މިހާރު މީޑިއާގައި އެންމެ ހިނގާ އެއްވާހަކައަކީ ވިލާ ކުންފުންޏަށް ދީފައިވާ ރަށްތަކަކާ ފަޅުތަކެއްގެ މައްސަލަ ހައިކޯޓުން ދައުލާތާ އެއްކޮޅަށް ނިންމުމުން މީރާއިން ވިލާގެ އެކައުންޓްތައް ފްރީޒްކޮށް ދައުލަތުގެ އިދާރާތަކުން ވިލާއަށް ދެމުންއައި ޚިދުމަތްތައް މެދުކަނޑާލައި ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއްކުންފުނި ހިންގުން ހުއްޓުމަކަށްގެނައިވާހަކައެވެ.
މި ޚަބަރު ރާއްޖޭގެ މީޑިއާއިން ރިޕޯޓުކޮށްފައިވަނީ ތަފާތު އެންގަލްތަކުންނެވެ. އަދި މައްސަލައިގެ ޙަޤީގަތް އޮޅޭފަދަ ގޮތަކަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރަމުންދާކަމަށް ވިލާގެ އޮފިޝަލެއް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި ރިޕޯޓުގެ މަޤްޞަދަކީ މި މައްސަލައިގެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ކަމުގެ ޙަޤީޤަތް އޮޅުން ފިލުވައި ދިނުމެވެ.
1) ވިލާއިން ދައުލަތާ ދެކޮޅަށް ދަޢުވާ ކުރީ ކީއްވެ؟
ދިވެހި ދައުލަތާ، ޖުމްހޫރި ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ މަޞްލަހަތު އޮންނަ ކުންފުނި ތަކެއް ކަމަށްވާ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީއާ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްއާ ވިލާ ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑާ މާނެންފުށި ޕްރައިވެޓް ލިމިޓެޑާ ގަޒީރާ ޕްރައިވެޓް ލިމިޓެޑާއެކު ރިސޯޓް ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަތަކާ ފަޅުތަކެއްގެ އެއްބަސްވުންތައް ބާޠިލު ކޮށް2015 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި އެކުންފުނި ތަކަށް މިނިސްޓްރީ އޮފް ޓޫރިޒަމުން އެންގިއެވެ. މި ކަން ހިނގާފައިވާނީ އަހްމަދު އަދީބު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރުއެވެ. އަދި ޤާސިމް އިބްރާހިމް އެމް.ޑީ.ޕީ ގެ ޖަލްސާއެއްގައި ބައިވެރިވެ ވާހަކަ ދެއްކުމުގެ ގަޑިއެއްހާއިރު ކުރިންނެވެ.
ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުންތައްބާޠިލުކުރުމަށްފަހު އެއްބަސްވުންތަކުގެ ދަށުން ހިނގާ ކުއްޔާ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭކަން ކުރިން އެނގިފައިނުވާ ޢަދަދު ތަކެއް ދެއްކުމަށް މީރާ މެދުވެރިކޮށް އެންގިއެވެ. އަދި އެދުވަސްވަރު މީރާއިން ފައިސާ ހޯދުމަށްކަމަށްބުނެ ވިލާ ޝިޕިންގ ގެ އެކައުންޓުތައް ހިފަހައްޓައި ކުންފުނި ހުއްޓުމަކަށް ގެނެސްފައިވެއެވެ.
2) ރިސޯޓް ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާ ފަޅުތައް ވިލާގެ ކުންފުނި ތަކަށް ލިބުނީ ކިހިނެއް؟
ޓޫރިސްޓް ރިސޯޓު ތަރައްޤީ ކުރުމަށް ދޫކުރި ރ. މާނެންފުއްޓާ، ގދ. ގަޒީރާ އަދި ތ. އެލާއާއި އަދި ސިޓީ ހޮޓާ ތަރައްޤީ ކުރުމަށް ދޫކުރި ލ. ކައްދޫ ބިމާއި ހދ. ހަނިމާދޫގެ ބިން ފުރަތަމަ ލިބިފައިވަނީ ވިލާއިން ދައުލަތާ ދެކޮޅަށް ދަޢުވާ ކުރާ މައްސަލަތަކުގައި ހިމެނޭ ވިލާގެ ކުންފުނި ތަކަކަށް ނޫނެވެ. އެ ތަންތަން ލިބުނު ފަރާތްތަކުން ވިލާގެ ކުންފުނިތަކަށް އެތަންތަން ވިއްކާލައި ބަދަލުކޮށްފައިވަނީ އެފަރާތްތަކުން އަމިއްލައަށް އެތަންތަން ތަރައްޤީ ކުރަން ބޭނުން ނުވާތީއެވެ. އެހެންކަމުން، އެތަންތަންނަކީ އަޞްލު ދައުލަތުން ވިލާގެ ކުންފުނިތަކަށް ދިންތަންތަނެއް ނޫނެވެ. މި މުއާމަލާތްތަކާ ގުޅިގެން ވިލާއިން ވަނީ އެތަންތަން ގަތުމަށާއި އެޑްވާންސް ރެންޓުގެ ގޮތުގައާއި އެކުއިޒިޝަން ފީގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ދައުލަތައް ދައްކާފައެވެ.
