ރާއްޖޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ H1N1 އާގުޅިގެންނާއި މިޑް ޓަރމްގެ ސްކޫލު ބަންދަށްފަހު ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން މިއަދު މިވަނީ އަލުން ފަށާފައެވެ.
ބެލެނިވެރިންނާއި ޢާންމު ރައްޔިތުންގެ ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރިނަމަވެސް ތަޢުލީމާއިބެހޭ ވުޒާރާއިން މިދިޔަ ހަފުތާގައި ނިންމެވީ މިއަދުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ފެށުމަށެވެ.
ކޮންމެއަކަސް H1N1 ރޯގާއިން ރައްކާތެރުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް ބަންދުކުރުމަށް ފަހު، އަލުން މިއަދު ސްކޫލުތަކުގެ ކިޔެވުން ފެށި އިރު، ރާއްޖޭގެ ގިނަ ސްކޫލުތަކުން ފެނިގެން ގޮސްފައިވަނީ ވަރަށް މަދު ދަރިވަރުން ކޮޅެކެވެ.
ތަޢުލީމާއިބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ނިންމުން ނިންމީ 10 ދުވަހުގެ ތެރޭގައި ރޯގާ ފެތުރެމުން ދިޔަވަރާ އިޖްތިމާޢީ ޙާލަތަށް ބެލުމަށް ފަހު ކަމަށެވެ.
މިއީ ހަމައެކަނި ފުރަމާލޭގެ ސްކޫލުތަކުން ފެނުނު މަންޒަރެއް ނޫނެވެ. އަތޮޅުތެރޭގެ ގިނަ ސްކޫލުތަކުގައިވެސް މިކަން ހުރީ މި ބީދައިންނެވެ.
ބ. އަތޮޅުން ވާހަކަދެއްކި ބެލެނިވެރިއަކު ނަން ނުޖެހުމަށް ޝަރުޠުކޮށް މިއަދުނޫހަށް މަޢުލޫމާތުދެމުން ބުނީ " ރޯގާ މިހާބާރަށް ފެތެރެމުންދާ އިރު، އޭނާގެ ދަރުފުޅު ސްކޫލަށް ފޮނުވަން ބޭނުން ނޫން" ކަމަށެވެ.
މީގެ އިތުރުން މާލޭގެ ބައެއް ޕްރީ ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށްފައިވާ އިރު، މާލޭގެ ބޮޑެތި ބައެއް ސްކޫލުތަކުންވެސް މިއަދު ފެނިފައިވަނީ މަދު ދަރިވަރުން ކޮޅެކެވެ.
ގިނަ ބެލެނިވެރިން އެމީހުންގެ ދަރީން ސްކޫލަށް ނުފޮނުވާނެ ކަމަށް ބުނަމުން އަންނަ އިރު، ރޯގާއާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ޑޮކްޓަރުންނާ ހިއްސާކުރުމުން ކުދިން ސްކޫލަށް ފޮނުވުން ރައްކާތެރި ނޫން ކަމަށް ޑޮކްޓަރުން މައުލޫމާތުދެއްވާ ކަމަށްވެސް ބައެއް ބެލެނިވެރިން ދަނީ ބުނަމުންނެވެ.
ބައެއް ކްލާސްތަކުގައި 6 ނުވަތަ 8 ދަރިވަރުން ސްކޫލަށް ޙާޟިރުވި އިރު، އަނެއްބައި ކްލާސްތަކަށް އެ ޢަދަދުވެސް ހަމަނުވާކަމަށް މާލޭގެ ސްކޫލެއްގެ ޓީޗަރަކު ވަނީ މިއަދުނޫހަށް މަޢުލޫމާތުދީފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ޢާންމުކުރި ރޯގާގެ ތަފާސްހިސާބުގައިވާގޮތުން މިހާތަނަށް އެޗްވަންއެންވަންއަށް 501 މީހުން ވަނީ ޓެސްޓްކޮށްފައެވެ. އަދި 185 މީހަކު ޕޮޒިޓިވްވެފައިވާ އިރު، 31 މީހަކަށް އެނދުމަތިކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.
މީގެ އިތުރުން H1N1 ޖެހިގެން މިހާތަނަށް ވަނީ 3 ދިވެއްސަކާއި ބިދޭސީއަކު ނިޔާވެފައެވެ.