ގެސްޓް ހައުސް ވިޔަފާރި ރާއްޖޭގައި ފަށަން އުޅުނުއިރުވެސް ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވީ އެކަމުގެ ސަބަބުން މުޖުތަމައުއަށް ކުރާނެ ނޭދެވޭ އަސަރާއިމެދުގައެވެ. އެކަންބޮޑުވުންތަކާއިއެކުވެސް ވިޔަފާރި ފެށީއެވެ. އާމްދަނީވެސް އެބަ ލިބެއެވެ. ފައިދާވެސް ދަނީ އިތުރުވަމުންނެވެ.
ރައްޔިތުން ކަންބޮޑުވި މައްސަލަތައް ވެސް ދުވަހުން ދުވަހަށް ދަނީ ހަމަ އިތުރުވަމުންނެވެ.
ވަރަށް މަދު ރަށެއްގައި ނޫނީ ފަތުރުވެރިންނަށް ވަނީ ރިޒޯޓުތަކުން ދޭ މިނިވަންކަން ދީފައެވެ. ނަތީޖާއަކީ ރައްޔިތުން އުޅޭ ޢާންމު ސަރަހައްދުތަކުގައި ބިކިނީގައި އުޅުން ފަދަ ކަންކަން އާންމުވުމެވެ. ރައްޔިތުން މޫދަށް އެރި އުޅޭ ސަރަހައްދުތަކަށް ބިކިނީގައި މޫދަށް އެރުން ޢާންމުވުމެވެ. މުޖުތަމައުން ބޭނުން ނުވާ، އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ ގިނަ ކަންތައްތަކެއް ޢާންމުވުމެވެ.
ގެސްޓްހައުސް ޖަމިއްޔާއިން މިކަންކަމަށް ސަމާލުކަން ދެނީ ކިހައިވަރަކަށް ކަމެއް ނުއެނގެއެވެ. ގެސްޓް ހައުސްތައް ހިންގާ ފަރާތްތައް ހޭލުންތެރިކުރުވަނީ ކިހައި މިންވަރަކަށް ކަމެއްވެސް ނުއެނގެއެވެ.
ބައެއް ރަށްރަށުގައި މިފަދަ ކަންކަން ބޮޑުވެ ރައްޔިތުން ކެކި އިތުރިއަރަމުންދަނީއެވެ. ކެތްކުރެވޭނީ ވެސް ވަކިވަރަކަށެވެ. ރައްޔިތުން އަބަދަކު ތުންފިއްތައިގެނެއް ނުތިބޭނެއެވެ. މިފަދަ ކަންކަން ހުއްޓުވަން ކުރެވެން އޮތް ކޮންމެ ކަމެއް ކުރާތަން ދާދިއަވަހަށް ފެނުމަކީ ހަމަ ވަރަށް ކައިރި ކަމެކެވެ.
އެފަދަ ހާލަތެއްގައި އެންމެ ރަށެއްގައި ކުރާ ކަމަކުންވެސް އެކަމުގެ ނޭދެވޭ އަސަރު މުޅި ރާއްޖެއަށް ކުރާނެއެވެ. އެއީ ހަމަ އެކަކުވެސް ދެކެން ބޭނުންވާނެ ދުވަހެއް ނޫނެވެ. ދެކެން ބޭނުންވާނެ ހާލަތެއްވެސް ނޫނެވެ.
"އަޅުގަނޑުމެންގެ ރަށުގައި ހަމައެކަނި ބިކިނީގަ އުޅެނީއެއް ނޫން. ފުރަންގޮސް ފާލަންމަތީގަ ތިބެގެން ގެސްޓް އަންހެނުން ފިރިހެންކުދިންގެ ގައިގަ އެބަ ބައްދާ. ދިވެހިންނަކީ މަގުމަތީގައި ބައްދާ ކިސްކޮށް ހަދާ ބައެއް ނޫން. ހަމަހޭގަ ތިބޭ ދިވެހިން އެފަދަ ކަންކަމެއް ނުކުރާނެ. ނަމަވެސް އަހަރެމެންގެ ރަށުގަ މިކަންތައް މިހާރު ހައްދުފަހަނައަޅައިފި. އެ މަންޒަރު އަހަރެމެންގެ ދަރިންނަށް އެބަފެނޭ. ދެން އޮތީ ގާބުރިއެއް ހޫރާލުން." މިއީވެސް ހަމަ ރައްޔިތުންގެ ޚިޔާލެވެ.
މިއަދުނޫހާއި މައުލޫމާތު ހިއްސާކުރި ބައެއް މީހުން ބުނީ މުޖުތަމައުގެ ހައްޤުގައި ޖަލުގައި އޮންނަން އެމީހުން ފަސްނުޖެހޭ ކަމަށެވެ. ގެސްޓް ހައުސް ވިޔަފާރިއަށްވުރެ އެމީހުންނަށް މުހިންމީ ދަރިންގެ އަޚްލާޤް ކަމަށެވެ.
"އެމީހުންނަށް އެބަ އެނގޭ މިދަނީ ފުރަންކަން. އެހެންވީމާ އެމީހުން ކުރަންޖެހޭ ކަންކަން ޢާންމުންނަށް ނުފެންނަ ގޮތަށް ގެސްޓް ހައުސްގެ ކޮޓަރީގަ ކޮށް ނިންމައިގެން ނުކުންނަންވީނު. މީގަ ގޯހީ ފަތުރުވެރިންނެއް ނޫން. މިކަންކަން ބުނެދޭނެ ބައަކު ނެތީމާ މިހެން މިވަނީ. އެކަމަކު ކެތްކުރެވޭނީ ވަކިވަރަކަށް." ކަމަށްވެސް ވަނީ ބުނެފައެވެ.
މިފަދަ ކަންކަމަކީ ރަށު ކައުންސިލްތަކާއި ފުލުހުންވެސް ސަމާލުކަން އިތުރުކުރަންޖެހިފައިވާ ކަންކަން ކަމުގައި ފާހަގަކުރެވެއެވެ. މުޅި ރައްޖޭގެ ހައްޤުގައެވެ. ގެސްޓް ހައުސް ވިޔަފާރީގެ ހައްޤުގައެވެ.