ނަމުގައި ދަނީ ރަޙްމަތްތެރިންނާއި ބައްދަލު ކޮށްލާ، އެމީހުންނާއި އެކު ވަގުތުކޮޅެއް ހޭދަ ކޮށްލާށެވެ.
ނަމަވެސް އެމީހުންނާއިއެކު ކޮފީއަކަށް ދިޔަސް ނުވަތަ ހިނގާލަން ދިޔަޔަސް، އެންމެ ގިނައިން ކުރެވޭ ކަމަކީ ފޯނާއި ކުޅުމެވެ. ރަޙްމަތްތެރިންނާއި ދިމާވާ ވަގުތުން ފެށިގެން އެބައްދަލުވުން ނިމެންދެން ވެސް ފޯނުން އަތް ނުނެއްޓޭ މީހުން މަދެއް ނޫނެވެ. ގިނަ ފަހަރަށް މިފަދަ މީހުންގެ ރަޙްމަތްތެރިންވެސް އުޅެނީ މިފަދަ ހާލެއްގައެވެ. އެއް މޭޒެއްގެ ވަށައިގެން އެންމެން ތިބޭއިރު، ލޯތަށް ގެއްލިފައިވަނީ އެމީހެއްގެ މޮބައިލް ފޯނަށެވެ.
މީގެ އެންމެ މަޖާ އަނެއް ކަމަކީ، ވަރަށް ދުވަސް ފަހުން ރަޙްމަތްތެރިއަކާއި ދިމާވުމުން އެންމެ ފުރަތަމަ ކުރެވޭ ކަމަކީ އެންމެން އެއްކޮށް ފޮޓޯއެއް ނެގުމެވެ. ދެން އެންމެ އަވަހަށް ކޮށްލާ ކަމަކީ "މެޓް އާފްޓާރ ސޯ ލޯންގް" ނުވަތަ "ހޭންގިންގ އައުޓް ވިތު..." ޖަހާފަ، އެފޮޓޯ ސޯޝަލް މީޑިއާގައި އާއްމު ކުރުމެވެ. އާއްމުންނަށް އެފޮޓޯގެ ފުރިހަމަކަން ފެނުނަސް ފޮޓޯގެ ފުރަގަހުން ނުފެންނަ މަންޒަރަކީ، ފޮޓޯ ހަމަ ނެގުމާއިއެކީ އަނެއްކާވެސް ފޯނަށް ނަޒަރު ހިންގާ ހުރިހާ ސަމާލުކަމެއް ފޯނަށް ދެވުމެވެ. ރައްޓެއްސަކާއި ރައްޓެއްސެކެވެ. ފޮޓޯ އާއްމުކޮށް އެއަށް ލިބޭ "ލައިކްސް" ގުނުމާއި "ކޮމެންޓްސް" ކިޔުން މާ މުހިންމެވެ.
މިފަދައިން ކަންތައް ކުރުމުން އެކަކު އަނެކަކާއި އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވެއެވެ. ޙަޔާތުގައި ދިމާވާ އެކިއެކި ކަންތައްތައް ރަޙްމަތްތެރިޔާއާއި ހިއްސާ ކޮށްލަން އައުމުން، އޭނާ އިންނަނީ ފޯނަށް ގެއްލިފައެވެ. މިގޮތަށް ކަންތައް ކުރުމުން ރަޙްމަތްތެރިޔާ ފޫހިވުމުގެ އިތުރުން، ތިމާ މީހާއަށް އޭނާ އެހާ މުހިންމެއް ނޫނޭ ހިތައް އަރާ، އޭނާ ދައްކާ އެއްވެސް ވާހަކައެއް ވެސް ޙަޤީޤަތުގައި އަޑުއަހަން ބޭނުމެއް ނުވެއޭ ވެސް ހިތައްއަރާފާނެއެވެ. މީގެ އިތުރުން ދެން އެއްވެސް ވާހަކައެއް ޙިއްސާ ކުރަން ބޭނުން ވެސް ނުވެދާނެއެވެ.
މިފަދައިން ކަންތައް ކޮށްފައި، ފަހުން އޭނާ ބުނަން އުޅުން ވާހަކަ އެހެން ގޮތަކަށް ތިމާއަަށް އެނގުމުން، "އަހަރެން ކައިރީ ބުނެވެސް ނުލައޭ، އަންގާވެސް ނުލައޭ" ނުބުނާށެވެ. އެވާހަކަ ދެއްކިޔަނުދިނީ ތިމާކަން ޤަބޫލު ކުރާށެވެ.
ފޯނަކީ ވެސް ދިރިއުޅުމުގައި މުހިންމު އެއްޗެކެވެ. ނަމަވެސް މީހަކާއި ބައްދަލު ކުރާއިރު، ފޯނަށް ގެއްލުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެމީހާ ވެސް ތިމާއާއި ބައްދަލު ކުރަން އެއަންނަނީ ވަގުތު ތަކެއް ނަގާލާފައިކަން ދަންނާށެވެ. އޭނާ ދޭ ވަގުތުކޮޅަށް އިޚްތިރާމްކޮށް ތިމާވެސް އޭނާއަށް ރަނގަޅަށް ވަގުތު ދޭށެވެ. ވަރަށް މުހިންމު ކަމެއްގައި ނޫނީ، އެފަދަ ވަގުތުތަކު ފޯނުގައި އަތް ނުލާށެވެ.