ދަރިން ފޫހިފިލުވާ ދެވޭނީ ހަމައެކަނި ފޯނާއި އެއްޗެހި ދީގެންތަ؟

ކިޔުމަށް ހޭދަވާނީ 2މ 3ސ
ދަރިން ފޫހިފިލުވާ ދެވޭނީ ހަމައެކަނި ފޯނާއި އެއްޗެހި ދީގެންތަ؟
ގޭގައި ގިނައިރު ތިބުމުން، ބޮޑެތި މީހުންނެކޭ އެއްފަދައިން ކުޑަކުދިންވެސް ފޫހިވާނެއެވެ.

ކުޑަ ކުދިން ފޫހިވުމުން އާއްމުގޮތެއްގައި އެކުދިން ފޫހި ފިލުވާދޭން މިހާރު ކުރެވޭ ކަމަކީ ފޯނެއް ނުވަތަ ޓެބްލެޓެއް ފަދަ އެއްޗެއް ގަނެދިނުމެވެ. އެކުދިން ކާޓޫން ފަދަ އެއްޗެހި ބަލަން ނުވަތަ ގޭމް ކުޅުމަށެވެ. ނަމަވެސް އެންމެ ބޮޑު ސަބަބަކީ އެކުދިން ސަކަރާތް ޖެހިޔަ ނުދީ މަޑުން ބޭތިއްބުމެވެ.

މިކަން ކުރުމުގެ ސަބަބުން ދަރިން މަޑުން ތިބި ކަމުގައިވިޔަސް، އެކުދިންނަށް ލިބޭ ގެއްލުންމާ ބޮޑެވެ. ސިއްޙީ ގޮތުން ބަލާނަމަ ލޯހަލާކުވުން ފަދަ ކަންކަން ވުމުގެ އިތުރުން، ނަފްސާނީ ގޮތުން ވެސް ގެއްލުން ލިބެއެވެ. އަދި މީގެ އިތުރުން ކުދިންގެ އުޅުމަށް ވަރަށް ބޮޑު ބަދަލެއް އައިސް އުމުރަށްވުރެ ދޮށިކޮށް އުޅެންވެސް ފަށައެވެ.

ދަރިން ފޫހިފިލުވާ ދެވޭނެ ފައިދާހުރި އަދި ޚަރަދުވެސް ކުޑަ ގޮތްތައް ހުރެއެވެ.

ކުޑަކުދިންނަކީ ތަފާތު އެކިއެކި ގޭމް ނުވަތަ ކުޅިވަރު ކުޅޭ ހިތްވާނެ ބައެކެވެ. އެގޮތުން ކުޅެވިދާނެ ބައެއް ގޭމްތަކޔގެ ތެރޭގައި ޕަޒްލްސް ހެދުން ވެސް ހިމެނެއެވެ. ޕަޒްލްސް ކުޅުމުން ދަރިންގެ ސިކުނޑި ތަނަވަސް ވެސް ވާނެއެވެ. ޕަޒްލްސް ހަދަން ފޫހިވާ ކުދިންނަމަ، ކުރެހުމެއް ކުރަހާލުން ނުވަތަ އެކުދިންގެ އަމިއްލަ ޙިޔާލަށް ޕެއިންޓިންގެއް ހަދާލުމަކީ ވެސް ކުރެވޭނެ ފައިދާހުރި މަޖާ ކަމެކެވެ.

އެކި ކުދިންގެ ހުންނާނީ އެކި މިޒާޖެވެ. އެއްބައި ކުދިން އިންތާ އިނދެ ފޫހި ފިލުވަން ކަންތައް ކުރަން ބޭނުންވާއިރު އަނެއްބައި ކުދިން ބޭނުންވާނީ ތަންކޮޅެއް ހަލަބޮލިވެގެން އުޅޭށެވެ. އެފަދަ ކުދިންނަށް ކުޅިވަރެއްގެ ގޮތުގައި ބޭރު ތެރޭގައިވެސް ބައެއް ކުޅިވަރު ކުޅެވިދާނެއެވެ. މިސާލަކަށް ކޮރާ، ފައިގަ ތަޅާ ފަދަ ކުޅިވަރު ހިމެނެއެވެ. ބޭރަށް ގެންގޮސްދޭނެ މީހެއް ނެތި އެކުދިން އެކަނި ގޭގައި ތިބެން ޖެހޭނަމަ، ތަމްސީލް ކުޅުން ނުވަތަ އަމާޒު ކުރަން ދަސްކުރަން ވެގެން ފާރުގައި އެއްޗެއް ތަތްކޮށްފައި އޭގައި ސްޕޮންޖެއް އެއްލައި ޖެހޭތޯ މަސައްކަތް ކުރުން ފަދަ ގޭމްތަށް ހިމެނެއެވެ.

މީގެ އިތުރުން ބްލޮކްސް ކުޅުމާއި ފޮތިގަނޑެއްގައި ވޫލުން ވިޔަސް އެއްޗެއް ފެހުން ނުވަތަ ވިޔުން ފަދަ ކަންކަންވެސް އެކުދިންނަށް ކުރަން ދެވިދާނެއެވެ.

ފިލާވަޅުތައް ހަދާ ދަސްކޮށް ނިމުމުން، ފޫހި ފިލުވާލުމަށް މިއީ ހަމަ ހައްތަހާވެސް ކުރެވިދާނެ މަޖާ ކަންތައްތަކެވެ. ވީއިރު އެކުދިން އަތަށް ފޯނާއި އެއްޗެހި ދީގެން އެކުދިންގެ "ތުއްތު އުމުރު" ގެއްލުވާލަންވީ ކީއްކުރަން ހެއްޔެވެ؟



މިއަދު އޮންލައިން