މިއީ އިންޑިއާ ފިރިހެނެއް، އޭނާގެ ތިން އަހަރުވީ ކައިވެނީގައި ދިމާވާ އެންމެ 'ބޮޑު' މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ރިސާރޗް ސައިންޓިސްޓަކާއި ކޮށްފައިވާ ސުވާލެކެވެ.
"އަހަރެންގެ އުމުރުން މިހާރު 30 އަހަރެވެ. އަންހެނުންގެ އުމުރުން 27 އަހަރެވެ. އަހަރުމެންގެ ކައިވެންޏަށް ތިން އަހަރު މިހާރުވެފައިވާއިރު، ދިރިއުޅުން ވަރަށް އުފާވެރިއެވެ.
ނަމަވެސް އަހަރެންގެ އަންހެނުންނަށް މައްސަރު ކަންތައް ޖެހޭ ދުވަސް ކޮޅަކީ، އަަހަރެންގެ ސިކުނޑި ހަމަ ސުމަކަށްދާ ދުވަސްކޮޅެކެވެ. އަންހެނުންނަށްވާ ގޮތެއްވެސް، އަދި އެކަންތައް ރަނގަޅު ކުރަން ކުރާނެ ކަމެއްވެސް ނޭނގެއެވެ.
މައްސަރު ކަންތައް ޖެހުމުން އަންހެނުންނަށް 'މޫޑް ސްވިންގްސް' އަންނާނެކަން އަހަންނަށް އެނގެއެވެ. ނަމަވެސް މިވަރެއް ނުދެކެމެވެ. އެދުވަސްކޮޅު އަހަރެންގެ އަންހެނުން ވަރަށް ރުޅިގަދައެވެ. އަަހަރެން އަތުން އެއްޗެއް ވެއްޓުންފަދަ ކުޑަ ކަމެއް ވިޔަސް ވަރަށް އެއްޗެހި ގޮވައެވެ. ނިދީގައި އޮވެ އޭނާގައިގާ ޖެހުނަސް އެހާ ރުޅި އާދެއެވެ. އަހަންނަށް ނޭވާލެވޭ ގޮތަކުން ވެސް އޭނާ ރުޅިއަތުވެދާނެހެން ހީވެއެވެ.
ރުޅިއައުމުގެ އިތުރުން އެހާ ފަސޭހައިން އޭނާ ދެރަވެސް ވެއެވެ. އެއްޗެއް ގަނެދޭން ބުނުމުން، އޭތި ނެތިގެން އެކަހަލަ އެހެން އެއްޗެއް ގެންގޮސްދިނަސް ފުރަތަމަ ރުޅިއައިސް ދެން ފަށަނީ ރޯށެވެ. އެވަގުތު އަހަރެން ހުންނަން ޖެހެނީ ވާނުވާ ނޭގިފައެވެ.
މިކަމަށް ޙައްލެއް އަހަރެން ބޭނުމެވެ. މައްސަރު ކަންތައް ޖެހުމުން އަންހެނުންނަށް އެހެންވާ ސަބަބު އެނގި ވިސްނެން ބޭނުމެވެ. ހުރިހާ އަންހެނުންވެސް މައްސަރު ކަންތައް ޖެހޭ ދުވަސްކޮޅު ނަފްސާނީ ގޮތުން ބަލިކަށި ބަޔަކަށް ވޭހެއްޔެވެ؟"
އޭނާގެ މިސުވާލަށް ޔޯދޯސްތު ޑޮޓް ކޮމް ގެ ރިސާރޗު ސައިންޓިސްޓު އައިޝްވަރްޔާ ސަތުޔަނާރާޔަން، ޖަވާބު ދެމުން ބުނީ ކައިވެނި ދަމަހައްޓަން އެފިރިހެން މީހާ މަސައްކަތް ކުރާތީ އެކަމަށް ސަނާ ކިޔާ ކަމަށެވެ.
ސައިންޓިސްޓު ބުނި ގޮތުގައި އަންހެނުންނަށް މައްސަރުކަންތައް ޖެހޭ ދުވަސްކޮޅު މިފަދައިން އިމޯޝަނަލް ވުމަކީ އާއްމުކަމެއް ކަމަށާއި ނަމަވެސް އެއީ ހުރިހާ އަންހެނުންނަށް ދިމާވާ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް މާބޮޑަށް ރުޅިގަދަވެ އެހާ ފަސޭހައިން ހިތުގައި ޖެހުމަކީ މޫޑް ސްވިންގްސް ގެ އެންމެ ގަދަ މިންވަރު ކަމަށް އޭނާ ބުންޏެވެ. އެހެން ކަމުން އަންހެން މީހާ ރަނގަޅަށް ހުންނަ ދުވަސްކޮޅު، ރީތިކޮށް އޭނާއާއި ވާހަކަ ދައްކާ، އޭނާ އެވަރަށް ފިކުރުކޮށް ވިސްނަނީ ކޮންކަމެއްތޯ އަހާ އޮޅުން ފިލުވުމަށްފަހު އެކަންތައްތައް ޙައްލު ކުރުމަށް އައިޝްވަރްޔާ ސަތުޔަނާރާޔަން ނަސެޙަތްތެރިވިއެވެ.
މީގެ އިތުރުން ކުރެވިދާނެ އަނެއްކަމަކީ އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް ދައްކާ، އަނބިމީހާއަށް ވާގޮތް ކިޔާދީ ޑޮކްޓަރުގެ އިރުޝާދު ހޯދާލުން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ތެރަޕީ ނަގަން އަންހެނުން ފޮނުވުމަކީ ވެސް މިކަމަށް އޮތް ވަރަށް ރަނގަޅު ހައްލެއް ކަމަށް އޭނާ ބުންޏެވެ.