މިހާރު ފެތުރެމުން މިދާ ރޯގާއިން ސަލާމަތްވުމަށް ކުރަން އަންގާ ކަންކަން ކުރަނީ މަދު މީހެކެވެ. ގިނަ ބައަކު އެކަމަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. ނަމަވެސް ރޯގާ ޖެހިގެން ހޮސްޕިޓަލަށް ދިއުމުން 2 ގަޑިއިރު ތެރޭގައި ބަލި ފަސޭހަ ނުވެއްޖެނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ޞިއްޙީ ޚިދުމަތް ދިނުން ހަމަ މުޅިން ފެއިލްވީއެވެ.
މިއަދު ހެނދުނު 7:45 ގައި ހުޅުމާލެއިން މާލެ އަންނަން ފެރީ, ފުރީ ހުރިހާ ގޮނޑިތައް ފުރި އިތުރުވާ ވަރަށް ފަސިންޖަރުން ގޮވައިގެނެވެ.، ފެރީގައި ދަތުރުކުރި ހަމަ އެންމެ ފަސިންޖަރަކުވެސް މާސްކެއް ނުއަޅައެވެ. ޖެހިބާރުވެގެން ގޮނޑިތަކުގައި ތިބި އިރު 2 މީހަކު ހަމަ "ހަބޭހަށް" ކެއްސިއެވެ.
ކެއްސި ފަސިންޖަރުންނަށް އެމީހުންގެ އަނގައިން އެއްވެސް ވައިރަސްއެއް ނުނިކުންނާނެކަން ޔަޤީންވެފައި އޮތީ ކަމަށްވެދާނެއެވެ. އަދި ކައިރީގައި ތިބި މީހުންނަށްވެސް އެމީހުންގެ ގައަށް އެއްވެސް ވައިރަސްއެއް ނުވަންނާނެ ކަމުގެ ޔަޤީންކަން އޮތީ ކަމަށްވެދާނެއެވެ.
މައްސަލައަކީ މިފަދަ ޔަޤީންކަމުގައި ތިބި މީހުންވެސް ބަލި ބޮޑުވެގެން ހޮސްޕިޓަލަށް ހިނގައްޖެނަމަ ވަގުތުން ރަނގަޅުވާންޖެހޭ ކަމެވެ. ވަގުތުން ރަނގަޅު ނުވެއްޖެނަމަ ޞިއްޙީ ނިޒާމް ފެއިލްވާ ކަމެވެ.
ކޮންމެ ސަބަބަކާއިހުރެ ނަމަވެސް ބަލިމަޑުކަމެއް ފެތުރިގެން އުޅޭއިރު އެންމެ މުހިންމީ އެކަމަކުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. ޑޮކްޓަރުން ދެއްވާ އިރްޝާދުތަކަށް ބޯލެނބުމެވެ. މާތްﷲ އަންގަވާފައިވަނީ ބަލިތަކުން ދިފާއުވުމަށް މަސައްކަތްކުރުމާއިއެކު އެކަލާނގެ ހަޟްރަތުން ވާގިއެދުމަށެވެ. މިކަންކަން ހަނދާނުގައި ބަހައްޓައިގެން ކަންކަން ކުރުން މުހިންމު ކަމަށް ފެނެއެވެ.