3) ލ. ކައްދޫއިން ދޫކުރި ބިމާގުޅިގެން ދައުލަތުން ފައިސާ ދައްކަން ޖެހުން!
ލ. ކައްދޫ އިން ޓޫރިސްޓް ހޮޓާއެޅުމަށް ދޫކުރެވުނު ބިމާ ގުޅިގެން ކުރެވުނު ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމާ މިނިސްޓްރީ އޮފް ޓޫރިޒަމްއިން ޚިލާފުވެފައިވާތީ 2010 ގައި ކޯޓަށް ހުށަހެޅުނު މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 9.7 (ނަވައެއް ޕޮއިންޓް ހަތެއް) މިލިއަން އެމެރިކާ ޑޮލަރު އެބިމުގެ އޭރުގެ ލީސް ހޯލްޑަރަށް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމް ކުރެއްވިއެވެ. އަދިއެ ޙުކުމަށް ތާއީދުކޮށް 2013 ވަނަ އަހަރުގެ ނޮވެމްބަރ މަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންހުކްމް ކުރެއްވިއެވެ. ޝަރުޢީ އެންމެ މަތީމަރުޙަލާއިން މި ޙުކުމްކުރެއްވި ދުވަސްވަރަކީ ދައުލަތުގެ ބަޖެޓުގެ ތާށިކަން ބޮޑު ދުވަސްވަރެއް ކަމަށްވާތީ ދައުލަތައް މަޖުބޫރުވީ މައްސަލަ ހުށަހެޅި ފަރާތާއެކު ވާހަކަ ދައްކައިގެން ދައުލަތުން ދައްކަންއޮތް ފައިސާގެ ކަންތައް ޙައްލުކުރުމަށެވެ.
ލ. ކައްދޫއިން ޓޫރިސްޓް ހޮޓާއެޅުމަށް ދޫކުރެވުނުބިން އޭރު އޮތް އދ. ފެންފުށި ފިނިވާގެ ޢަލީ އިބްރާހީމްއަށް ދަޢުލަތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހުނު 9.7 (ނަވައެއް ޕޮއިންޓް ހަތެއް) މިލިއަން ޑޮލަރު ނަގުދު ނަޤުދު ފައިސާއިން ދެއްކެން ނެތުމާއި ގުޅިގެން އަލީ އިބްރާހިމާއި އެކު ކުރެވުނު މަޝްވަރާތަކުގައި، އެފައިސާވިލާއާ ގުޅުންހުރި އެކިރަށްރަށާއި ތަންތަނާ ގުޅިގެން ސަރުކާރަށް މުސްތަގުބަލުގައި ދައްކަންޖެހޭ ލީސް ރެންޓާއި، ޓީ.ޖީ.އެސް.ޓީ. އާއި ބެޑް ޓެކްސްފަދަ ފައިސާއިން އަޅާކަނޑައި ޚަލާޞް ކުރާގޮތަށް ހަމަޖައްސާ ސަރުކާރަށް ވަރަށްބޮޑު ލުޔެއް ދީފައިވެއެވެ.
