ހަތަރު ވައްތަރެއްގެ ބެލެނިވެރިކަން

ކިޔުމަށް ހޭދަވާނީ 4މ 22ސ
ހަތަރު ވައްތަރެއްގެ ބެލެނިވެރިކަން
ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހެއްގެ ދަރިން އެންމެ ރަނގަޅަށް ބަލާ، ބޮޑުކުރަންކަން ހަމަ ޔަޤީނެވެ. އެހެންކަމުން ދަރިން ބެލުމަކީ ނުވަތަ ބެލެނިވެރިކަން ކުރުމަކީ އެހާ ފަސޭހަ ކަމެއް ކަމުގައި އަސްލު ނުވެއެވެ.

ދަރިން ބެލުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް ވަރަށް ގިނައެވެ. އެންމެ ތުއްތު އިރުން ފެށިގެން، އެކުދިންނަށް ރީތި އާދަތައް ދަސްކޮށްދީފިނަމަ، އޭގެ ފައިދާ އެކުދިން ބޮޑުވުމުން ވެސް ކުރާނެއެވެ. އަދި ދަރިންނާއި މެދު ތިމާ ފަޚުރުވެރިވެ އުފާވެސް ވާނެއެވެ.

އަހަރުމެން އެންމެންނަކީ ވެސް ތަފާތު ގޮތްގޮތަށް ދަރިން ބަލާ މީހުންނެވެ. ކުޑަކުދިންގެ ސައިކޮލޮޖިސްޓުން ކޮށްފައިވާ ދިރާސާ ދައްކާގޮތުންނަމަ ހަތަރު ވައްތަރެއްގެ ބެލެނިވެރިން އުޅެއެވެ.

• "އޮތޮރިޓޭރިއަން" ބެލެނިވެރިކަން

އޮތޮރިޓޭރިއަން ބެލެނިވެރިކަމުގައި ހުރިހާ ޤަވައިދެއް ހަދާފައި ހުންނާނީ ބެލެނިވެރިޔާއެވެ. ދަރިންނަށް ނުވަތަ ކުޑަ ކުއްޖާއަށް އެކަމުގައި އެއްޗެއް ނުބުނެވޭނެއެވެ. ބެލެނިވެރިޔާ ކަމެއް ކުރަން ބުނުމުން އިތުރު ސުވާލެއް ބަހަނާއެއް ނެތި އެކަން ކުރަން ވާނެއެވެ. ބައެއްފަހަރު ދަރިން އެކަމާއި އެއްޗެއް ބުނެފިނަމަ، ބެލެނިވެރިޔާ ދޭ ޖަވާބަކީ "އެއީ އަހަރެން ބުނީތީ" އެވެ.

އަނެއް ބައި ފަހަރު، ބުނާ ގޮތް ނުހަދައިފިނަމަ، އަދަބު ދެއެވެ. މިފަދަ ބެލެނިވެރިން ގެންގުޅެނީ ވަރަށްވެސް ހަރުކަށި ގަވައިދު ތަކެކެވެ. ދަރިންނަށް ބޭރަށް ނިކުތުން ވެސް ނުވަތަ މާގިނައިން ކުޅުންވެސް މަނާ ކުރާނެއެވެ. އިށީންދެގެން އިނަން ޖެހޭނީވެސް ބެލެނިވެރިޔާ ބުނާ ގޮތަށެވެ. މިއީ ދަރިންނަށް "ރީތީ އަޚުލާޤު" ދަސްކޮށް ދިނުމަށްޓަކައި އެފަދަ ބެލެނިވެރިން ކުރާ ކަމެކެވެ.

