަރެން ދޮގެއް ނުހަދަމެވެ. އޭނަގެ ކިބައިގާ އަހަންނަށް ކަމުދާ ސިފަތަކެއް ހުރިކަމަށް އެއްބަސްވީމެވެ. ދައްތަމެން ފުރަތަމަ އެކަން މަޖަލަކަށް ނަގާ ޖޯކު ޖެހިއެވެ. ނަމަވެސް އަހަރެން މަޖާ ކުރަނީ ނޫންކަން އެނގުމުން ދައްތަމެން ބުނީ އެކަހަލަ ޙިޔާލު ނުގެންގުޅުމަށެވެ.

އޭގެ ފަހުން ތިން ދުވަސް ވަންދެން އޭނާ އަހަރުމެންގެ ގެއަށް އައެވެ. ކޮންމެ ދުވަހަކުވެސް އަހަންނަށް ވަރަށް ގިނައިން އޭނައާއި ދިމާލަށް ބެލެއެވެ. އަހަރެން އޭނާއާއި ކޮންމެވެސް ވަރަކަށް ވާހަކަވެސް ދައްކާ އުޅުނީމެވެ. ބައްޕައަށް އެމަންޒަރު ފެނިގެން، އޭނާއާއި އެހާ ވާހަކަ ނުދައްކަން ބުންޏެވެ.

މަސައްކަތް ނިމުމުން އޭނާ ދެން އަހަރުމެންގެ ގެއަކަށް ނާދެއެވެ. އެކަމާއި އަހަރެންެ ހިތް ނުތަނަވަސްވާ ގޮތް ވިއެވެ. އެެހެންކަމުން އަހަރެން ނިންމީ ބޭބެމެން ގެއަށް ކޮންމެވެސް އެއްޗެކޭ ކިޔާފައި، އޭނާ ދެކިލަން ދާށެވެ. އަހަރެންގެ އޮފީސް ކުއްޖެއް ވެސް އުޅެނީ ބޭބެމެންގެއާއި ކައިރީގައި ކަމަށްވާތީ، އެގެއަށް ގޮސްފައި ވަދެލީ ކަމަށް ހަދާފައި އަހަރެން އެއްދުވަހު ބޭބެ މެންގެއަށް ދިޔައީމެވެ. ނަސީބު ރަނގަޅުކަމުން އަހަރެން ދެކެންދިޔަ މީހާ ވެސް އެދުވަހު ގޭގައި އިނެވެ.

އެއަށްވުރެ ބޮޑަށް އުފާވީ، އެގެއަށް ދިޔުމުން އަހަރެންގެ ބޭބެ އަހަރެން އެގެއަށް ގިނައިން ދާން މަގުފަހި ކޮށްދިނުމުންނެވެ. ބޭބެގެ ދަރިފުޅަށް ޓިއުޝަން ނަގައިދޭން އަންނަން ބޭބެ ބުންޏެވެ. އުފަލުން އާނއެކޭ ބުނެ، އޭގެ ފަހުން ކޮންމެ ދުވަހަކުވެސް އެގެއަށް ދާން ފެށީމެވެ.

އެހެން އުޅުމުގެ ތެރޭގައި، ބިދޭސީމީހާ މަސައްކަތްކޮށް ނިމިގެން އަންނަ ގަޑީގައި އޭނާއާއި ވާހަކަ ދައްކާ، އޭނާއަށް ކާންވެސް ހަދާ ދިނީމެވެ. އެކަމާއި އޭނާ ވަރަށް ލަދު ގަތެވެ. އަދި ބުނީ ދުވަހަކުވެސް އެއްވެސް ދިވެއްސަކު އޭނާއާއި ދޭތެރޭ އެހާ ރަނގަޅަށް ކަންތައް ނުކުރާ ކަމަށެވެ.