އަދި ދައުލަތާ ދެކޮޅަށް ޢަލީ އިބްރާހީމް ހުށަހެޅި ފަދަ އެހެން މައްސަލަތަކެއް ކޯޓްތަކަށް ހުށަހެޅި ހިނގަމުން ދާތީ އެ މައްސަލަތައް ދައުލަތާ ދެކޮޅަށް ނިމުމުގެ ފުރުޞަތު ބޮޑުކަމުން، ސަރުކާރުން ނިންމީ މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކާ ވާހަކަ ދައްކައިގެން ކޯޓުން ބޭރުގައި މައްސަލަތައް ޙައްލު ކުރުމަށެވެ. މިގޮތުން، މައްސަލަ ޙައްލުކުރަން "ސެޓްލްމަންޓް އެގްރީމެންޓް" ހެދި ފަރާތްތަކުގެ ތެރޭގައި ރ. މާނެންފުއްޓާ، ގދ. ގަޒީރާ އާއި އަދި ސިޓީ ހޮޓާ ތަރައްޤީ ކުރުމަށް ދޫކުރި ލ. ކައްދޫ ބިމާއި ހދ. ހަނިމާދޫގެ ބިން އޭރުއޮތް ފަރާތްތައް ހިމެނެއެވެ. ކޯޓުން ބޭރުން މައްސަލަ ޙައްލު ކުރުމަށްޓަކައި މިފަދަ "ސެޓްލްމަންޓް އެގްރީމެންޓް" ތައް ހެދީ ހަމައެކަނި ވިލާގެ ކުންފުނިތަކާ އެކަންޏެއް ނޫނެވެ. ޔޮޓް ޓުއަރސް އާއި އަދި އޭޑީކޭ އާއެކު ވެސް މިފަދަ އެއްބަސްވުންތަކެއް ވަނީ ހެދިފައެވެ. އެހެންކަމުން، މިނިސްޓްރީ އޮފް ޓޫރިމުން ހަމައެކަނި ވިލާގެ ކުންފުނިތަކަށް ލުއިގޮތެއް ހަދާދީފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ޙަޤީޤަތް އޮޅޭގޮތަށެވެ.
ސެޓްލްމަންޓް އެގްރީމެންޓުގައި ހިމެނޭ މުހިއްމު ނުކުތާތަކުގެ ތެރޭގައި، އެއްބަސްވުމުގައި ހިމެނޭ ބިމާ ގުޅިގެން ދައުލަތާ ދެކޮޅަށް އިތުރު ދަޢުވާއެއް ނުކުރާނެ ކަމަށް އެއްބަސްވުން ހަދާފައިވާ ފަރާތްތަކުން އިޤްރާރުވެފައިވެއެވެ. އަދި އޭގެ މުޤާބިލެއްގެ ގޮތުންކުއްޔަށްދޭ މުއްދަތު އިތުރު ކުރުމާއި ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކުރުން ފަދަ ލުއިތަކެއް ދިނމުމަށް ދައުލަތުން އެއްބަސްވެފައިވެއެވެ. ކުއްޔަށް ދޫކޮށްފައިވާ ތަނާގުޅިގެން ދައްކަންޖެހޭ ކުލި ދައްކަންޖެހޭނީ ކޮންސްޓްރަކްޝަން ޕީރިއަޑްގެ ގޮތުގައި ދީފައިވާ މުއްދަތު ނިމޭ ތާރީޚުން ފެށިގެން ނުވަތަ ރިސޯރޓް ހަދައި ހިންގަންފެށުމުން ކަމަށް ކަމަށް އެއްބަސްވުމުގައި ބުނެފައިވާތީ އިސްވެ ބުނެވުނު ވިލާގެ ކުންފުނިތަކަށް ކުއްޔަށްދެވުނު ތަންތަނުގެ ތެރެއިން އެންމެ އަވަހަށް ކުލި ދައްކަން ޖެހޭ ތަނަށްވެސް ކުލި ދައްކަންޖެނީ 12 ޑިސެމްބަރ 2018 ގައި ނުވަތަ އޭގެކުރިން ރިސޯރޓް ހަދައި ހިންގަން ފަށައިފިނަމަ އެތާރީޚަކުން ފެށިގެން ކަމަށް ދައުލަތާއި އެފަރާތްތަކާއި ދެމެދު އެއްބަސްވެފައިވެއެވެ.
އެހެންކަމުން، މިރާ މެދުވެރިކޮށް ކުއްޔާ ޖޫރިމަނާ ދެއްކުމަށް އަންގާފައިވަނީ ދައުލަތުން އެއްބަސްވެފައިވާ ގޮތާ މުޅީން ޚިލާފަށެވެ.