މިފަދައިން ބެލެނިވެރިކަން ކުރާ މީހުންގެ ދަރިންނަށް ފަހުން ކުރާ އަސަރު ވަރަށްވެސް ހިތާމަވެރިއެވެ. މާބޮޑަށް ހިފެހެއްޓުމުގެ ސަބަބުން، ކުޑައިރު މައިންބަފައިން ނުވަތަ ބެލެނިވެރިޔާދެކެ ބިރުގަތް ކަމުގައި ވިޔަސް ބޮޑުވަމުން އަންނަ ވަރަކަށް ބެލެނިވެރިޔާ ދެކެ ރުޅިއައިސް ނަފްރަތު ކުރާނެއެވެ. އެކުދިންނަށް އެއްވެސް މިނިވަންކަމެއް ނެތޭ ހީކޮށް، ބޮޑުވެގެން މިނިވަންކަން ލިބުމުން، އެކަމާ އުފަލުންގޮސް މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނެގެވެ. ނުބައި މަގުވެސް ބައެއް ފަހަރު އިޚްތިޔާރު ކުރެވެއެވެ. އާއްމުގޮތެއްގައި އެކުދިންނަށް، ދޮގު ހަދަން ދަސްވަނީ މިފަދަ ބެލެނިވެރިކަމުގެ ސަބަބުންނެވެ.

• "އޮތޮރިޓޭޓިވް" ބެލެނިވެރިކަން

އޮތޮރިޓޭޓިވް ބެލެނިވެރިކަމުގައި ވެސް ގަވައިދު ހުރެއެވެ. ނަމަވެސް، މިފަދަ ބެލެނިވެރިކަމުގައި ދަރިންނަށް ކޮނެމެވެސް ވަރަކަށް ދޫވެސް ދެއެވެ. ބައެއް ކަންކަން ދަރިން ބޭނުންވާގޮތަށް ކުރުމުގެ އިތުރުން، ރަނގަޅު ކަމެއް ކުރުމުން ތަޢުރީފުވެސް ކުރެއެވެ. ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ އެންމެ ފުރަތަމަވެސް އަދަބު ދިނުމުގެ ބަދަލުގައި މިފަދަ ބެލެނިވެރިން ބަލާނީ އެއީ ގޯސްކަމެއްކަން ދަރިންނަށް ވިސްނާ ދެވޭތޯ އެވެ. އަދަބެއް ދޭނީ އެކަމެއް މާބޮޑަށް ތަކުރާރު ވެއްޖެނަމައެވެ.

މިފަދައިން ބަލާ ދަރިން ބޮޑުވަނީ ވަރަށް އުފަލުގައެވެ. އަދި ދިރިއުޅުމުގައި ކާމިޔާބީ ހޯދާ ރިވެތި އަޚުލާޤުވެސް މިފަދަ ދަރިންގެ ކިބައިގާ އަށަގެންފައި ހުރެއެވެ. އެހެން މީހުންގެ އިޙުސާސުތައް ވެސް އެފަދަ ކުދިންނަށް އެނގެއެވެ. މިފަދަ ދަރިން އުފާވާ އެންމެ ބޮޑު އެއް ކަމުގެ ތެރޭގައި، މައިންބަފައިން އިތުބާރު ކުރުން ވެސް ހިމެނެއެވެ. އެކުދިންގެ މައިންބަފައިން ދެކެ އެކުދިން ވަރަށް ބޮޑަށް ލޯބިވާނެއެވެ.

• "ޕަރމިސިވް" ބެލެނިވެރިކަން

ޕަރމިސިވް ބެލެނިވެރިކަމުގައި، ބެލެނިވެރިޔާގެ ދައުރު ވަރަށް ކުޑަވާނެއެވެ. މިފަދަ ބެލެނިވެރިން ދެކޭގޮތުގައި އެމީހުންގެ ދަރިން ދެކެ "ލޯބި" ވުމަކީ އެދަރިން ބުނާހާ ކަމެއް ކޮށްދިނުމެވެ. ގޯސްކޮށް ކަމެއް ކުރެވުނަސް އެއީ "ކިއުޓް" ކަމެއް ކަމުގައި ދެކި، އެކަމާ އަޅައެއް ނުލާނެއެވެ. ނުވަތަ އެކަން ޖޯކަކަށް ނެގައައެވެ. އަދި އެހެން މީހަކު މިފަދަ މީހުންގެ ބެލެނިވެރިކަމުގެ ދަށުގައި ހުންނަ ދަރިއަކާ/ކުއްޖަކާ ދިމާލަށް އެއްޗެއް ބުނެފިނަމަ، އެމީހަކަށް ދެވަރުން އެއްވަރުން ކޮށްލައެވެ.

