ބަވަނަވެފައިވާ މިދުނިޔޭގައި މޮބައިލް ފޯނަކީ އެއާނުލާ އެންމެ ނޭވާއެއްވެސް ނުލެވޭނެ އެއްޗެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
އަޅުގަނޑުމެންގެ ކާބަފައިން ބުނެފައިވާ ބަހެއްގައިވާގޮތަށް "ދުނިޔެ ކުނބުރަކަށް" ވުމަކީވެސް މުއާސަލާތީ ޚިދުމަތައް ފުޅާވެ، ކޮންމެ މީހެއްގެ އަތުގައިވެސް މޮބިލް ފޯނެއް އޮވެ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މީހަކާވެސް ވަގުތުން ގުޅާލާ، މުއާމަލާތް ކުރެވުން ކަމަށް ބެލެވެއެވެ.
ސަބަބަކީ އިހުޒަމާނުގައި އެކަކު އަނެކަކަށް ފޮނުވަމުން ގެންދިޔަ ސިޓީބިޓީތައް މިއަދު މިވަނީ މޮބިލް ފޯނުގެ ޓެސްޓް މެސެޖަށް ބަދަލުވެފައެވެ. ޢީދު ދުވަސްތަކާއި އެހެނިހެން ދުވަސްތަކުގެ ތަހުނިޔާ ފޮނުވުމަށް ދާ އޮހޮރުވައިގެން އަމިއްލަ އަތުން ކުރާ މަސައްކަތް އަނެކާއަށް ފޮނުވަމުން ދިޔަ ޒަމާން ބަދަކުވެ، މޮބައިލް ފޯނުގެ ބަޓަންތަކަށް ފިތާލުމުން އެ ހުރިހާ ކަމެއްވެސް ފުރިހަމަވާ ދުވަސް މިއޮތީ އައިސްފައެވެ.
ކޮންމެއަކަސް ދައްކަން މިއުޅެނީ ސިޓީބިޓީ ފޮނުވާ ވާހަކައެއް ނޫނެވެ. މުށަށްލެވޭވަރުގެ ކުޑަކުޑަ މޮބައިލް ފޯނުން އަޅުގަނޑުމެންނަށް ނޭނގި ނުވަތަ އެނގިތިބެގެން ނަމަވެސް ކުރެވޭ ކަމެއްގެ ވާހަކައެވެ.
އަޅުގަންޑުމެންނަށް ލިބިފައިވާ 24 ގަޑިއިރުވެސް މިހާރު ކުޑަވެ، އަދިވެސް އިތުރަށް އެތައް ގަޑިއެއް ބޭނުންވާ ވަރަށް އަޅުގަނޑުމެންގެ މަސައްކަތްތައް މިއޮންނަނީ ފުނިޖެހިފައެވެ. އެހެންކަމުން މޮބައިލް ފޯނު ޗާރޖަށް ޖަހާލާނެ ވަގުތެއްވެސް ނުވެ، ބެޓެރީ ހުސްވާ އިރުވެސް އެތައް ކަމެއް ނުކުރެވި ހުރެއެވެ.
އެހެންކަމުން ދެން މިޖެހެނީ ޗާރޖަށް ޖަހައިގެން އެ މަސައްކަތްތައް ކުރާށެވެ. އިތުރު އެއްވެސް ގޮތެއް ނެތް ކަހަލައެވެ. ފޯނު ނިއްވާލެވޭކަށް ނެތެވެ. އޮފީހުން ކޮންމެވެސް ކަމަކު ގުޅާފާނެއެވެ. ނޫނީ ކޮންމެވެސް މަސައްކަތެއްގައި މީހަކު ގުޅާފާނެއެވެ.
އެހެންނަމަވެސް ވިސްނާލާށެވެ. ތިމާ އަމިއްލައަށް 24 ގަޑި އިރު، ހުއްޓުމެއްނެތި މަސައްކަތްކޮށް ވަރުބަލިވެގެން އަރާމުކޮށްލަން ޖައްސާލާ ވަގުތު އެހެން މީހެއްގެ ފަރާތުން ނުވަތަ ބައެއްގެ ފަރާތުން އުނދަގުލެއް ކުރިމަތިވާ ނަމަ ނަފްސާނީ ގޮތުންވެސް އުނދަގޫތަކެއް ކުރިމަތިވާނެ އެހެންނޫންތޯއެވެ.
ޢާންމުގޮތެއްގައި އަޅުގަނޑުމެންނަށް އަޑުނީވުނަސް މޮބައިލް ފޯނު ޗާޖަށް ޖަހައިގެން އިނދެ، ކަންފަތުގައި ޖަހައިގެންނާއި އެހެނިހެންވެސް ގޮތްގޮތުން ބޮޑެތި ނުރައްކާތައް ކުރިމަތިވަނީ މަދެއްކޮށް ނޫނެވެ. ފޯނަށް ލިބޭ ގެއްލުމުގެ އިތުރުން ތިމާއަށް ލިބޭ ގެއްލުންވެސް ބޮޑެވެ. އޭގެ ތެރޭގައި ކަންފަތަށް ލިބޭ ގެއްލުމާއި ހަށިގަނޑާއި ފުރާނައަށް ލިބޭ ގެއްލުންވެސް ހިމެނެއެވެ.
މިގޮތުން ވަރަށް ކުޑަ ހާދިޘާއަކަށް ބަލާލާ އިރު، ޗާޖަށް ޖަހާފައި އޮތް އައިފޯނަކާ ކުޅެން ބާތު ޓަބެއްގައި އޮތް މީހަކު މަރުވި ޚަބަރަކީ ސޯޝަލް މީޑިއާގައި ވައިގާ ހިފާލި ޚަބަރެކެވެ. ޢުމުރުން 32 އަހަރުގެ ރިޗަރޑް ބުލް މަރުވެފައިވަނީ ކަރަންޓު ޖެހިގެން ކަމަށް އޭނާގެ މަރު ތަޙުޤީޤު ކުރި ފަރާތުން ވަނީ ބުނެފައެވެ.
ތަޙުޤީޤުން ހާމަވި ގޮތުގައި އޭނާ ފޯނު ބޭނުން ކުރަމުން ދިޔައީ އެކްސްޓެންޝަން ވާގަނޑަކާ ގުޅުމަށް ފަހު، މޭމަތީގައި ފޯނު ބާއްވައިގެންނެވެ. އެހެންކަމުން އެ ހާދިޘާގެ ސަބަބުން ބުލްގެ މެއިމައްޗާއި އަތް ވަރަށްބޮޑަށް ފިހިފައިވާ ކަމަށްވެސް ރިޗަރޑް ބުލް ގެ މަރުގެ ތަޙުޤީޤު ކުރި ފަރާތުން ބުންޏެވެ.
މިފަދަ ކަންކަމަކީ ރާއްޖޭގައި އަދި ވަރަށް އައު ކަންކަން ނަމަވެސް ފަހަރުގައި ހަމަދިމާވެދާނެ ކަންކަމެވެ. އެއީ އަޅުގަނޑު އިސްވެ ބުނި ސަބަބުތަކަށްޓަކައެވެ.
އެހެންވީމާ، ކުރިމަތިވެދާނެ ހިތާމަވެރި ހާދިޘާއަކަށް ދުރާލާ ރައްކާތެރިކަން ހޯދުން ބުއްދިވެރި އެހެންނޫންތޯއެވެ. " ރައްކާވެ ތިބިއްޔާ ދަތުރު " ދޮގެއްތޯއެވެ!