4) ވިލާއިން 2015 ގައި ދައުލަތާ ދެކޮޅަށް ކުރި ދައުވާތައް ނިމުނީ ކިހިނެއް؟
ޓޫރިސްޓް ރިސޯޓު ތަރައްޤީ ކުރުމަށް ދޫކުރި ރ. މާނެންފުއްޓާ، ގދ. ގަޒީރާ އަދި ތ. އެލާއާއި އަދި ސިޓީ ހޮޓާ ތަރައްޤީ ކުރުމަށް ދޫކުރި ލ. ކައްދޫ ބިމާއި ހދ. ހަނިމާދޫގެ ބިމުގެ (ސިޓީ ހޮޓާ ތަރައްޤީ ކުރުމަށް ދީފައި އޮތް ބިން ސަރުކާރަށް ބޭނުންވެގެން ނަގައި ސަރުކާރުން އެދިގެން ފަޅު ތަކެއް ހަމަޖައްސާފައި) މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ ވިލާގެ ކުންފުނިތަކާ އެއްކޮޅަށެވެ. އަދި ކުއްޔަށްދިން އެއްބަސްވުން ބާޠިލުކޮށް 2015 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ވިލާގެ ކުންފުނި ތަކަށް އެންގި އެންގުންތަކަކީ ބާޠިލު އެންގުންތަކެއް ކަމަށާއި ކުއްޔަށް ދިނުމުގެ އެއްބަސްވުން ދަމަހައްޓަން ސިވިލް ކޯޓުން ވަނީ ޙުކުމް ކުރައްވާފައެވެ.
މި މައްސަލަތައް ސިވިލްކޯޓުން ނިމުމުން މީރާ މެދުވެރިކޮށް ލީސް އެގްރީމެންޓުގެ ދަށުން ހިނގާ ކުއްޔާ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭކަމަށް އަންގާފައިވާ ފައިސާ ހޯދުމަށް ދައުލަތުން 2015 ވަނަ އަހަރު ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުމަކަށްގެނެސް، އޭރު އަޅާފައިވާ ފިޔަވަޅުތައް މަޑުޖައްސާލިއެވެ.
ވިލާ ކުންފުނިތަކާ އެއްކޮޅަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމްތައް ދައުލަތުން ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފު ކޮށްފައެވެ.
5) ހައިކޯޓު މަރުޙަލާ
ހައިކޯޓުގައި ދައުލަތުން އިސްތިޢުނާފުކުރި މައްސަލަތަކުގެ ތެރެއިން ވިލާ ހޮޓެލްސް އެންޑް ރިސޯރޓްސް އަށް ރައްދުވާ މައްސަލަ 29 ނޮވެމްބަރ 2016 ގައި ސިވިލްކޯޓުގެ ހުކުމް ބާޠިލް ކުރައްވާ ނިންމެވުމުން ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގައި އިސްތިޢުނާފުކުރުމުގެ ހުއްދައަށް އެދިވަނީ ހުށައަޅާފައެވެ. އަދި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީއަށް ރައްދުވާމައްސަލަ ކުއްލިގޮތަކަށް މިދިޔަ ހަފްތާގެ ތެރޭގައި (21 މާޗް 2017) ގައި ސިވިލް ކޯޓުގެ ޙުކުމް ބާޠިލް ކުރައްވާ ހައިކޯޓުން ނިންމެވުމުން އެމައްސަލަވެސް ވަނީ އިސްތިޢުނާފު ކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް ހުށައެޅިފައެވެ. ހައިކޯޓުން ސިވިލްކޯޓުގެ ހުކުމް ބާޠިލް ކުރުމުގެ ނަތީޖާއަކީ އެއްބަސްވުންތައް ބާޠިލު ކޮށް 2015 ވަނަ އަހަރުގެ ފެބްރުވަރީ މަހު ތެރޭގައި އަހްމަދު އަދީބު ޓޫރިޒަމް މިނިސްޓަރު ކަމުގައއެންގި އެންގުން ތަކަކީ ރަނގަޅު އެންގުން ތަކެއް ކަމުގައި އަލުން ކަނޑައެޅިގެން ދިއުމެވެ.