މިފަދައިން ކަންތައް ކުރުމުން ދަރިން ވަރަށް ބޮޑަށް ހަލާކުވެ އެކުދިންނަށް ވަރަށް ނޭދެވޭ އަސަރުތަށް ކުރެއެވެ. އެކުދިންނަށް ރީތި އަޚުލާޤު ނޭނގުމުގެ އިތުރުން ބޮޑެތި މީހުންނަށް އިޚްތިރާމް ކުރަންވެސް ނޭނގޭނެއެވެ. އަދި އެހެން މީހުންގެ އިޙުސާސްތަކެއް ވެސް ނޭނގޭނެއެވެ. މިފަދައިން ބޮޑުވާ ދަރިން، ދިރިއުޅުމުގައި އަބަދުވެސް ބޭނުންވާނީ ހުރިހާ ކަމެއް ވެސް "ހާސިލް" ކުރާށެވެ. އެކަން ކުރުމަށް ކޮންމެ ފަދަ ކަމެއް ވެސް ކުރަން އެކުދިން ތިބޭނީ ތައްޔާރަށެވެ.

• "ނިގްލެކްޓްފުލް" ބެލެނިވެރިން

ނިގެލެކްޓްފުލް ބެލެނިވެރިންނަކީ އެންމެ ކަންނެތް ބެލެނިވެރިންނެވެ. އެމީހުން ތިބޭނީ އަމިއްލަ ކަންކަމަށް ގޮސް ހުސްވެފައެވެ. ދަރިންގެ ކަންކަމާއި އެވަރަކަށް ނޫޅޭނެއެވެ. ގިނަ ފަހަރަށް ދަރިން އެމީހުންގެ ކައިރީގައި އެނބުރޭއިރުވެސް، އެމީހުންނަކަށް ނޭނގޭނެއެވެ. މިފަދަ ބެލެނިވެރިން ދެކޭ ގޮތުގައި، ކާންބޯންދީ އުނުއޮރިޔާން ނިވާކޮށްދެވުނީމަ ދަރިން ބެލުނީއެވެ.

ދަރިންނާއި ވާހަކަ ދައްކާ، އެކުދިންނާއިއެކު ވަގުތުކޮޅެއް ހޭދަ ކުރުމަށްވުރެ މުހިންމު ކަންކަން މިފަދަ ބެލެނިވެރިންނަށް އޮވެއެވެ.

މިއީ ވަރަށްވެސް ހިތާމަވެރިކޮށް ދަރިންބަލާ ބެލެނިވެރިންނެވެ. އަދި ގިނަ ފަހަރަށް މިފަދަ މީހުންގެ ދަރިން މަގުން ކައްސާލާ، ނުބައި މަގު އިޚްތިޔާރު ކުރެވެއެވެ. އެކުދިން ދޭ ޖަވާބަކީ "މައިންބަފައިން އަޅައެއް ނުލައޭ. ދެން އަޅާލާ ބައެއް ކައިރިއަށް ނޫންހޭ ދާނީ" މިއީ އެވެ. މަގުން ކައްސާލާ ދަރިން ހެޔޮ މަގަށް އެޅުވޭނީ އުނދަގުލުންނެވެ.

މިއީ ދަރިންބަލާ ހަތަރު ވައްތަރެއްގެ ބެލެނިވެރިންނެވެ. މިތަނުން ތިމާ އިޚްތިޔާރު ކުރާނީ ކޮންކަހަލަ ބެލެނިވެރިކަމެއްތޯ، ދަރިންގެ މުސްތަޤްބަލަށް ވިސްނާފައި، ވަގުތު ފާއިތު ނުވަނީސް އަމިއްލައަށް ގޮތެއް ނިންމާށެވެ.

މިއަދު އޮންލައިން