އެވަގުތަކީ އާއްމުކޮށް އެގޭގައި މީހުން ނޫޅޭ ގަޑިކަމަށް ވުމާއިއެކު، އަހަރެން އޭނާ ގާތު އެދުނީ އެގަޑީގައި އަހަންނަށް މަޚްރަޖަށް ޤުރުޢާން ކިޔަވަން ދަސްކޮށް ދިނުމަށެވެ. އެއީ އަހަރެންގެ ހިތުގައި އެއްވެސް ނުބައި ނިޔަތެއް ނޮވެގެން އެދުނު ކަމެއް ނޫނެވެ. ރީތިކޮށް ޤުރުޢާން ކިޔަވަން ދަސްކުރަން ހަމަ ބޭނުން ވެގެން އެދުނު ކަމެކެވެ. އޭނާ އަހަންނަށް އުފަލާއިއެކު ކިޔަވާ ދޭން ފެށިއެވެ.

ބޭބެމެން ގެއަށް އަހަރެން ވަރަަށް ގިނައިން ދާކަން ބައްޕައަށް ފާހަގަވާން ފެށިއެވެ. އަދި ބޭބެއާއި އެވާހަކަ ދައްކާ، ބައްޕައަށް ހީވަނީ ބިދޭސީ މީހާ ކައިރިއަށް ދާން ވެގެން ދިޔައީހެން ކަމަށް ބުންޏެވެ. އެހެންކަމުން ބޭބެ ބޭނުންވީ އެކަން އަމިއްލައަށް ބަލާށެވެ.

އެއްދުވަހު އަހަރެން ބޭބެގެ ދަރިފުޅަށް ކިޔަވާދީ ނިންމާފަ، އޭނާގާތު ކިޔަވަން އިންދާ ކުއްލިއަކަށް ބޭބެ ގެއަށް އައެވެ. އަހަރެން އޭނާގާތު އިންތަން ފެނިގެން ބޭބެގެ މޫނުމަތިގެ ކުލަވަރު ބަދަލުވިއެވެ. ރުޅިގަދަ ވެފައި ހުރިކަން މޫނު މަތިން ފާޅުވާން ހުއްޓެވެ. އެކަމާ އަހަރެންވެސް އަދި އޭނަވެސް ވަރަށް ބިރު ގަތެވެ.

އޭނާގެ ކުރިމަތީގައި ބޭބެ އަހަންނާއި ދިމާލަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ހަމައެކަނި ބުނީ ގެއަށް ދާށޭއެވެ.

ގެއަށް އަހަންނަށް އާދެވުމުގެ ކުރިން އެކަބަރު އޮތީ ގެއާއި ހަމައަށް ފޯރާފައެވެ. މަންމަ ވެސް އަހަރެން ދެކެ ރުޅިއައިސްގެން ބުނީ "ރާއްޖެއިން ފިރިހެނުން ހުސްވީތަ 'ބަންގާޅީ' އެއް ފަހަތުން ތިދުވަނީ؟" މިހެންނެވެ.

އަހަންނަށް އޭނާދެކެ ލޯބިވެވިފައި ހުރިކަން އިންކާރެއް ނުކުރަމެވެ. މަންމަ ގާތުވެސް އަހަރެން ބުނީ، އޭނާގެ ކިބައިގާ އަހަންނަށް ކަމުދާ ސިފަތަކެއް ހުރިކަމަށާއި ކޮންމެ ޤައުމެއްގެ މީހެއް ކަމުގައި ވިޔަސް، އެވެސް އިންސާނެއް ކަމަށެވެ. މަންމަ މެންނަށް އެކަމެއް އަދި އަދަށް ދާންދެން ވެސް ނުވިސްނެއެވެ.

ބޭބެ އޭނާއާއި ދިމާލަށް ކީއެއްޗެއް، ހެދި ގޮތެއް ވެސް އަހަންނަކަށް ނޭނގެއެވެ. ހަމައެކަނި އެނގޭ އެއްޗަކީ އޭނާ އޭނާގެ ޤައުމަށް ފޮނުވާލި ކަމެވެ. އަހަރެންގެ ސަބަބުން އޭނާގެ ވަޒީފާ ގެއްލުނީތީ އަހަރެން އެކަމާއި ވަރަށް ބޮޑަށް ހިތާމަ ކުރަމެވެ."
މިއަދު އޮންލައިން