ކަންދިމާކުރިގޮތުން މި ދުވަސްވަރަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހެޅިފައިވާ ދަނޑިވަޅެކެވެ. މި މައްސަލައިގައި ވިލާގެ ޗެއަރމަންކަންވެސް ކުރައްވާ ޖުމްހޫރި ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވަނީ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ފަރާތްތަކަށް ތާއީދު ކުރާކަމާއި އެފަރާތްތަކަށް މަދަދުވެރިވާނޭކަން ހާމަ ކުރައްވާފައެވެ.
މި ދަނޑިވަޅުގައި ހަމައެކަނި ވިލާ ޝީޕިންގއަށް ރައްދުވާ މައްސަލަ ނިންމެވުމުމަކީ ވަރަށްގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދޭނޭ ކަމެކެވެ. އެހެނީ، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީއަކީ ވިލާ ގްރޫޕުގެ މައި ކުންފުނި ކަމަށްވެފައި މީރާ މެދުވެރިކޮށް މީގެ ކުރީންވެސް ވިލާ ޝިޕިންގގެ ވިޔަފާރި އަށް ހުރަސް އެޅޭނޭހެން ޢަމަލުކުރުމުން ވިލާ ޝިޕިންގ ގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީއެވެ.
މި މައްސަލަ ތަކުގައި މީރާއިން ޢަމަލު ކުރަނީ ރަނގަޅަށްތަ؟
ރިސޯޓް ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަތަކާ ފަޅުތައް ތަރައްޤީ ކުރުމަށްމިނިސްޓްރީ އޮފް ޓޫރިޒަމްއާ ވިލާގެ ކުންފުނިތަކާއެކު ކުރި އެއްބަސްވުންތައް ބާޠިލުކޮށް 2015 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ވިލާގެ ކުންފުނި ތަކަށް އެންގުމުން، މީރާއިން ވަނީ އެ ކުންފުނިތަކުން ކުއްޔާއި ޖޫރިމަނާއަދި އިންޓްރެސްޓްގެ ގޮތުގައި ބޮޑެތި ޢަދަދުތަކެއް ދައްކަން ޖެހޭނެކަމަށް އަންގައި އެންފޯސްމަންޓް ޕޮލިސީގެ ދަށުން ބޭންކް އެކައުންޓްތައް ފްރީޒްކޮށް ދައުލަތުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ދިނުން ހުއްޓުވާފައެވެ.
ކުއްޔާއި ޖޫރިމަނާއަދި އިންޓްރެސްޓްގެ ގޮތުގައި ދައްކަން ޖެހޭނެކަމަށް އަންގައިފައިވާ ޢަދަދު ތަކަކީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭނެ ފައިސާއެއް ނޫންކަމަށާއި އަދި އެއީ އެއްބަސްވުންތަކާ ޚިލާފަށް ހިސާބުކޮށްފައިވާ ޢަދަދުތަކެއްކަމަށް ވިލާގެ ކުންފުނިތަކުން މީރާއަށް އެންގުމުން މީރާއިން އެކަމަށް ދިނީ ފިނިޖަވާބެކެވެ. އެގޮތުން، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ އަދި އިންޓްރެސްޓްގެ ޢަދަދުތައް ކަނޑައެޅުމުގެ ބާރު ޤާނޫނީ ގޮތުން އެ އޮތޯރިޓީއަށް ލިބިގެން ނުވާކަމަށްބުނެ ޒިންމާއިން ބަރީޢަވާން މީރާއިން މަސައްކަތް ކޮށްފައިވެއެވެ.
މީރާއަށް ލިބިފައިވާ ބާރުތައް ބޭނުން ކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކުގެ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެކަމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ކަޅާ ހުދުން ލިޔެފައި އޮތުމުން، ވިލާގެ ކުންފުނި ތަކުން ދައްކަން ޖެހޭކަމަށް މީރާއިން އަންގާ ޢަދަދުތައް ހިސާބުކޮށްފައިވަނީ ރަނގަޅަށްތޯ ބެލުމަކީ މީރާގެ ޒިންމާއެކެވެ. އަދި މީރާގެ ނޯޓިސް ރައްދުވާ ފަރާތުން އެ ޢަދަދުތަކަށް ކަނޑައެޅިގެން އިންކާރު ކުރާ ޙާލަތުގައި، ޓޫރިޒަމް މިނިސްޓްރީން ހިސާބުކުރި ކުރުން ރަނގަޅު ކަމަށް ބަލައި އެންފޯސްމަންޓް ޕޮލިސީގެ ދަށުން ފިޔަވަޅު އަޅައި ބޭންކް އެކައުންޓްތައް ފްރީޒްކޮށް ދައުލަތުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ހުއްޓުވުމަކީ މީރާ އުފެއްދި މަޤްޞަދާ ޚިލާފަށް އެފަރާތުން ކުރަމުން ގެންދާ ކަންކަމެވެ.
ކުއްޔާއި ޖޫރިމަނާ އަދި އިންޓްރެސްޓްގެ ޢަދަދުތައް ކަނޑައެޅުމުގެ ބާރު ޤާނޫނީ ގޮތުން އެ އޮތޯރިޓީއަށް ލިބިގެން ނުވާކަމަށާއި އެ ޢަދަދުތައް ހިސާބު ކުރަނީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ކަމަށް މީރާއިން ބުނާ ބުނުމަށް ބަލާއިރު، ކުއްޔާއި ޖޫރިމަނާ އަދި އިންޓްރެސްޓްގެ ޢަދަދުތައް ހިސާބުކޮށް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބަށް މީރާއިން ފޮނުވާފައިވާ ސިޓީއެއް 2015 ވަނަ އަހަރުދައުލަތުގެ ފަރާތުން ވަނީ މައްސަލަތަކުގެ ތެރެއިން ކޯޓަށް ހުށަހަޅާފައެވެ. އެހެންކަމުން މީރާއިން ޢަމަލު ކޮށްފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި އެފަރާތުން ބުނާ ބުނުމާ މުޅީން ޚިލާފަށްކަން އެ ލިޔުންތައް ބެލުމުން ޔަޤީންވެއެވެ.
ސިވިލް ކޯޓުން ނިންމާފައިވާ މައްސަލަ ތަކުގެ ތެރެއިން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީއަށް ރައްދުވާ ގޮތަށް ދައުލަތުން އިސްތިއުނާފުކޮށްފައިވާ މައްސަލަ 21 މާޗް 2017 ގައި ވަނީ ދައުލަތާ އެއްކޮޅަށް ހައި ކޯޓުން ނިންމާފައެވެ. އަދި ހައިކޯޓުގެ ނިންމުން ނިންމިތާ އެއްދުވަސް ނުވަނީސް މީރާއިން ވަނީ ނޯޓިސް ދިނުމަކާ ނުލައި ވިލާ ޝިޕިންގގެ އެކައުންޓުތައް ފްރީޒްކޮށް ދައުލަތުގެ އިދާރާތަކުން ދޭ ޚިދުމަތްތައް މެދު ކަނޑާލައި 18.6 (އާށާރަ މިލިއަން ހަ ލައްކަ) އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ޢަދަދެއް މީރާއަށް ދެއްކުމަށް އަންގާފައެވެ. އަދި އެފައިސާ ދެއްކުމުންނޫނީ އެ ފިޔަވަޅުތަކަށް ލުޔެއް ނުދޭނެކަމަށް އަންގާފައެވެ. އަދި ފިޔަވަޅުތައް އަޅާފައިވަނީ ޖަވާބުދާރީ ވުމަށް ފުރުޞަތު ނުދިންތަނުގައި އެއްވެސް ނޯޓިސްއެއްވެސް ފޮނުވުމަކާނުލައެވެ. އެހެން ކަމުން ވިލާ ޝިޕިންގް މިހާރުވަނީ މީރާ އާއި ދެކޮޅަށް ސިވިލްކޯޓަށް މައްސަލަ ހުށައަޅާފައެވެ.
މިދެންނެވި ހަގީގަތްތަކާއި މީރާ އިން ފިޔަވަޅުތައް އަޅާގޮތާ ވަގުތަށް ބަލާއިރު މީރާއަކީ ޓެކްސް ޤާނޫނުތަކާ އެއްގޮތަށް ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަ ކަމާއެކު ޢަމަލު ކުރާބައެއްތޯ ގިނަބަޔަކު ކުރާ ސުވާލުގެ ފުރިހަމަ ޖަވާބެއް އެ ފަރާތުން ވިލާގެ މައްސަލަ ތަކާގުޅިގެން ޢަމަލުކުރާ ގޮތަށް ބެލުމުން ލިބިގެން ދާނެއެވެ.